twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެމްބޯލޯގެ ލަނޑުން ކެމަރޫންގެ މައްޗަށް ސްވިޒަލޭންޑުން މޮޅުވިއިރު އުރުގުއޭއާއި ދެކުނު ކޮރެއާ އެއްވަރު

މުޙައްމަދު އަހުމަދު
Nov 24, 2022

މިއަދުގެ މެޗުތަކުގައި ސްވިޒަލޭންޑުން ކެމަރޫން ބަލިކުރިއިރު އޭޝިއާގެ ގަދަބާރެއް ކަމުގައިވާ ދެކުނު ކޮރެއާއާއި ދެކުނު އެމެރިކާގެ އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.

މިއަދު އަލް ޖަނޫބް ސްޓޭޑިއަމްގައި ސްވިޒަލޭންޑުން ކެމަރޫންއާ ދެކޮޅަށް ނުކުތްއިރު މެޗު ކާމިޔާބުކުރީ 1 - 0 ގެ ހަނިތަފާތަކުން ސްވިޒަލޭންޑުންނެވެ.

އެއްވަރު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފެނުނު ހަމައެކަނި ގޯލު ސްވިޒަލެންޑަށް ޖަހައިދިނީ ކެމަރޫންއަށް އުފަން ބްރީލް އެމްބޯލޯ އެވެ. މިލަނޑަކީ ޒަރްދާން ޝަގީރީ ހުރަހަކުން އެމްބޯލޯ ކާމިޔާބުކުރި ލަނޑެކެވެ.

އެމްބޯލޯއަކީ ސްވިޒަލޭންޑަށް ކުޅޭ ކުޅުންތެރިޔެއް ނަމަވެސް އޭނާއަކީ ކެމަރޫނަށް އުފަން ކުޅުންތެރިޔެއްކަން ފާހަގަކޮށްލެވެ އެވެ. މިމެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ގިނަ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.

މިއަދުގެ އަނެއް މެޗުގައި އުރުގުއޭ ދެކުނު ކޮރެއާ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މީގެކުރިން 11 ފަހަރު މަތިން ދެޓީމު ބައްދަލުކުރިއިރު ލަނޑެއް ނުޖެހި ނިމުނު މީ ފުރަތަމަ މެޗެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި އުރުގުއޭގެ ޑާވިން ނޫނޭޒްއާއި ލުއިސް ސުއަރޭޒްގެ ކުޅުން ފާހަގަވެގެންދިޔަ އެވެ. ނަމަވެސް އެކުޅުންތެރިންނަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނެވެ.

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅޭ ކޮރެއާގެ ތަރި ސޮން ހެއުން މިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނުއިރު އުރުގުއޭގެ ޑިފެންސަށް އެންމެ ބޮޑަށް އުދަނގޫކުރި އެއްކުޅުންތެރިޔަކީ ސޮން އެވެ. އުރުގުއޭ ޑިފެންޑަރުން ކުޅެމުން ދިޔައީ ސޮންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ސަމާލުވެގެންކަން މުޅި މެޗުން ވެސް ފާހަގަކޮށްލެވުނެވެ.

ކޮރެއާއަށް ވެސް ލަނޑު ޖަހަން ހުސް ފުރުސަތުތައް މެޗުގެ ތެރެއިން ލިބުނެވެ. ނަމަވެސް އެޓީމުގެ އުއީ ޖޯ ހްވާންއާއި ސޮންގެ ހަމަލާތައް ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މެޗު ނިންމާލަން ޖެހުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355