twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައްޔިތެއްގެ ޝުއޫރު - ކުޅުދުއްފުށީގެ ސިޔާސީ ކުޅިވަރު: ވިސްނައިފި މީހަކަށް ޢިބްރަތެކެވެ.

Jan 20, 2023
15

ހިނގަމުން މިދާ ދައުރަށް، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ކުރަމުން ދިޔަ ކެމްޕޭނުގައި ވަރަށް ގަދަޔަށް އިޝްތިހާރުކޮށް ވިއްކި ދެ ވާހަކައެއް އޮތެވެ. މުޅި ރާއްޖޭގައި، ހާއްސަކޮށް ކުޅުދުއްފުށީގައި މިއަޑު ވަކީން ގަދައަށް ގުގުމަމުން ދިޔައެވެ. ރަށު ތަރައްޤީއަށްޓަކައި ރަށަށް ރަށު ދަރި ހޮވުމާއި ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަރުކާރު ހިންގާ ޕާޓީގެ މީހަކު ހޮވުމުގެ މުހިއްމު ކަމުގެ ވާހަކައެވެ. މި ވާހަކަތައް ކުޅުދުއްފުށީ ރައްޔިތުން ނުހަނު އަގުހެޔޮކޮށް ގަނެ އެގޮތުގެ މަތީން ރަށުގެ ދެ ދާއިރާއަށްވެސް ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ ރަށު ދެ ދަރީން އިންތިހާބުކޮށްދިނެވެ.

އޭގެ ހަތަރު ވަރަކަށް އަހަރުފަހުން، ދައުރު ނިމެން ގާތްގަނޑަކަށް އަހަރަކަށް ވެފައި ވަނިކޮށް، އޭގެ ތެރެއިން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު މިވަނީ، ސަރުކާރުގެ ގަޔަށް ދޫ، "ސްލޯ" ސިޔާސަތުގެ ސަބަބުން ކުޅުދުއްފުށީގައި ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ވިދާޅުވެ ފަޅި ބަދަލު ކުރައްވާފައެވެ. މިހާރު އެ އެރުއްވި ފަޅިއަކީ، ރަސްމީކޮށް މިހާރުގެ އިދިކޮޅުފަރާތް ނޫންކަމުގައި ވިޔަސް، ސަރުކާރަށް ފާޑު ކިޔުމަށް ފާޅުގައި ނުކުމެ ތިބި، މިހާރުގެ ސަރުކާރުގެ އެންމެ ބޮޑު ދެކޮޅުވެރިކަމެއް އޮތް ފަޅިކަން އެއީ ސިއްރެއް ނޫނެވެ. އެ ފަޅިއަށް މެންބަރު އެރުއްވި ހަގީގީ ސަބަބާއި އެ މެމްބަރު އެކަމުން ހާސިލު ކުރައްވަން ބޭނުންފުޅުވާ ކަމެއް އެއީ މި މަޢުޟޫއަށް އެހާ މުހިއްމު ވާހަކައަކަށް ނުވާތީ އެވާހަކަ ދޫކޮށްލާނަމެވެ. މުހިއްމީ، ސިޔާސީ ގޮތުން މި ނެންގެވި ފިޔަވަޅު ނަންގަވަން ޖެހިވަޑައިގަތްކަމަށް މެންބަރު ވިދާޅުވާ ސަބަބާއި އެ ސަބަބުތަކުން ރައްޔިތުންނަށް ލިބޭ ފިލާވަޅެވެ.

ފާއިތުވި ހަތަރު އަހަރު ސަރުކާރަށް ދެއްވެން އޮތް އެއްބާރުލުމެއް ދެއްވައިގެންވިޔަސް ކުޅުދުއްފުށްޓަށް އެކަށީގެންވާ ތަރައްގީއެއް ސަރުކާރަށް ގެނެސް ދެވިފައި ނުވާކަމަށް މެންބަރު ވިދާޅުވުމުން، އެވާހަކަ އަޅުގަނޑު ގަބޫލުކުރަމެވެ. މެންބަރު ޔާސިރު، ދާދި މިދާކަށް ދުވަހުވެސް ސަރުކާރަށް ނުހަނު ތައުރީފުކޮށް ބަސްފުޅު ވިދާޅުވިއެވެ. ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލީސް މެންބަރަކަށް ސަރުކާރަށް އެއްބާރުލުން ދެއްވޭނީ ދެން އެކަހަލަ އަމިއްލަ ގޮތަކަށެވެ. ސަބަބަކީ މެންބަރު ދޭންޖެހޭ އެއްބާރުލުމަކީ އެއްޗެއްގައި ލިޔެވިފައި އޮތް ރަސްމީ ކަމަކަށް ނުވާތީއެވެ. އެ ވާހަކަވެސް ދެން އިހަށް ބާއްވަމާ ހިނގާށެވެ. ކޮންމެއަކަސް މިކަމުން މި ސާބިތުވި އެއްކަމަކީ، ކެމްޕެއިންގައި "ރަށް ތަރައްގީ ކުރެވޭނީ ސަރުކާރުގެ މެމްބަރެއް ހޮވައިގެން" ކަމަށް ވިދާޅުވެ ވިއްކި ފަލްސަފާއަކީ ހަމަ މުޅީން ބިލާހެއްކަމެވެ. ސަރުކާރުން ރަށެއްގައި ހިންގާ ތަރައްގީގެ މަޝްރޫއުގެ އަދަދުގެ ގިނަ މިނާއި، މަޝްރޫއުތަކުގެ ހަލުވި މިން ބިނާވަނީ، ރަށުގެ މަޖިލީސް ގޮޑިއަށް ހޮވާ މެމްބަރުންގެ މޮޅުކަމުން ނުވަތަ ކެމްޕޭނުގައި ވިއްކި ފަލްސަފާތަކަށް ކަމަށް ވަނީނަމަ، ކުޅުދުއްފުށްޓަށްވުރެ ވަކި ތަރައްގީގެ މަޝްރޫއުތައް ގިނަވެފައި ހަލުވި އެހެން ރަށެއް ރާއްޖޭގައި ނޯތީހެވެ. ރަށުގެ ދެ ދާއިރާއަށް ވެސް ހޮވީ ސަރުކާރުގެ މައި ޕާޓީއަށް ނިސްބަތްވާ ހަތަރު މަތިފުށް ކުޅުދުއްފުށީ ދެ ބޭފުޅުންނެވެ.

