މިއީ ދާއިމީ މަންޒިލަށް ކުރާ ދަތުރުގައި މަޑުކޮށްލައިގެން ތިބި ވަގުތީ ފާލަމެކެވެ. މިތަނުގައި އޮތީ އަމަލުކުރުމެވެ. މާތް ﷲ އެންގެވި ގޮތަށް އުޅުނު ސާލިހު އަޅުންނަށް އެކަލާނގެ އިރާދަފުޅުން ސުވަރުގެ ދެއްވައެވެ. އެކަލާނގެ އަމުރުފުޅާ ޚިލާފުވެ ތިމާގެ ހަޔާތް ދުނިޔެއާ އަމިއްލަ ކަންކަމުގައި ބޭކާރު ކޮށްލާ މީހަކަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ގަދަފަދަ އަޒާބުގެ ނަރަކައަށް ވެއްދޭނެތެވެ.
މިކަން އެނގޭ ހާލުވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން އަންނަނީ ދުނިޔޭގެ އެދުމަށް ތިމާގެ ހަޔާތް އެކުގައި ހޭދަކުރަމުންނެވެ. ދުނިޔެވީ ފައިދާއަށް ހުރިހާ ކަމެއް އިންވެސްޓް ކުރަމުންނެވެ. ވިޔަފާރިތަކުގައި އަވަދިނެތި ވަގުތުތައް ފުރަމުންނެވެ.
ހަގީގަތަކީ، މިއިން އެއްވެސް ވިޔަފާރިއެއް ދާއިމީ ގޮތެއްގައި ގެއްލުމެއް ނެތް ގޮތުގައި ހިފެހެއްޓުމީ ނާދިރު ކަމެކެވެ. އެކަމަށް މިދެންނެވި ގޮތަށް ތިމާގެ ހުރިހާ ވަގުތެއް ހުސްކޮށް އުޅުނަސް، އާޚިރުގައި އެ ވިޔަފާރިވެސް ބަނގުރޫޓުވެގެން ދެއެވެ. ނަމަވެސް، އަރަހުށި މާތް ﷲ ވަނީ އަހަރެމެންގެ ދިރިއުޅުމުގެ ހަޔާތުގައި ގެއްލުން ނުވާނޭ 3 ވިޔަފާރިއެއް ވާކަން އަންގަވާފައެވެ.
އެ 3 ވިޔަފާރީގެ ވާހަކަ ބަޔާން ކުރައްވާފައިވަނީ ކީރިތު ޤުރުއާނުގެ ސޫރަތުލް ފާޠިރުގެ 29 ވަނަ އާޔަތުގައެވެ. އެކަލާނގެ މިއާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛
"ހަމަކަށަވަރުން، ﷲ ގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނޭ ވިޔަފާރިއަކަށް އެދޭ ބަޔެކެވެ." (ސޫރަތުލް ފާޠިރު – 29)
ނިކަން ކުޑަކުޑަ ހިތްވަރަކުން މިއޮތީ ދުނިޔެއާ އާޚިރަތް ބާއްޖަވެރި ކުރުވާނެ ވިޔަފާރީގެ ފުރުސަތުތަކެއް ފަހިކޮށް ދެއްވާފައެވެ. މި ވިޔަފާރިއަށް ބޭނުންވަނީ ތިމާގެ ޝައުގުވެރިކަމާ ނުގުޑާނެ އަޒުމެވެ. ހިތްވަރާއި އިޚްލާސްތެރި ކަމެވެ. ދީލަތިކަމާ ތެދުވެރިކަމެވެ. އިންސާނުން އުޅުމަށް މާތް ﷲ ބާވާލެއްވި ކަލާމްފުޅު، ކީރިތި ޤުރުއާން ކިޔަވައި އެކަލާނގެއަށް ބަރާބަރަށް ނަމާދު ކުރުމެވެ.