twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުޅުތަކުގެ އޮޕަރޭޝަން ކޭމްޕެއް ފަށައިފި

މުޙައްމަދު އަހުމަދު
Nov 22, 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށައިފި އެވެ. މިކޭމްޕު ކުރިއަށްދާނީ މިމަހުގެ 22 ން 24 ގެ ނިޔަލަށެވެ.

މި ކޭމްޕުގައި އާރތުރޮސްކޯޕިކް ސާރޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިޔަށްދާނެ އެވެ. އަދި މި

ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި (އައިޖީއެމްއެޗް) ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެންނެވެ.

މިގޮތުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކަށީގެ ޑޮކްޓަރު، އަދި ނޭޝަނަލް ހެލްތު ކެއަރ އެކަޑަމީގެ ވައިސް ޑީން ކަން ވެސް ކުރައްވާ، ސީނިއަރ ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ހުސައިން ޝަކީލް އިސްވެ ކުރައްވާ މި އޮޕަރޭޝަންތަކުގައި، އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ، ޑރ. އަސްޢަދް މުހައްމަދު ޝަހީދު އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. އަލީ މަފާޒް ރަޝީދު ބައިވެރިވާނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

އާރތުރޮސްކޯޕިކް ސާރޖަރީ ކޭމްޕުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދީ ކާމިޔާބު ކަމާއެކު މި ކޭމްޕު ކުރިޔަށް ގެންގޮސް ނިންމާލުމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓުން ކަމުގައިވާ ޑރ. ގޮޑާ، ޑރ. އަދްލީ އަދި ޑރ. ޕަރާޝްގެ އިތުރުން، ނަރުހުންގެ ޓީމް އަދި ގުޅުންހުރި ފަރާތްތަކުން ދަނީ ކުރިއަށް މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ކޭއާރުއެޗުން ހާމަކުރެ އެވެ.

މިގޮތުން ބޭނުންވާ އާލާތްތައް ހަމަކޮށް، އޮޕަރޭޝަން ކުރެވޭނެ ފަރާތްތައް މިކަމަށް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު މި ކޭމްޕުގައި ކުރެވޭ އޮޕަރޭޝަންތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމް އަމަލީ ގޮތުން ހަރަކާތްތެރިވާނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

މިމަހުގެ 6 ން 9 ށް ގެންދެވުނު ލެޕަރޮސްކޯޕިކް ސާރޖަރީއާއި އެއްގޮތް ކަމެއް ހުންނަ އާރތުރޮސްކޯޕިކް ސާރޖަރީއަކީ ވެސް ކީހޯލް ސާރޖަރީ ނުވަތަ ކެމެރާގެ ޒަރީއާއިން ބަލައިގެން ކުދި ކެފުންތަކަކާއި އެކު ކުރެވޭ އޮޕަރޭޝަނުގެ ވައްތަރެކެވެ.

ލެޕަރޮސްކޯޕިކް ސާރޖަރީތައް ހަށިގަނޑުގެ ކެވެޓީތަކަށް ހާއްސަވެފައި ވާއިރު، އާރތުރޮސްކޯޕިކް ސާރޖަރީއަކީ ހުޅުތަކުގެ އޮޕަރޭޝަންތަކެކެވެ. މިގޮތުން ކުޅިވަރު ކުޅުމުގައި ހުޅުތަކަށް ލިބިފައި ހުންނަ އަނިޔާތައް (ސްޕޯރޓްސް އިންޖަރީސްތައް)، އާރތުރޮސްކޯޕިކް ސާރޖަރީ މެދުވެރިކޮށް ރަނގަޅު ކުރެވި ކަސްރަތުގެ އެހީގައި އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އެހީތެރި ވެދެ އެވެ. މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ޝަކީލަކީ މިފަދަ އެތައް ކުޅުންތެރިންނެއް ކުޅިވަރަށް ރުޖޫޢަކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