ދެން އޮތީ ރަށު ދަރި ރަށަށް ހޮވައިގެން ރައްޔިތުންގެ ޝުއޫރުތަކާއި އިހްސާސްތައް އެނގި އެންމެ ތާޒާކޮށް ސަރުކާރުގެ ކަންފަތަށް އިއްވައި މަޖިލީހުގައި ނުހަނު ފައިދާހުރި މަސައްކަތްތައް ކޮށްދެވޭނެކަމަށް ބުނެ ވިއްކި ފަލްސަފާއެވެ. މި ކަމުގައި އަޅުގަނޑުވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރަން އެންމެ އެކަށީގެންވާނީ ހަމަ އެދާއިރާއެއްގެ ބޭފުޅެކެވެ. އެކަމަކު މީގައި ވިސްނާލަން ޖެހޭ ތަންކޮޅަކީ، ހަމަ ރަށު ދަރިއެއް ގޮނޑީގައި ބޭންދުމަކީ އަދި އޮޓޯމެޓިކުން ރަށުގެ ކަންކަން ރަނގަޅު ވާނެކަމެއް ނޫންކަމެވެ. އުތުރު ދާއިރާގެ މެންބަރުގެ އަޑު ކޮންމެވެސް މިންވަރަކަށް މަޖިލީހުގެ ތެރެއިން އަޅުގަނޑުމެނަށް އިވުނެވެ. މަޖިލީހުގެ ކޮމިޓީތަކުގައިވެސް ހަރަކާތްތެރިކޮށް އުޅުއްވިތަން ވަކި ހިސާބަކާ ޖެހެންދެން ފެނުނެވެ.

ނުފެނުނީ، ރަށު ދަރިޔަކަށް ނުވަތަ ސަރުކާރަށް ތާއީދު ކުރާ މެންބަރަކަށް ވެގެން އިތުރަށްވި ފައިދާއެކެވެ. ދެން އިންނެވި، ކުޅުދުއްފުށީ ދެކުނު ދާއިރާ މެންބަރު ޖަމްޝީދުގެ ވާހަކަ ފަށާނެ ހިސާބެއްވެސް ނޭނގެއެވެ. މި މެންބަރު ހޮވުމުގައިވެސް ރައްޔިތުން މިނެކިރީ ކުރިން މި ދެންނެވި ދެ ފަލްސަފާގެ ބުރަދަނަށެވެ. އެ ދާއިރާއަށްވެސް މީހަކު ހޮވިކަން ކުޅުދުއްފުށީ ރައްޔިތުން ހަނދާން ހުންނާނެއެވެ. މެންބަރުގެ އަޑެއް ނުމެ އިވެއެވެ. އަމަލެއް ނުމެ ފެނެއެވެ. ހުދު ގަމީހެއް ހޮވިޔަސް ޖެހޭނީ އެއްތާކުއޭ މީހުން ބުނަނީ އެހެންވެއެވެ.

