twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރައީސް ސޯލިހަށް ލިބޭނީ 20 ޕަސަންޓް ވޯޓު: ނަޝީދު

Dec 29, 2022

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެއްޖެނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި %20 ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ސަލްޓަންޕާކްގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެ ދިޔަ 4 އަހަރު ރައީސް ސޯލިހު ކުރެއްވިހާވެސް މަސައްކަތަކީ އެމްޑީޕީން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ޕާޓީން އެކަހެރި ކުރުން ކަމަށާއި، ޕްރައިމަރީއަށް ކުރިމަތި ލެއްވީ ޕާޓީގެ މެމްބަރުންނަށް އަލުން އެޕާޓީ ހޯދައި ދިނުމަށް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އާންމު މެމްބަރުންގެ ޕާޓީއެއް ކަމަށާއި އެ ޕާޓީ މެމްބަރުންނާ ހަވާލުކޮށް ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވުނީ އަދާލަތު ޕާޓީ، ޖުމުހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫނާ އެކު އެމްޑީޕީން ސޮއިކުރި ކޯލިޝަނުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމުގެ ފުރުސަތު ރައީސް ސޯލިހަށް ނެތް ކަމުގައި ވިދާޅުވި އެވެ. ސަބަބެއް ކަމުގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ޖެހުނުއިރު ކޯލިޝަނެއް ހަދަން އޭރު އެ ބޭފުޅުން އެއްބަސްވީ އޭރު އެނޫން ގޮތެއް ނެތުމުން ކަމުގަ އެވެ.

އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ހިދުމަތްކޮށް ދެވޭނެ މަގާމެއްގައި އަބަދުވެސް ތިބުމާއި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރަށް ފަހު، ފަސް އަހަރު ދުވަހު އެމްޑީޕީ ވެރިކަމުގައި އޮންނަން ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެއްޖެ ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލިބޭނެ ވޯޓުގެ މިންވަރު ވަރަށް މަދުވާނެ." ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، ހަމައެކަނި އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރުމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ 39،000 މެމްބަރުން ރައީސް ސޯލިހު އެޕާޓީން އެކަހެރި ކުރެއްވި ކަމަށާއި އެމްޑީޕީގެ ވިސްނުމާ މިސަރުކާރު މާ ބޮޑަށް ދުރުވުމުން ސަޕޯޓަރުން މާޔޫސްވެއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފުތަރުގައި އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ނެތް މެންބަރުން ޕާޓީން ވަކިކުރުމަކީ އެމްޑީޕީގެ އާންމު މެންބަރުންގެ އަތުން ޕާޓީ ގެއްލުން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ސޯލިހަށް ޕްރައިމަރީގައި ވެސް އަދި ރިޔާސީ އިންތިހާބުގައިވެސް ކާމިޔާބު ލިބިވަޑައިނުގަންނަވާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަދެއްކެވި ނަމަވެސް ރައީސް ސޯލިހް އިއްޔެ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355