ކުޅުދުއްފުއްޓަށް އުފަން ކުޅަދާނަ ރައިޑަރު މާހިދުއޭ ބުނުމުން ނޭނގޭ ބަޔަކު މަދުވާނެ އެވެ. ސައިކަލުތަކަށް އޭނާގެ ހިތުން ބޮޑު ޖާގައެއް އަދި ލޯތްބެއް ދެއްވިފައިވާ ކުޅުދުއްފުށީ، ސިތުރާގެ މާހިދު މުހައްމަދަކީ މިހާރު ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރި އެކެވެ.
ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން އެންމެ 24 އަހަރުގެ މާހިދު އަކީ ކުޅުދުއްފުށީގައި މިވަގުތު ހުރި އެންމެ މޮޅު އެއް ރައިޑަރޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. 2016 ވަނަ އަހަރުން ފެށިގެން ރޭސް ޖަހާ މޮޓޯ ސްޕޯޓްސް ކުޅިވަރުގައި ފާހަގަކޮށްލެވެމުން އައި މާހިދު ގިނަ ބައެއްގެ ނަޒަރުގައި އަޅައިގަތީ ހުޅުމާލޭގައި ދާދިފަހުން ނިމިގެންދިޔަ ރާސް ޗެމްޕިއަންޝިޕް ގްރޭންޑް ފައިނަލުގެ ތެރެއިންނެވެ.
ރާއްޖޭގެ އެންމެ މޮޅެތި ރައިޑަރުން ފަހަތަށް ޖައްސާލާ ސުޕަރ ބައިކް ކިންގެއްގެ ގޮތުގައި އޭނާ ފާހަގަވެގެން ވަނީ ގޮސްފަ އެވެ. އެކެޓަގަރީން ނަން މަޝްހޫރު ރައިޑަރެއް ކަމަށްވާ އަންސޯލްޓެޑް ރޭސިންގެ ހަމްދޫން ނަސީރު (އޮމްޕި) ބަލިކޮށް މާހިދު ވަނީ ސުޕަރ ބައިކް ބިލޯ 1000 ސީސީއާއި ސުޕަރ ބައިކް އޯޕަން އިވެންޓްގެ ރާސް ކިންގްކަން ހާސިލްކޮށްފަ އެވެ.
މީގެކުރިން ގިނަ ކާމިޔާބީތަކެއް ނުލިބުނު ކަމުގައިވިޔަސް މިކާމިޔާބީއާއެކު ކުޅުދުއްފުއްޓާއި މުޅި ރާއްޖޭގެ މޮޓޯ ސްޕޯޓްސް ތާރީހުގައި މާހިދުގެ ނަން ރަން އަކުރުން ލިޔެވިގެންދާނެ އެވެ. އެކުވެރިންނާއި ބޭބެމެން ރޭސް ޖަހާތަން ފެނި މިކަމުގެ ތެރެއަށް ވަދެގެން އައި މާހިދު ބުނާ ގޮތުގައި އޭނާގެ އެންމެ ބޮޑު އުއްމީދަކީ ރާއްޖޭގައި ބާއްވާ އިވެންޓްތަކުން މޮޅުވާ ރައިޑަރުންނަށް ބައިނަލްއަގްވާމީ ލެވެލްގައި ރޭސް ޖެހޭނެ ފުރުސަތު ފަހިވެގެން ދިއުން ކަމަށެވެ.
އަދި ބައިނަލްއަގްވާމީ ލެވެލްގައި ވާދަކުރުމަކީ ވެސް މޮޓޯ ސްޕޯޓްސް ދާއިރާއިން އަރަމުން އަންނަ މާހިދު ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ. މިފަހަރުގެ އިވެންޓަށް މިދިޔަ މަހުން ފެށިގެން ތައްޔާރުވަމުން އަންނަ ކަމަށާއި އިވެންޓަށް ސައިކަލު ތައްޔާރުކުރީ ވެސް ވަރަށް ކުޑަ ވަގުތުކޮޅެއް ތެރޭގައި ކަމަށް މާހީ ބުންޏެވެ. ރާއްޖެއިން ބޭރުން ސައިކަލަށް ބޭނުންވާ ސާމާނު ގެނައުމަށްފަހު ސައިކަލު ހެދުމަށް ހޭދަވީ ހަފްތާއެއްހާ ދުވަހުގެ މަސައްކަތް ކަމަށް އޭނާ ބުނެ އެވެ.
އަދި ސައިކަލުގެ ސާމާނުތައް ގެނެސްދީ އެކަމުގައި އެންމެ ބޮޑު އެހީއެއް ވެދިން މަހްރޫސްގެ ނަން މާހިދު ފާހަގަކޮށް އޭނާއަށް ވަނީ ބޮޑު ޝުކުރެއް އަދާކޮށްފަ އެވެ. މާހިދުގެ ރޭސިންގ ކެރިއަރުގައި އޭނާއަށް މިހާތަނަށް ލިބިފައިވާ އެންމެ އުފާވި ކާމިޔާބީއަކީ މިފަހަރުގެ ރާސް ޗެމްޕިއަންޝިޕުން ލިބުނު ކާމިޔާބީކަމަށް އޭނާ ބުނެފައިވެ އެވެ. މިފަހަރުގެ ރޭހުގައި އޭނާ ވަނީ ސުޕަރ ބައިކް އިވެންޓްތަކުގެ އިތުރުން 125 ސީސީ ޓްރޫ ސްޓްރީޓް އިވެންޓްގައި ރާއްޖޭގެ ކުޅަދާނަ ރައިޑަރު އިބްރާހިމް އަލީ (އިބީ)އާ ވާދަކޮށް އެއިވެންޓްގެ ޗެމްޕިއަންކަން ވެސް ހާސިލްކޮށްފަ އެވެ.
