twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޖަލާލުއްދީން ސްކޫލުގެ ސީނިއާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމަރަލްޑް ހައުސްއަށް

މުޙައްމަދު އަހުމަދު
Jan 19, 2023

ޖަލާލުއްދީން ސްކޫލުގެ ސީނިއާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރޫބީ ހައުސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އެމަރަލްޑް ހައުސްއިން ހޯދައިފި އެވެ.

އިއްޔެ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗު އެމަރަލްޑުން ކާމިޔާބުކޮށްފައިވަނީ 7 - 1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ތަފާތު ބޮޑު މޮޅަކުން އެމަރަލްޑުން ފައިނަލް މެޗު ކާމިޔާބުކުރިއިރު އެޓީމުން މިމުބާރާތުގައި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.

އިއްޔެގެ ފައިނަލު މެޗުގެ ވަރަށް ކުރީކޮޅު އެމަރަލްޑުން ލީޑު ނެގި އެވެ. މިލަނޑު 8 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އަހްމަދު އިދާން މުހައްމަދެވެ. ފުރަތަމަ ހާފު ނިމުނީ 1 ލަނޑުގެ ލީޑަކުން އެމަރަލްޑް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އެމަރަލްޑުންނެވެ. އެޓީމު ވަނީ ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސް މިނެޓުތެރޭ ލަނޑެއް ޖަހާފަ އެވެ.

އެލަނޑު ޖަހާފައިވަނީ އެމަރަލްޑް ހައުސްގެ އިތުބާރު ފޯވާޑް އަހްމަދު ނާއިލް އެވެ. މެޗުގައި އެމަރަލްޑް ހައުސްގެ ފަހު 5 ލަނޑު ޖަހައިދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ މަތީން ބަޝީރެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މަތީން ވަނީ ފައިނަލުގައި ވެސް މޮޅު ކުޅުމެއް ދައްކާ ޓީމުން ތަށި ހޯދުމަށް ކުރި މަސައްކަތުގައި ބޮޑު ރޯލެއް އަދާކޮށްފަ އެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވަނީ އެމަރަލްޑް ހައުސްގެ ޖޯޒީ ނަމްބަރު 10 މަތީން ބަޝީރު އެވެ. ފައިނަލް މެޗުގައި ރޫބީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 7 މުހައްމަދު އަނޫސް އާދަމް އެވެ. މިދެޓީމު މުބާރާތުގައި ފައިނަލުގެ ކުރިން ބައްދަލުކުރި މެޗު 2 - 1 ގެ ހަނިތަފާތަކުން ކާމިޔާބު ކުރީ ވެސް އެމަރަލްޑް ހައުސްއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355