twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސިއްހީ ދާއިރާގެ ތަރައްގީއަށް އަންނަ އަހަރު ބަޖެޓްގައި 5 ބިލިއަން

ނަބީލާ އިސްމާޢީލް
Oct 31, 2022

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފަސް ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑު-19 ގެ އާލަމީ ވަބާއިން ދުނިޔެއަށް ލިބުނު ފިލާވަޅުން، ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އެގޮތުން މުޅި ސިއްހީ ދާއިރާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފަސް ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްވެވި ބަޖެޓް ބަޔާނުގައި ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް އެއް ހަމަ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް އެއް ހަމަ ކުރާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށް ދާ ކަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ ފަސް ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، ތިން ގުނަ އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ.

ރަނގަޅު ސިއްހީ ފަރުވާ ލިބިގެން ދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އެދުމެއް ކަމަށާއި ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓު އިތުރުކޮށްދީފައި ވާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓްކުރެވިފައި ވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355