""އުއްމީދެއް ނުކުރަން އަސްލު އެހާ އެކްސްޕީރިއަންސްޑް ރައިޑަރަކާ އެކީ ކޮމްޕީޓްކޮށް މިކާމިޔާބީ ލިބޭނެ ކަމަކަށް. އެކަމަކު މިކާމިޔާބީ މިހެން ލިބުނީތީ ވަރަށް އުފާކުރަން. މިއީ މޮޓޯ ސްޕޯޓްސް ދާއިރާގައި މިހާތަނަށް ލިބުނު އެންމެ ފުރިހަމަ އަދި އެންމެ އުފާވި ކާމިޔާބީ."މާހިދު މުހައްމަދު
މާހިދުގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުޅިވަރެއްގެ ގޮތުގައި ދާއިމީކޮށް ކުރެވުމާއި މިއަށްވުރެ ބޮޑެތި ޕްލެޓްފޯމްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބި މިކުޅިވަރު ކުރިއަރައިގެން ދިއުން ކަމަށެވެ. އަދި މިކަމުގެ ތެރެއަށް ގިނަ ޒުވާނުން ވަދެ މިކަން އިތުރަށް ފުޅާވެގެން ދިއުމެވެ.
ރާއްޖޭގެ އިތުރުން އުފަން ރަށް ކުޅުދުއްފުށީގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލަމުން މާހިދު ބުނެފައިވަނީ ދާއިމީ ގޮތެއްގައި މިކަން ނުކުރެވުމާއި ރަނގަޅު އަދި ހަގީގީ މޮޓޯ ސްޕޯޓްސް ކުރިއަށް ގެންދެވޭ ރަސްމީ ޕްލެޓްފޯމެއް ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދާނެ އޭރިއާއެއް ނުވަތަ ޓްރެކެއް ނެތުމާއި ރޯޑް ކޮންޑިޝަނާއި އަސްލު ރޭސް ޖެހުމުގެ ސްޓޭންޑާޑްތަކަށް ވުރެ ދަށްކޮށް ކުރިއަށް ދިއުމަކީ ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަން އޭނާ ފާހަގަކުރި އެވެ.
އަދި މައިގަނޑު ގޮތެއްގައި މާހިދުއަށް މޮޓޯ ސްޕޯޓްސްގެ ތެރެއަށް އާދެވުނީ ވަން ބްލަޑް ރޭސިންގ ޓީމުގެ ތެރެއިންނެވެ. މާހިދު މިފަހަރުގެ ރޭހުގައި ތަމްސީލުކުރީ ކުޅުދުއްފުށީގެ އިތުރުން އޭނާގެ ގިނަ ބޭބެމެންތަކެއް އަދި ރައްޓެހިން ހިމެނޭ ވަން ބްލަޑް ރޭސިންގ ޓީމެވެ. ވަން ބްލަޑް ރޭސިންގ ޓީމަކީ ފުޅާ ދާއިރާއެއްގައި ކުޅުދުއްފުށީގައި މޮޓޯ ސްޕޯޓްސްއިން ވާދަކުރަމުން އަންނަ ކާމިޔާބު ރޭސިންގ ޓީމެއްކަން ފާހަގަކޮށްލެވެ އެވެ.
މޮޓޯ ސްޕޯޓްސް ދާއިރާން އޭނާ މިހާހިސާބަށް އައުމުގައި އަދި މިފަހަރުގެ އިވެންޓުން އެހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ އެންމެ ބޮޑު އެއް ޝުކުރެއް އަދާކޮށްލަން ބޭނުންވަނީ އޭނާގެ ބޭބެ އަލީ ސަމީރު (ބްލަޑީ)އަށް ކަމަށް މާހިދު ބުންޏެވެ.
""އެންމެ ބޮޑު ހެލްޕެއްވެފައި އިންނާނީ އަޅުގަނޑުގެ ބޭބެ، އަލީ ސަމީރު (ބްލަޑީ)، ވަން ބްލަޑް ރޭސިންގެ ޓީމުގެ ރައިޑަރެއް، އޭނާގެ ވަރަށް ބޮޑު މަސައްކަތަކުން އިންޖީނުގެ މަސައްކަތްތަކާ އެއްޗެހި ނިންމާފައި އިވެންޓަށް އެ 2 ސައިކަލު ވެސް ރެޑީކޮށްދީފައި އެއިނީ އޭނަ، އެހެންވީމާ އޭނާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުން ހަމަ ވަކިން."މާހިދު މުހައްމަދު
އަދި އޭގެ އިތުރުން އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުމަކީ މިފަދަ ބޮޑު ކާމިޔާބީއަކަށް ވާސިލްވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުކަން މާހިދު ފާހަގަކުރެ އެވެ. އަދި ހާއްސަކޮށް މިކާމިޔާބީގެ ޝުކުރު ލިސްޓުގައި މާހިދު ވަނި ލިކުއިމޮލީއެމްވީއާއި ބޮޑު އައްޔަ އަދި އަޝްފާގުގެ ނަން ވެސް ފާހަގަކޮށް ހިމަނާފަ އެވެ.
ރައިޑަރު މާހިދުގެ އެންމެ ބޮޑު އަމާޒަކީ މޮޓޯ ސްޕޯޓްސް ދާއިރާގެ އެންމެ އުހަށް ވާސިލްވެ މިދާއިރާއިން ދެވެން އޮތް އެންމެ ދުރަކަށް ގޮސް ބައިނަލްއަގްވާމީ ފެންވަރުގެ އިވެންޓްތަކުގައި ވެސް ވާދަކޮށް ރަށާއި ގައުމަށް ރީތި ނަމެއް ހޯދައިދިނުމެވެ.