ޖަޕާނުން ވޯލްޑްކަޕުގެ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް ދުނިޔެއަށް ސިހުން ގެނުވި މެޗުގައި ވެސް މެޗު ނިންމާލުމަށްފަހު އުފާފާޅުކުރުމުގެ ކުރިން ޖަޕާނުން ރީތި އާދައެއް ދައްކާލައިފި އެވެ.
2 - 1 ޖަރުމަނު އަތުން ޖަޕާން މޮޅުވި މެޗަށް ފަހު އުފާފާޅުކޮށް ޕާޓީ ކުރުމުގެ ކުރިން އެގައުމުގެ ސަޕޯޓަރުން ވަނީ އެމީހުން މެޗު ބަލަން ތިބި ސަރަހައްދު ސާފުކޮށްފަ އެވެ.
އާންމުކޮށް ފުރިހަމަ ވަގުތު ހަމަވާއިރު މުޅި ސްޓޭންޑްތައް އޮންނަނީ ކާ އެއްޗެހި އަޅާ ޓްރޭތަކާއި ޕެކެޓާއި އެކި އެއްޗެހި ބަންދުކުރާ ރެޕާސްތައް އަދި ހުސް ތަށްޓާއި އެއްޗެހިން ހަޑިވެފަ އެވެ. ނަމަވެސް އެކަމުގައި ވެސް ޖަޕާނުން މިވަނީ ނަމޫނާ ދައްކާފަ އެވެ.
އެމީހުން ހަޑިކުރި ތަންތަން އެމީހުން ވަނީ މެޗަށްފަހު ސާފުކުރަން މަޑުކޮށްފަ އެވެ. ޖަޕާނުން އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި 3 - 2 ން ބެލްޖިއަމް އަތުން ބަލިވި މެޗުގައި ވެސް ސަޕޯޓަރުން ވަނީ ދަނޑު ސާފުކޮށްފަ އެވެ. އެފަހަރު ވެސް ޖަޕާނުން ހުރިހާ މެޗެއްގައި ވެސް ކަންކުރީ އެރީތި އާދައިގެ ތެރެއިންނެވެ.
އަދި ޖަޕާން ނުކުޅޭ މެޗެއް ކަމުގައިވާ ގަތަރާއި އެކުއެޑޯ ބައްދަލުކޮށް މިފަހަރުގެ ވޯލްޑް ކަޕް ހުޅުވި މެޗުގައި ވެސް އެމީހުން ހަމަ ކަންތައް ކުރީ އެގޮތަށެވެ. ޖަޕާނުގައި ސާފުތާހިރު ކަމަކީ އެގައުމުގެ އާދަކާދައިގެ ވަރަށް މުހިންމު ބައެކެވެ. އަދި އެންމެ ކުޑައިރުއްސުރެ މީހުން ކިބައިގައި އަށަގަންނަވަމުން އަންނަ ރިވެތި ސިފަ އެކެވެ.
ބީބީސީން ރިޕޯޓުކުރި ގޮތުގައި 2018 ވަނަ އަހަރު އޮސާކާ ޔުނިވާސިޓީގެ ޕްރޮފްސަރެއް ކަމަށްވާ ސްކޮޓް ނޯތު ބުނެފައިވަނީ ސާފުކުރުން އެއީ ޖަޕާނު މީހުން އެމީހުންގެ ދިރިއުޅުމުގެ ފަހުރުކަން އެހެން މީހުންނަށް ބުނެދޭ ގޮތް ކަމަށެވެ.
"ފުޓްބޯޅަ މެޗުތަކަށް ފަހު އެތަނެއް ސާފުކުރުން އެއީ އެންމެ އާދައިގެ ކަންކަން ނަމަވެސް އެކަން ކުރަން ޖެހޭކަމަކީ ސްކޫލުގައި ވެސް އެގައުމުގައި ކިޔައިދޭ ކަން ކަންކަމަށާއި އެގައުމުގައި ދަރިވަރުން އެކުދިންގެ ކްލާސް ރޫމްތަކާއި ހޯލްވޭ ވެސް ސާފުކުރާ ކަމަށެވެ.
ގްރޫޕް އީގައި ހިމެނޭ ޖަޕާނުން ދެން އޮތް މެޗުގައި އާދިއްތަ ދުވަހު ކޮސްޓަ ރިކާއާ ދެކޮޅަށް ނުކުންނައިރު އަންނަ ހަފްތާ ބުރާސްފަތި ދުވަހު ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.
ވޯލްޑް ކަޕުން މޮޅުނުވިކަމުގައި ވިޔަސް މިހާރު ވެސް އެގައުމުގެ ފޭނުންނަކީ ޗެމްޕިއަނުންނެވެ. މެޗަށްފަހު ޖަޕާނުގެ ކުޅުންތެރިން ވެސް އެޓީމުގެ ޑްރެސިންގ ރޫމް ސާފުކުރެ އެވެ.