twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭ: ރައީސް

ނަބީލާ އިސްމާޢީލް
Dec 8, 2022

ސާކް ޗާޓަރގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި، ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.

"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށާއި، ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި ވަނީ، ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ޘަޤާފީ ގުުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ގައުމުތަކުގެ އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355