ދޮގު ހެދުމަކީ ތިމާގެ އިއްޒަތް ތިމާ އެންމެ އިޙްތިރާމް ކުރާ އާއިލާގެ މެންބަރުންނާ ރަހުމަތްތެރިންގެ ކުރިމަތީގައި ވެއްޓިގެންދާ ފައިދާއެއް ނެތް ގޯސް އަމަލެކެވެ. އެކަމުގައި ދެމިހުންނަ މީހާއަށް އެއްދޮގު ހަދައިގެން ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ކިއެއް ހެއްޔެވެ. އެތައް ދޮގެއް ހަދައިގެންވެސް އާޚިރުގައި ލިބޭނެ ކާމިޔާބެއް ނޯންނާނެ އެވެ. އެއިން ކޮންމެ ދޮގަކީ ތިމާގެ ނުބައިކަމުގެ އަމަލުތަކުގެ ރެކޯޑަށް އިތުރުކުރެވޭ ފާފައެކެވެ.
ދޮގުހެދުމުގެ ނުބައިކަމާއި އެކަމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި އަހަރެމެން އިންސާނުންނަށް ވަރަށް ގިނަގުނަ އިރުޝާދުތައް ދެއްވާފައިވެއެވެ. މިގޮތުން ސޫރަތުލް ބަޤަރާގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުމުގެ މާނާގައިވަނީ:
"އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، ﷲ ތަޢާލާ އެއުރެންނަށް އެ ބަލިމަޑުކަން އިތުރުކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނު ކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ."
ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން ވަރަށް ފަސޭހައިން ދޮގު ހެދެއެވެ. ވަރަށް ކުޑަކުޑަ ކަމަކާވެސް ދޮގު ހަދައެވެ. އަނެއްބައި ފަހަރަށް ދޮގުހެދުމަކީ މަޖާކަމެއްގެ ގޮތުގައި ދެކިގެންވެސް ދޮގު ހަދައެވެ. މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން އަމިއްލައަށް ވިސްނަންޖެހެއެވެ. ދޮގުވެރިންނާ ގުޅޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގެ އައްނަހުލު ސޫރަތުގެ 105 ވަނަ އާޔުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛
"ދޮގުހަދާކަން ކަށަވަރީ މާތް ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރިންނެވެ."
މިއާޔަތުގައި މާތް ﷲ ދޮގުހަދާ މީހުން އެއްފަދަ ކޮށްފައިއެވަނީ، އެކަލާނގެ އާޔަތްތަކަށް އީމާންނުވާ މީހުންނާ އެވެ. މުސްލިމުން ކަމުގައިވެ ތިބެ، އެކަލާނގެ އެންގެވި ވަޙީ ބަސްފުޅަށް ކިޔަމަން ގަތުމީ އަޅުގަނޑުމެންނަށް ވާޖިބެކެވެ. ވާހަކަ ދައްކާއިރު މީހުންގެ ޝައުގުވެރިކަން އޭނާއަށް ހޯދުމަށްޓަކައި، މީހުން ހެއްވާލުމަށްޓަކައިވެސް ބައެއް މީހުން ދޮގުހަދައެވެ. އެކަމަކާ ނުވެސް ގުޅޭ، ނުވެސް ހިނގާކަމެއްގެ ވާހަކަ ހަދަހަދައިގެން މަޖާކުރުމަށް މީހުންގެ ގާތުގައި ދައްކަމުން އުޅޭ މީހުންވެސް ވަރަށް ގިނައެވެ. މިފަދަ މީހުން ތިރީގައިއެވާ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅާމެދު ވިސްނާލުން މުހިންމެވެ.
ކީރިތި ރަސޫލާ ޞައްލ ﷲ ޢަލައިހި ވަސައްލަމް ހަދީސް ބަސްފުޅެއްގެ މާނާގައިވަނީ؛
"ވާހަކަ ދައްކާއިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާމީހާއަށް ހަލާކު ހުއްޓެވެ. އެމީހަކަށް ހަލާކު ހުއްޓެވެ. އަދި އެމީހަކަށް ހަލާކު ހުއްޓެވެ."
މިފަދަ ނުބައި އަމަލެއްގެ އަޅަކަށް ނުވެ މިއަދުން ފެށިގެން ކޮންމެ ކަމެއްގައިވެސް ތެދު ބުނުމަށް އާދަ ކުރަމާތޯއެވެ. ތިމާގެ ދަރިންނަކީވެސް ތެދުބަހުން ވާހަކަ ދައްކާ ރަނގަޅު ދަރިން ކަމުގައި ހެދުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ދަރިއަކު ދޮގު ހަދައިފިނަމަ އެދަރިޔަކަށް އަދަބުދީ ނަސޭހަތްތެރި ވަމެވެ. އެހެންކަމުން، ދަރިންނާއެކު ތިމާވެސް ދޮގުހެދުމުން މިއަދު ދުރުހެލިވަމާތޯއެވެ.