twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަންނަ އަހަރު ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

ނަބީލާ އިސްމާޢީލް
Nov 1, 2022
1

އަންނަ އަހަރު ތައުލީމީ ދާއިރާއަށް ލަފާކުރާ ބަޖެޓެއްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ތޫނުފިލި އުފެއްދުންތެރި އިލްމީ ޖީލެއް ބިނާކުރުމަކީ މިސަރުކާރުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކުރުން ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ތައުލީމީ ދާއިރާއަށް ދެވޭ އެންމެ ބޮޑު ބަޖެޓް ކަނޑައަޅާފައި ވާނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަމަށެވެ.

ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"މިއީ ދިވެހީން އެދޭގޮތަށް، ދިވެހީންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް އަންނަ އަހަރު ހިންގުމަށް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ތަނަވަސްކޮށް ދެވިފައިވާ ކަމަށެވެ. އެގޮތުން ހިލޭ ޑީގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް 166.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355