twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެއްޓެއް ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Nov 28, 2022

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓާއެކުއެވެ. ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓުދެއްވާފައިވެއެވެ.

ދައުލަތުން މިއަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެގޮތުން ކޮމިޓީން ވަނީ 161 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް އިސްކަން ދިނުމަށް ހުށަހަޅާފައެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ނަމަ، ލަސްނުކޮށް ހުށަހެޅުމަށް ވެސް ކޮމިޓީން ރިކޮމެންޑޭޝަނުގައި ހިމަނާފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި 5.8 ބިލިއަން ރުފިޔާގެ ބަޖެޓްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ބަޖެޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓަށް ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ބަޖެޓް އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަޝްރޫއާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއު، ތެލުގެ ސަބްސިޑީ، ސިފްކޯ ހައުސިން މަޝްރޫއު އަދި އާސަންދަ ހިމެނެއެވެ.

ކޮމިޓީއިން ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

މިއަދު ބަޖެޓް ފާސްކޮށްފައިވާއިރު, އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355