twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޔުނައިޓެޑުން ސިޓީ ބަލިކުރިއިރު ބްރައިޓަން އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

މުޙައްމަދު އަހުމަދު
Jan 15, 2023

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ފަހަތުން އަރާ މެންޗެސްޓަރ ޔުނައިޓެޑުން މެންޗެސްޓަރ ސިޓީ ބަލިކުރިއިރު ރޭ ބްރައިޓަން އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

އިއްޔެ ޔުނައިޓެޑުގެ ދަނޑުގައި ސިޓީއާއި ޔުނައިޓެޑް ބައްދަލުކުރި ފޯރިގަދަ މެޗު 2 - 1 ން ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ. މިމެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފު އެވެ. ފުރަތަމަ ހާފު ޔުނައިޓެޑުގެ ޒުވާން ތަރި މާކަސް ރަޝްފޯޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް 60 ވަނަ މިނެޓުގަައި ލީޑު ނަގާފަ އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑި ބްރޭނާގެ ހުރަހަކުން ޖެކް ގްރީލިޝް އެވެ. އޭގެ 20 ވަރަކަށް މިނެޓުފަހުން 78 ވަނަ މިނެޓުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރި އެވެ.

މިލަނޑަކީ މެދުތެރެއިން ކަސެމީރޯ ދިން ބޯޅައަކުން ބްރޫނޯ ފަނާންޑޭސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ކުޑައިރުކޮޅެއްފަހުން 82 ވަނަ މިނެޓުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ރަޝްފޯޑެވެ.

ރޭ ބްރައިޓަން އަތުން ލިވަޕޫލް ބަލިވީ 3 - 0 ންނެވެ. މިނަތީޖާއާއެކު ލިވަޕޫލް ޕްރެޝަރަށް ވެއްޓުނުއިރު އެޓީމު މިވަގުތު ލީގު ތާވަލުގެ ނުވަވަނައަށް ވަނީ ވެއްޓިފަ އެވެ. ރޭގެ މެޗުގައި ބްރައިޓަންގެ ސޮލީ މާޗްގެ ދެލަނޑު ފެނުނުއިރު ޑެނީ ވެލްބެކް ވެސް ވަނީ ލަނޑެއް ޖަހާފަ އެވެ.

ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާލާއިރު ސައުތެމްޓަންއިން 2 - 1 ން އެވަޓަން ބަލިކުރިއިރު 1 - 0 ން ވުލްވުސްއިން ވަނީ ވެސްޓް ހޭމް ބަލިކޮށްފަ އެވެ. އަދި ލެސްޓާ ސިޓީގެ މައްޗަށް ނޮޓިންހަމް ފޮރެސްޓުން ކުރިހޯދީ 2 - 0 ންނެވެ.

ލީގު ތާވަލަށް ބަލާލާއިރު އެއްވަނައިގައި 44 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ދެވަނައިގައި އޮތީ 39 ޕޮއިންޓާއެކު ސިޓީ އެވެ. އަދި އެއް ޕޮއިންޓްގެ ތަފާތުން 38 ޕޮއިންޓާއެކު ތިންވަނައިގައި ޔުނައިޓެޑް އޮތްއިރު 4 ވަނައިގައި އޮތީ 35 ޕޮއިންޓާއެކު ނިއުކާސަލް ޔުނައިޓެޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355