ކުޅުދުއްފުށްޓަށް ގެންނަން ސަރުކާރުން ވައުދުވެފައިވާ ތަރައްގީގެ މަޝްރޫއުތައް ފަސްވުމާއި ލަސްކަން ކިތައްމެހާވެސް ބޮޑެވެ. ސަރުކާރު ހިންގާ ޕާޓީއަށް އިންތިހާބީ ހުރިހާ ގޮނޑިތަކެއް ދީގެން ތިބި ރައްޔިތުން ތިބީ ހިތްހަމަ ޖެހިގެނެއް ނޫނެވެ. އުފުއްލަން ޖެހޭ ތަކުލީފުތަކަށް ލުޔެއް ނުލިބުނެވެ. އުދާސްތަކަށް ފިނިކަމެއް ނުލިބުނެވެ. ޝަކުވާތަކަށް ހައްލެއް ނައެވެ. ރައްޔިތުންގެ ފަރާތުން އިތުރަށް ދޭވޭނެ އެއްބާރުލުމެއް ނެތް ހިސާބަށް ތިބީ އެއްބާރުލުން ދީގެންނެވެ. މި ލިޔުމުގައި އެ ވާހަކައަށް މާ ތަފްސީލުކޮށް ދާކަށް ނެތީމެވެ. ސުވާލަކީ، ރައްޔިތުންގެ އަޑު އިއްވަން ހޮވި މަންދޫބުންނަށް ރައްޔިތުންގެ މި ޝަކުވާތައް، ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާގެ ތެރެއިން ސަރުކާރަށް އަޑު އިއްވުނީ ކިހާ ވަރަކަށްތޯއެވެ؟ ކުޑަ ގާކޮޅެއް ބާއްވާފައި ރިބަންފަށެއް ކަނޑައިފިއްޔާ، ދެ މެންބަރުން ދެފަރާތުގައި ހިނިފުޅުއައިސް ތިއްބަވައެވެ. އެ ފެނުނު ނުވަތަ ނިމުނު "ބިޔަ" މަޝްރޫއުގެ ހަގީގީ މޭސްތިރިންނަކީ އެ މެންބަރުންކަން ދޭހަވާ ފަދަ ގޮތަކަށް އަރިސް ކުދި ބޭކަލުން ދައްކަވާ ވާހަކަތައް ނުހަނު އުފަލާއެކު ބަލައިގަނެއެވެ. އެކަމަކު ނުވެ ލަސްވާކަމެއް، ނުވަތަ ނުފެށިވާ ކަމެއްގެ ހަމަ ކުޑަވެސް ޒިންމާއެއް ނެންގެވިތަނެއް ނުފެނެއެވެ. ރައްޔިތުންގެ ކަންބޮޑުވުމެއްގެ އަޑު މަޖިލީސް މެދުވެރިކޮށް އަމުދުން ނުއިވެއެވެ. މިކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވޭގޮތް ދަންނަވަންތޯއެވެ؟ ސަރުކާރުގެ ވައުދުތަކުގެ ޒިންމާ މެމްބަރުން ސީދާ ގޮތުގައި އުފުއްލަން ޖެހިވަޑައިނުގަންނަވާނެއެވެ. މައްސަލައަކީ، ކުރެވޭ ކަމެއްގައި މެޑަލް ޖައްސަވާފައި ނުކުރެވޭ ކަމެއްގެ ޒިންމާ ނުނެންގެވުމެވެ. އަދި ސަރުކާރުގެ ވައުދުތައް ފެއިލްވުމުން ސަރުކާރު ޒިންމާދާރު ކުރަން ކުރެވުނު މަސައްކަތް ކުޑަވުމެވެ.

ރައްޔިތުންގެ މަޖިލީހަސް ހޮވާ ކޮންމެ މެންބަރެއްވެސް ވާން ޖެހެނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި މީހަކަށެވެ. ދެން މިއާއެކު މި ދަންކަން ޖެހެނީ، ކުރިން ޖެއްސުމުގެ ރާގެއްގައި އަޅުގަނޑަށް ދެންނެވުނު ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި މެންބަރުގެ ދައުރުގެ ވާހަކައެވެ. މި އޮޅުން ބޮޅުމާއި ނުތަނަވަސްކަން ގޮސް ހުއްޓޭ ހިސާބަކީ އެއީއެވެ. ރައްޔިތުންނަށް މެމްބަރުންގެ ދައުރު އޮޅުވާލާފައި އޮތުމެވެ. ގައުމުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ސަރުކާރުންނެވެ. ސަރުކާރުގެ އެންމެ މަތީ ވެރިއަކީވެސް ރައްޔިތުންގެ ވޯޓަކުން ހޮވާ މީހެކެވެ. އެހެން ކަމުން ރަށް ތަމްސީލު ކުރަން ހުރި މަޖިލީސް މެންބަރަކީ ކޮންމެ ރަށެއްގެ ކޮންމެ ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހަކަށް ވިޔަސް އެއީ ސަރުކާރުގެ މަޝްރޫއުތަކުގެ ސްޕީޑު އަވަސްވުމާއި، ލަސްވުމާއި، ކަންވުމާއި ނުވުމުގެ ސަބަބަކަށް ހަޤީޤަތުގައި ނުވާނެއެވެ. މެންބަރު ޔާސިރު ވިދާޅުވިގޮތުން، ކުޅުދުއްފުށްޓަށް އެންމެ އަޅާލި، އެންމެ ތަރައްގީ ގެނެސްދިން މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރަށުގެ ދެ ދާއިރާ ތަމްސީލުކުރަން ތިބި ދެ މެންބަރުންނަކީވެސް އޭރުގެ އިދިކޮޅަށް ނިސްބަތްވާ ދެ މެންބަރުންނެވެ. އަދި ނުވިތާކަށް "ރަށު ދަރީން" ނެއްވެސް ނޫނެވެ. ވިސްނައިފި މީހަކަށް ފިލާވަޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355