twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސަތޭކައަށްވުރެ ގިނަ ޗެނަލް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި

Jan 31, 2023

އަލަށް ކޭބަލްޓީވީގެ ހިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފިއެވެ. އެސްއެސްނެޓުން ހާމަކުރިގޮތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ބްރޯޑްކޮމް އިން ވަނީ ފާސްކޮށްދެއްވާފަކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލަމުންދާ ސޮނީ އާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ، ސްޓިންގްރޭ، ލަވްނޭޗަރ ފޯކޭ، އައުޓްޑޯރ އަދި ޒޫމޫ ފަދަ ދިވެހީންގެތެރޭގައި މަޝްހޫރު ޗެނަލްތައް ހިމެނޭކަމަށް މޮންދު ވިދާޅުވިއެވެ.

އެސްއެސްނެޓުން ހާމަކުރިގޮތުގައި މިހާރު ފާސްކޮށްދެއްވާފައިވާ 48 ޗެނަލްގެ އިތުރުން 71 ޗެނަލެއް ފާސްކޮށްދެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ޚަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލްޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެއެވެ. ވިޔަފާރީގެ ހަބަރާއި މައުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބަރގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެއެވެ. ކުޑަކުދިންގެ މަޤްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވަރކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާރ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވަރލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލަރސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެއެވެ. މީގެ އިތުރުން މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ޤުރްއާނާއި ސަޢުދީ އަރަބިޔާގެ އެހެން ޗެނަލްތައް ހިމެނެއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން އެސްއެސްނެޓްގެ ހިދުމަތް މިރޭ ދަންވަރު ފެށެންވާއިރަށް ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެކަމަށް. މިހާތަނަށް ވެސް ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓަރުންނަށް ފަހިވާނެ އަދި ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކޮށްދެއްވާފައި. ދިރާގު ޓީވީ މިރޭ 12:00 ގައި ހުއްޓާލާއިރު އެސްއެސްނެޓްގެ ޚިދުމަތް ދިރާގުޓީވީ ނެޓްވަރކްގެ ތެރެއިން ފެށިގެން ދާނެ. ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފައި. އެހެންވީމަ މި އުއްމީދުކުރަނީ މިހާރު ހުށަހަޅާފައިވާ ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެކަމަށް." މޮންދު ވިދާޅުވިއެވެ.

އެސްއެސްނެޓުން ހާމަކުރިގޮތުގައި ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް ފާސްކޮށްދެއްވައިފިނަމަ އެސްއެސްނެޓްގެ ހިދުމަތް ފެށޭއިރު ޖުމްލަ 119 ޗެނަލް އެސްއެސްނެޓް ފަށާ ދުވަހުވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެއެވެ. އަދި އާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ހިދުމަތް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355