ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި އޯޕީޑީ އިމާރާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު އުންމީދަކީ އާ އަހަރަކާއެކު އެ އިމާރާތް ބޭނުންކުރަން ފެށުންކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސީއްހީ ހިދުމަތް ހޯދުމަށް އެތައް ބަޔަކު ބަރޯސާވާ ހޮސްޕިޓަލެކެވެ. މިގޮތުން މިއީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެވެ.
އެގޮތުން ހޮސްޕިޓަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް 98,147 ފަރާތަކުން ވަނީ އޯޕީޑީން އެކަނިވެސް ހިދުމަތް ހޯދާފައެވެ. އަދި އާރުޓީއެލް ފެރީގެ ހިދުމަތާއެކު އޯޕީޑީން ހިދުމަތް ހޯދަމުން އަންނަ ފަރާތްތައް އިތުރުވެފައިވާކަން ކޭއާރުއެޗުން މައުލޫމާތު ދެއްވަ އެވެ. އެހެންވުމުން އާ އޯޕީޑީއެއް އެ ހޮސްޕިޓަލަށް އޮތީ ނުހަނު ބޭނުންވެފަ އެވެ.
އެކަމަށް ހައްލު ހޯދުމުގެ ގޮތުގައި ސަރުކާރުން އެ ހޮސްޕިޓަލުގައި އަލަށް އޯޕީޑީއެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހު އެވެ. 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއުގެ ބޮޑުބައި މިހާރު ނިންމާލެވިފައިވާއިރު މިހާރު ކުރަމުންސަނީ ނެޓްވޯކިންގ އާއި ކިޔު ސިސްޓަމް އަދި ފިނިޝިންގެ ބައެއް މަސައްކަތްތައްކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއްވަ އެވެ.
ޖުމްލަ 20.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހިމެނެނީ 21 ކޮންސަލްޓޭޝަން ރޫމާއި 1 ޓްރީޓްމަންޓް ރޫމާއި 1 ޕްރޮސީޖަރ ރޫމާއި 1 އީސީޖީ ރޫމާއި 1 އީކޯ ރޫމެއްގެ އިތުރުން ރިސެޕްޝަން އޭރިއާއަކާއި، ވެއިޓިންގ އޭރިއާއެއް އަދި ލެބޯރޓަރީ ކަލެކްޝަންއަކާއި އާއްމު 5 ފާހާނާ އާއި އެމްޓީސީސީގެ ސީއެސްއާރުގެ ތެރެއިން މުވައްޒަފުން ބޭނުންކުރުމަށް އިތުރު ކުރި 5 ފާހާނާ ބްލޮކެއްކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އާ އޯޕީޑީ އިމާރާތް ބޭނުންކުރަން ފެށުމާއެކު އެތަން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ކޭއާރުއެޗުން ބުނީ މި ވޭތުވެދިޔަ އަހަރަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތަފާތު އެކި ރޮނގު ރޮނގުން ފާހަގަކޮށްލެވޭ ނުހަނު ގިނަ ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމަށާ އެގޮތުން މި ހޮސްޕިޓަލަށް ލިބިފައިވާ އުމުރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށެވެ. އަދި ބޭނުންކުރާ މެޑިކަލް އިކުއިޕްމެންޓްސްއަށް ލިބުނު ތަފާތު އެކި ކުރިއެރުންތައް ހިމެނޭކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.