މީގެ ހަފްތާތަކެއް ކުރިން މެންޗެސްޓަރ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލިއިރު ޔުނައިޓެޑްގެ މެނޭޖަރު އެރިކް ޓެން ހާގް ރެޑް ޑެވިލްސްގެ ލެޖެންޑް ޑޭވިޑް ޑެހެއާ ދޫކޮށްލުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ރޮނާލްޑޯ ޕްރިމިއާ ލީގުގެ ޖަޔަންޓުން ކަމަށްވާ ޔުނައިޓެޑް ދޫކޮށްލިއިރު އޭނާއާ ކޯޗު ޓެން ހާގްއަށް އެއް ގަލަކަށް އެރޭގޮތެއް ނުވި އެވެ. ދެފަރާތުން އެއްބަސްވެ ރޮނާލްޑޯގެ އެއްބަސްވުން ނިންމާލިއިރު ބްރިޓިޝް ބްރޮޑްކާސްޓަރު ޕިއާސް މޯގަންއާއެކު ވަރުގަދަ އިންޓަވިއުއެއް ވެސް ކުރިއަށްދިޔަ އެވެ.
އެލް ނޭޝިއޮނަލްއިން ރިޕޯޓުކުރި ގޮތުގައި ޑެހެއާ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމުގެ މަގުމަތީގައިވީއިރު ޓެން ހާގްގެ ކުރިއަށްހުރި ޕްލޭންތަކަށް އޭނާ ފިޓްވާ ތަނެއް ނުފެނެ އެވެ.
ޑެހެއާ ޔުނައިޓެޑަށް އައީ 2011 ވަނަ އަހަރު އެވެ. އަދި އެޓީމަށް ޖުމްލަ 507 މެޗު ޑެހެއާ ވަނީ ކުޅެދީފަ އެވެ. އަންނަ އަހަރުގެ މެދުތެރެއިން ޑެހެއާގެ ކޮންޓެކްޓް ހަމަވާއިރު އެފޯމެންޝަންޑްއިން ރިޕޯޓުކުރި ގޮތުގައި ޓެން ހާގް ވަނީ ޔުނައިޓެޑްގެ މެނޭޖްމަންޓްގެ އިސްވެރިންނާ ބައްދަލުކޮށް އޭނާގެ ކުރިއަށްހުރި ޕްލޭންތަކުގެ ޑެހެއާގެ ރޯލެއް ނެތްކަން އަންގާފަ އެވެ.
އަދި މިވަގުތު ނޮޓިންހަމް ފޮރެސްޓްގައި ލޯން އެއްބަސްވުމެއްގެ ދަށުގައި ހުރި ޑީން ހެންޑަސަން ޔުނައިޓެޑްގެ ދެން އޮތް ފުރަތަމަ ކީޕަރަށް ހަދަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޑެހެއާ އަކީ ދުނިޔެ ދުށް އެންމެ މޮޅެތި ކީޕަރުންގެ ތެރޭގައި ގުނާލެވޭ ކީޕަރެކެވެ. ސްޕެއިންގެ ޑެހެއާ ވަނީ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.