އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މި ޑިސެމްބަރުމަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ވިދާޅުވެއްޖެ އެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ މިކޮންފަރެންސްގެ ހަވަނަ އެޑިޝަން ބޭއްވުމަށް ނިންމާފައިވަނީ މި ޑިސެންބަރުމަހުގެ 24 އިން 25 އަށެވެ. މި ކޮންފަރެންސް އޮންނާނީ ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގައި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން އެންއައިއީގެ އޮފިޝަލަކު ވިދާޅުވީ، މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމު ކުރާ މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ކަރަންޓް ޕާސްޕެކްޓިވް އެންޑް ފިއުޗާ ޑިރެކްޝަންސް" އެވެ. އޮފިޝަލް ވިދާޅުވީ، މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުން ހުރި 250 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.