twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދައުރު ނިމެނީ، ޓާޝަރީ ހޮސްޕިޓަލުގެ ބިންގާވެސް ނޭޅުނު!

ނަބީލާ އިސްމާޢީލް
Jan 15, 2023
4

ކުޅުދުއްފުށީގައި ޓާޝަރީ ފެންވަރުގެ އާ ހޮސްޕިޓަލެއް އެޅުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެވެސް ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް މި ވައުދު މި ފަހަރުވެސް ކުޅުދުއްފުށީ ރައްޔިތުންނަށް މި ވެގެންދަނީ ބިލާހަކަށް ބާއެވެ؟

މީގެ ކުރިން ކިތަންމެ ކުޑަކަމަކަށް ނަމަވެސް މާލޭގެ ސިއްހީ ހިދުމަތަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށްލީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގައެވެ. އެ އާލަމީ ވަބާގައިވެސް އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމުގެ މުހިންމުކަން އިހުސާސްވިކަން ކަށަވަރެވެ.

މިދިޔަ ހުރިހާ ސަރުކާރުތަކެކޭ އެއްގޮތަށް ސޯލިހުގެ ސަރުކާރުވެސް މިވީ އެންމެ ފަހުން ކުޅުދުއްފުށީ ރައްޔިތުން ގުނބޯ ހައްދަން ގެންގުޅު ބަޔަކަށް ބާ؟

ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ތަރައްގީ ކުރާވާހަކަ ޕޯޑިއަމްތަކަށް އަރާ ދައްކާއިރު 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު މި ސަރުކާރުން ފަށާ ނިންމާ، ރިބަންފަށް ކަނޑާލާނެ މަޝްރޫއުއެއް މި ކުޅުދުއްފުށީގައި ނިމިފައި ނެތުން އެއީ މި ރަށުގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަރަށް ބޮޑު އިހުމާލެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ރައީސް ޔާމީން އަނގަ ފޫހިފުޅު ފިލުވާލައި އުތުރުގެ ރައްޔިތުން މަސަލަސްކޮށްލަން ދައްކަވާ ވާހަކައަކަށް ހެދި ފަދައިން ރައީސް ސޯލިހުވެސް މި ދެއްވީ ކުޅުދުއްފުށީ ރައްޔިތުންނަށް އެ ލަނޑެވެ.

ހެލްތް މިނިސްޓަރަކަމުގައި އަބުދުﷲ އަމީން ހުންނެވި އިރުވެސް އެތައް ފަހަރަކުވަނީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމަށްޓަކާ ހަދައި އާ ހޮސްޕިޓަލު ފެށުމަށް ކުރަންޖެހޭ ކަންކަން ކުރާކަމުގެ ހުވަފެން މިރަށުގެ ރައްޔިތުންނަށް ދައްކާފަ އެވެ. އެގޮތުން 2019 ވަނަ އަހަރުވެސް އަމީނުވަނީ އެ ހޮސްޕިޓަލު ހެދުމުގެ އެންމެ ފަހު މަރުހަލާތައް ކުރިއަށްދާކަމަށާއި އެތަނަށް ބޭނުންވާ މުވައްޒަފުން ރެކުރޫޓްކުރުމުގެ މަސައްކަތް ކުރާކަމުގެ ބުހުތާން ދޮގުވެސް މި ރަށު ދެދާއިރާގެ މަޖިލީހު މެމްބަރުންގެ ހާޒިރުގައި މަޖިލީހުގައި ހައްދަވާފަ އެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީ 100 އެނދުގެ ހޮސްޕިޓާތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށެވެ. ނަމަވެސް މި ދައުރުގެ ބާކީ މިއޮތް މަދު ދުވަސްތެރޭ އެބުނާ އާ ހޮސްޕިޓަލުގެ އަމަލީ މަސަކަތް ހިނގާނެ ކަމަށް އަތްޖަހާނެ ރައްޔިތަކު މި ރަށުގައި ހުރިހެނެއް ހިޔެއްނުވެ އެވެ.

ކޮންމެ ކަމެއް ކޮވިޑުގެ ބޮލުގައި އަޅުވާފަ މި ވެރިކަން ނިންމާލެވޭކަށްވެސް ނެތެވެ. ކޮވިޑްގެ ހާލަތުގައިވެސް ނުހުއްޓި އެތައް ތާކު އެތައް މަޝްރޫއުތަކެއް ކުރިއަށްދިޔަކަން ދަންނަ މީހުން އެބަތިއްބެވެ.

ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރަން ބޭނުންވާ ބިންވެސް ކުރީގެ ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ. ވެލިގަނޑުގައި އަޅަން ހަމަޖެހިފައިވާ އެ ހޮސްޕިޓަލަށް 130493 އަކަފޫޓްގެ ބިމެއްވަނީ ހަމަޖައްސައިދީފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދެއްވައި ކުޅުދުއްފުށީ މޭޔަރު މީގެ ކުރިންވަނީ ވިދާޅުވެފައިވާ ގޮތުގައި އަލަށް ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރަން ހަމަޖެހިފައިވާ ކުވެއިތު ފަންޑުން މިހާރު އެކަމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

ބިމާއި ފަންޑާއި ހުރިހާ ކަމެއް ހަމަޖެހި މުޅި މި ސަރަހައްދުގެ ރައްޔިތުންނާއި ކުޅުދުއްފުށީގެ ވެރިން އެކަމަށް ބޭނުންވެފަ ތިބި ނަމަވެސް އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރުންވެސް އެ ވައުދުވެސް ފުއްދުމަށް މި ވަނީ ނުކުޅެދިފަ އެވެ.

މިދިޔަ އަހަރު ކުރީކޮޅު އެންމެ ލަސްވެގެން އެ ހޮސްޕިޓަލުގެ އަމަލީ މަސަކަތް ފެށޭނެ ކަމުގެ ކުލަނުވާ ފޮޓޯއެއްވެސް ސޯލިހު ވަނީ ދައްކަވާފަ އެވެ. މިދިޔަ ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ރައީސް ވިދާޅުވެފައިވަނީ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.

ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓާ އިމާރާތްކުރަން ނިންމާފައިވަނީ ކުވެއިތު ފަންޑުގެ އެހީގައި އެވެ. ކުޅުދުއްފުށީގައި އިމާރާތްކުރަނީ 100 އެނދުގެ ހޮސްޕިޓަލުގެ ބިންގާވެސް މިއަދާ ހަމައަށް އެޅިފައި ނެތުމަކީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

އިންތިހާބުތަކާ ދިމާކޮށް ކޮންމެ ވެރިޔަކުވެސް ނުފުއްދޭވަރުން ވައުދުވެ، ދައުރު ނިމެން މަސްދުވަހަށްވުމުން ފައުންޑޭޝަން ފަށެއް ނަމަވެސް ދުއްވާލާ މޮޅު ވާހަކަ ދައްކަން އަންނަން ހަމަ ކެރޭބާއޭ ހިތަށް އަރައެވެ. އަދި މިތަން ބަލަން އެއްބަޔަކު އަތްޖަހަން ތިބެންވީބާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355