twitterviber whatsapp telegramfacebookyoutube instagram
27th April 2024

ތަނަވަސް ހިތްގައިމު ރީތީ އޯޕީޑީއެއް

ނަބީލާ އިސްމާޢީލް
Jan 29, 2023
7

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އާ އޯޕީޑީތެރެއަށް ހެނދުނު ވަދެގެންދިޔައިރު، ކުރިޔާ ހިލާފަށް މީހުން ގިނަކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް އެހެންޏާ ވާހެން ކުރިއަށްދާނެ ތަންކޮޅެއް ނުލިބިގެން މީހުންތަކުގެ ފަހަތުގައި މަޑުކޮށްގެން ހުންނާކަށް ނުޖެހެއެވެ.

ތޮއްޖެހިގެން މީހުންތައް ކޮޅަށް އެކި ދިމަ ދިމާލުގައި ތިބި ތަނެއް ނުފެނެއެވެ. ކޮންމެ މީހަކުވެސް ފެންނަނީ އެމީހެއްގެ ހިދުމަތަށް ގޮވާލާނެ ވަގުތެއްގެ އިންތިޒާޒުގައި ޑޮކްޓަރުންގެ ކޮޓަރިތަކުގެ ކުރިމަތީގައި ބެހެއްޓިފައިވާ ހިތްގައިމު ސޯފާތަކުގައި މަޑުކޮށްލައިގެންނެވެ. ކޭއާރުއެޗްގެ ހިތްގައިމު އާ އޯޕީޑީ ހުޅުވާ އެތަނުގެ ހިތުމަތް މިދިޔަ ހަފުތާ ދޭން ފަށާފައިވާއިރު މިތަނުގެ ހިތްގައިމުކަމާއި ޗާލުކަމާއި އެއްވަރަށް މިތަނުން ލިބޭނެ ހިދުމަތްތަކާއި އެތައް ފަސޭހަތަކެއް ލިބޭނެކަމުގެ އުންމީދަކީ މުޅި މި ސަރަހައްދުގެ ރައްޔިތުންގެ އުންމީދުކަން ކަށަވަރެވެ.

މި ސަރުކާރުން ތަރައްގީކުރި އޯޕީޑީ އިމާރާތް ނިންމާ ހަވާލުކުރީ މިދިޔަ ހަފުތާތެރޭގައި އެވެ. ޖުމްލަ 20.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހިމެނެނީ 21 ކޮންސަލްޓޭޝަން ރޫމާއި 1 ޓްރީޓްމަންޓް ރޫމާއި 1 ޕްރޮސީޖަރ ރޫމާއި 1 އީސީޖީ ރޫމާއި 1 އީކޯ ރޫމެއްގެ އިތުރުން ރިސެޕްޝަން އޭރިއާއަކާއި، ވެއިޓިންގ އޭރިއާއެއް އަދި ލެބޯރޓަރީ ކަލެކްޝަންއަކާއި އާއްމު 5 ފާހާނާ އާއި އެމްޓީސީސީގެ ސީއެސްއާރުގެ ތެރެއިން މުވައްޒަފުން ބޭނުންކުރުމަށް އިތުރު ކުރި 5 ފާހާނާ ބްލޮކެކެވެ.

ކޭއާރުއެޗްގެ މީޑިއާ އޮފިސަލު މުހައްމަދު މޫސާ ވިދާޅުވީ އަދި ހުރިހާ ހިދުމަތްތައް އާ އޯޕީޑީއަށް ބަދަލު ނުކުރެވޭ ކަމަށެވެ. އެ ގޮތުން ލެބޯޓްރީގެ ހިދުމަތާއި ބޭސްއަޅާ ކޮޓަރީގެ ހިދުމަތް އަދި ކުރިއަށްދާނީ ކުރިންވެސް އެ ހިދުމަތް ލިބުނު ތަނުން ކަމަށެވެ.

ކުރިން ސްޕެސަލިސްޓުންގެ ހިދުމަތް ދެ ދަންފަޅީގައި ލިބުނު ނަމަވެސް މިހާރު ހާއްސަ ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 08:30 ން ހަވީރު 16:00 އަށެވެ. އެކަމަކު މިހާރު ކުރިއާއި ހިލާފަށް ހާއްސަ ބަލިތަކުގެ 1 ޑޮކްޓަރުންނަށްވުރެން އިތުރަށް ކޮންމެ ދުވަހަކުވެސް ބައްލަވާނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސީއްހީ ހިދުމަތް ހޯދުމަށް އެތައް ބަޔަކު ބަރޯސާވާ ހޮސްޕިޓަލެކެވެ. މިގޮތުން މިއީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެވެ.

އާރުޓީއެލް ފެރީގެ ހިދުމަތާއެކު އޯޕީޑީން ހިދުމަތް ހޯދަމުން އަންނަ ފަރާތްތައް އިތުރުވެފައިވާކަން ކޭއާރުއެޗުން މައުލޫމާތު ދެއްވަ އެވެ. އެހެންވުމުން އާ އޯޕީޑީއެއް އެ ހޮސްޕިޓަލަށް އޮތީ ނުހަނު ބޭނުންވެފަ އެވެ. އާއޯޕީޑީއާއެކު އެ ހޮސްޕީޓަލުން ދެމުން ގެންދިޔަ ހިތުމަތްތަކުގެ ގަޑިތަކަށްވެސް ވަނީ ބަދަލު އައިސްފަ އެވެ. އެގޮތުން ހެނދުނު ދަންފަޅީގައި ކިއު ނަމްބަރު ދޫކުރަން ފަށާނީ 6 ޖަހާއިރު އެވެ. އަދި މެންދުރު ދަންފަޅީގައި 12 ޖަހާއިރު އެވެ. މެމޯ ހައްދަން ހެނދުނު ދަންފަޅީގައި 8 ޖަހާއިރު ފަށާއިރު މެންދުރު ދަންފަޅި ފަށާނީ 12 ޖަހާއިރު އެވެ.

ކެންސަލް ކިއު ނަމްބަރު ދޫކުރަން ހެނދުނު ފަށާނީ 6 ންނެވެ. އަދި މެންދުރު ދަންފަޅީގައި 12 ޖަހާއިރު އެވެ. ކެންސަލް މެމޯ ހައްދަން ފަށާނީ ހެނދުނު ދަންފަޅީގައި 10:30 ގައި އަދި އަދި މެންދުރު ދަންފަޅީގައި 2 ޖަހާއިރު އެވެ. މިއީ މި ހޮސްޕިޓަލު އިމާރާތްކުރި ފަހުން ހޮސްޕިޓަލުގެ ތަރައްގީއަށް ކުރެވުނު އެންމެ ބޮޑު މަޝްރޫއުއެވެ. މިކަމުގެ ސަބަބުން ހިދުމަތް ހޯދާ އެތައް ބަޔަކަށް ލުއި ފަސޭހަވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355