މި ކޭމްޕުގައި ކަކުލުހުޅުގެ އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އޮޕަރޭޝަނަށްފަހު ހޭދަވާ މުއްދަތަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމުގައި ޑޮކްޓަރު ފާހަގަ ކުރައްވާކަމަށާއި މިގޮތުން ފުރަތަމަ 6 މަސްދުވަހުގެ މުހިންމުކަން ހާއްސަކޮށް ފާހަގަ ކުރައްވަމުން ޑޮކްޓަރު ބުނެފައިވަނީ ފުރަތަމަ 3 މަހާއި ބައި، ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާރޓްމެންޓުން ފަރުވާ ހޯދަންވާނެ ކަމަށެވެ. އަދި އޭގެފަހުން، ކަމުގެ މާހިރުންގެ ލަފަޔާއެކު ކަސްރަތު ކުރިޔަށް ގެންދަންވާނެ ކަމަށެވެ. މިގޮތުން ފީނުން އަދި މޫދުގައި ކުރެވޭ ކަސްރަތުތަކުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވިކަމަށް ކޭއާރުއެޗުން ބުނެ އެވެ.

ހުޅުތަކުގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ އެތައް ބަޔަކު މި ސަރަހައްދުގައި ތިބުމާއެކު، މިފަދަ އިތުރު ކޭމްޕުތައް މާދުރުނޫން މުސްތަޤްބަލެއްގައި ބޭއްވުމަކީ ހޮސްޕިޓަލުގެ އަމާޒެއްކަމަށް އަދި މިގޮތުން މިކަމުގެ ނީޑް އެނަލިސިސް އެއް ހަދާލުމަށް، ކުރީގެ މެޑިކަލް ރެކޯޑްތައް ބެލުމުގެ އިތުރުން، ކޭމްޕު އިއުލާންކޮށް ހޭދަވި 17 ގަޑިއިރެއްހާ އިރުގެ ތެރޭގައި ޖުމްލަ 56 ފަރާތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ނަންނޯޓް ކޮށްފައިވާކަން ވެސް ކޭއާރުއެޗުން ފާހަގަކުރި އެވެ.

މިފަހަރުގެ ކޭމްޕުގައި ޖުމްލަ 3 ދުވަހުގެ ތެރޭގައި 9 އޮޕަރޭޝަން ކުރުމަށް ވަނީ ރޭވިފައެވެ. އަދި ވަގުތު ތަންދޭނަމަ އިތުރު އޮޕަރޭޝަންތައް ކުރެވޭނެ އެވެ. މި ހިދުމަތަކީ ރައްޔިތުން ނުހަނު ބޭނުންވެފައި ހިދުމަތެއް ކަމުން، މިފަދަ ކޭމްޕުތައް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ކުރެވިގެންދާނެކަމަށާއި މިފަދަ އޮޕަރޭޝަންތައް ކުރުމަށް މިވަގުތު އޮތް އެންމެ ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ކޭއާރުއެޗުން ބުނެ އެވެ. އެގޮތުން އޮޕަރޭޝަން ތިއޭޓަރުތައް މަދުވުން އަދި ރިހެބިލިޓޭޝަން ނުވަތަ ފިޒިއޮތެރަޕީ ފަރުވާ ދިނުމަށް އޮތް ޖާގައިގެ ދަތިކަން ވެސް ކޭއާރުއެޗުން ފާހަގަކުރި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލުތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށް ކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ޚިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތްތައް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

އަދި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ މެޝިނަރީއާއި އާލާތްތައް އިތުރުކުރެވި، މި ހޮސްޕިޓަލުގައި ކުރެވޭ ކަށީގެ އަދި ޓްރޯމާ އޮޕަރޭޝަންތައް އިތުރުވެގެން ދިއުންވާނީ، މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެދާންޖެހޭ ފަރާތްތަކަށް މާލީ ގޮތުން ލިބޭ ބޮޑު ލުޔަކަށް ކަމަށް ކޭއާރުއެޗުން ބުނެ އެވެ. އަދި އާއިލާގެ ގިނަ ބަޔަކު ކައިރީގައި ތިބެ މިފަދަ ހިދުމަތްތައް ލިބެން ފެށުމަކީ އާންމު ރައްޔިތު މީހާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަން ވެސް އެހޮސްޕިޓަލުން ފާހަގަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355