twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޝައިތާނާގެ ކިބައިން ގޯތިގެދޮރު ސަލާމަތްކުރުމަށް ބޭނުންނަމަ ...

ހ.މ
Jan 27, 2023

ޝައިތާނާގެ ކިބައިން ގޯތިގެދޮރު ސަލާމަތް ކުރުމަށް ބޭނުންނަމަ...

ދުނިޔެވީ ދިރިއުޅުމަށް އަހަރެމެންގެ ވިސްނުމާ ހިޔާލާ އެއްގޮތަށް ގެތައް ފަރުމާކޮށް ބިނާކުރަމުއެވެ. އެންމެ ހިތްއެދޭ އެންމެ ޒަމާނީ ފަރުމާއަށް، ކުލަޔާ ފަރުނީޗަރާއި ވަސީލަތްތައް އެގޭގައި ގާއިމްކުރަމުއެވެ. ކޮންމެ މީހެއްވެސް އެމީހަކަށް ލިބިފައިވާ އަދި ނުލިބޭ ހާލުގައި ދަރަނިވެރިވެގެންވިޔަސް މެއެވެ.

ނަމަވެސް، އެ ގެއެއްގައި އަރަހުށި މާތް ﷲ ބާވާލެއްވި ކީރިތި ޤުރުއާނުގެ އަކުރެއްވެސް ޒިކުރު ނުކޮށްލެވޭ ގެއެކޭ ދިރުންނެތް ގެއެކޭ ތަފާތެއް ނެތެވެ. ބޭރުފުށުން ކިތަންމެ ރީއްޗަސް އެތެރޭގައިވާނީ ފަޅުކަމެވެ.

މި ލިޔުމުގައި މިބަލާލަނީ، ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އައިސްފައިވާ ބައެއް ހަދީސްފުޅު ތަކަށެވެ. މި ހަދީސްތަކުން އަޅުގަނޑުމެންގެ ގޯތިގެދޮރުގެ ފަޅުކަން ފިލުވައި އަމާން ފިނި ތަނަކަށް ހެދުމަށް އެކަލޭގެފާނުވަނީ ބާރުއަޅުއްވާފައެވެ.

1. އަބޫހުރައިރާ ގެފާނުގެ އަރިހުން ރިވާވެގެންވާ މާތް ނަބިއްޔާގެ ހަދީސެއްގެ މާނާގައިވެއެވެ؛

"ތިޔަބައިމީހުންގެ ގޯތިގެދޮރު ޤަބުރުސްތާނު ތަކަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެޔެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއެއްގެ ކިބައިން ޝައިޠާނާ ފިލައެވެ" (މުސްލިމް)

އެކަލޭގެފާނުގެ މިހަދީސުން ބަޤަރާތް ސޫރަތް ގޭގައި ކިޔެވުމުގެ މާތްކަން އަޅުގަނޑުމެންނަށް ފުދެއެވެ. ތިބާއާ ތިބާގެ އާއިލާ ދިރިއުޅޭ ގެ ޤަބުރުސްތާނު ތަނަކަށް ވާން ބޭނުންވާނީ ކާކު ހެއްޔެވެ؟ އަދި ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް ނޭދޭނީވެސް ކާކު ހެއްޔެވެ؟

2.އަބޫ މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މާތް ނަބިއްޔާގެ ހަދީސެއްގެ މާނާގައިވެއެވެ؛

"ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި މީހަކަށް، އެ ފުދިގެންވެއެވެ." (ބުޚާރީ، މުސްލިމް)

މި ހަދީސްގައިވާ "ފުދިގެންވުން" މާނަ ކުރުމުގައި އިސްލާމީ ޢިލްމުވެރިން ވަރަށް ގިނަ ގޮތްގޮތަށް ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި:

- ޝައިތާނާގެ ނުބައިކަމުން (ރައްކާތެރި ކޮށްދިނުމަށް) ފުދިގެންވެއެވެ.

- ކޮންމެ ނުބައިކަމަކުން (ރައްކަލަކަށް) ފުދިގެންވެއެވެ.

- ޘަވާބުގެ ގޮތުގައި ފުދިގެންވެއެވެ.

މިއީވެސް ބަޤަރާ ސޫރަތުން އަޅުގަނޑުމެންނަށް ލިބޭ ބޮޑު މަންފާއެކެވެ.

3. އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މާތް ނަބިއްޔާގެ ހަދީސެއްގެ މާނާގައިވެއެވެ.

"މީހަކު ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވައިފި ކަމުގައި ވަނީނަމަ އޭނާ ސުވަރުގެ ވަނުމަށް، މަރު ފިޔަވައި އިތުރު ހުރަހެއް ނުވެއެވެ"

އާޔަތުލް ކުރުސިއަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް ގިނައިން ކިޔައިއުޅޭ އާޔަތެކެވެ. މި މަތުވެރި އާޔަތްވެސް ހިމެނިފައިވަނީ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައެވެ.

4. ނުޢުމާން ބިން ބަޝީރު ރަޟިޔަﷲ ޢަންހް ރިވާކުރައްވާފައިވާ މާތް ނަބިއްޔާގެ ހަދީސެއްގެ މާނާގައިވެއެވެ.

"ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގެ ދެހާސް އަހަރު ކުރިން ﷲ ތަޢާލާ ލިޔުއްވުމެއް ލިޔުއްވިއެވެ. އެލިޔުއްވި ލިޔުއްވުން ވަނީ ޢަރުޝިކޮޅުގެ މަތީގައެވެ. އަދި އެކަލާނގެ، އެއިން ދެއާޔަތެއް ބާވާލެއްވިއެވެ. އެއީ ބަޤަރާ ސޫރަތުގެ ނިމުމުގައިވާ ދެއާޔަތެވެ. އެދެއާޔަތް ގެއެއްގައި ތިން ރޭ ކިޔަވައިފިނަމަ، ފަހެ ޝައިޠާނާ އެގެޔަކާ ކައިރިނުވާ ހުއްޓެވެ." (ތިރުމިޒީ)

އުންމީދަކީ، މިލިޔުމުން ތިބާއަށް ފައިދާއެއް ކުރުމެވެ. ތިބާގެ ގޯތިގެދޮރަކީ އަމާން ތަނެއްކަމުގައި ލެއްވުމަށް އެދި އަރަހުށި މާތް ﷲ ދުޢާކުރަމެވެ.

ނޯޓް: މި ލިޔުމުގައި ބަޔާންކޮށްފައިވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުގެ މަޢްލޫމާތު ނަކަލު ކޮށްފައިވަނީ، "ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން" މި ފޮތުންނެވެ. މިފޮތަކީ، އަޙްމަދު ނާޒިލް މުޙައްމަދު ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ ފޮތެކެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355