twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ތަށި ކޮރަލްސްއިން ހިއްލާލައިފި، މޮޅު ކުޅުންތެރިޔަކަށް ހޮކޭ

މުޙައްމަދު އަހުމަދު
Dec 19, 2022
2

އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2022 ގެ ފައިނަލް މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ބަލިކޮށް ކުލަބް ކޮރަލްސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ ފައިނަލު މެޗު ކޮރަލްސްއިން ކާމިޔާބުކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް މިމެޗުގައި ފެނިގެންދިޔަ އެވެ.

ސެމީގައި ޒިގްޒެގް އަތުން ހޯދި މޮޅާއެކު ސްކައި ފައިނަލަށް ދަތުރުކުރިއިރު ކޮރަލްސްއިން ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ކޮރަލްސްއިން ލީޑު ނެގި އެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށެވެ.

46 ވަނަ މިނެޓުގައި ކޮރަލްސްއަށް މިލަނޑު ޖަހައިދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބް ކޮރަލްސްގެ ޖޯޒީ ނަމްބަރު 37 މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ހޮކޭގެ ފަރާތުން ފައިނަލުގައި ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އޭނާ ވަނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

މުބާރާތުގެ ހާއްސަ ވަނަތައް:

އެންމެ މޮޅު ކޯޗު: މުހައްމަދު ދާއޫދު - (ކުލަބް ކޮރަލްސް)
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: އިބްރާހިމް ވަހީދު ހަސަން (ސްކައި) - އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ މިމުބާރާތުގައި ޖުމްލަ 21 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ބެސްޓް ސްޓްރައިކަރު: އިސްމާއިލް އީސާ (މެސީ) (ކުލަބް ކޮރަލްސް)
ބެސްޓް މިޑްފީލްޑަރު: މުހައްމަދު ރަޝީދު (ހޮކޭ) (ކުލަބް ކޮރަލްސް)
ބެސްޓް ޑިފެންޑަރު: މުހައްމަދު އާލިމް (ސޭކޭ) (ސްކައި)
ބެސްޓް ގޯލްކީޕަރު: ކައުބް ޝަރީފް (ކުލަބް ކޮރަލްސް)
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ: ސާލިމް މުހައްމަދު (ލިމޭ) (މާއްޓޭ ސްޕޯޓްސް)
ފެއާ ޕްލޭ ޓީމު: މާއްޓޭ ސްޕޯޓްސް

ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުލަބް ކޮރަލްސްގެ ޖޯޒީ ނަމްބަރު 37 މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ހޮކޭ ވަނީ ކޮރަލްސް ފައިނަލަށް ގެނެސްދިނުމުގައި އަދި ތައްޓާ ހަމައަށް ވާސިލްވުމުގައި އެޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ލަނޑު ވެސް ޖަހާފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ބެސްޓް ޕްލޭޔަރއަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު އެންމެ މޮޅު ސްޓްރައިކަރު، މިޑްފީލްޑަރު، ޑިފެންޑަރު އަދި ގޯލް ކީޕަރަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިޔަށްދާނެ، ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން ކުޅުދުއްފުށިގެ ޒުވާނުންނަށާއި ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތަތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް، ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އުފެއްދުމާއި ފުޓްބޯޅައަކީ ދިވެހިރާއްޖޭގެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަކަށްވެފައި ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއްކަމުގައި ހެދުމުގެ އިތުރުން ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެ ވެށިން ދުރުކޮށް އަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުމަށްކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެ އެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355