twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ ކިޔަވާ ލޯނުގެ ފައިނޭންސިން ރޭޓު ފަސް ޕަސަންޓަށް ދަށްކޮށްފި

ނަބީލާ އިސްމާޢީލް
Feb 2, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ކިޔަވާ ލޯނު އަދި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 5 ޕަސަންޓަށް ދަށްކޮށްފި އެވެ.

ކިޔަވާ ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓު ދަށްކޮށްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. އެހެންކަމުން، މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް މި ރޭޓް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލުން ބުނީ، އިންޓްރެސްޓް އަދި ފައިނޭންސިން ރޭޓަށް ގެނައި ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ މީހުންނަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ ކަމަށެވެ.

ބީއެމްއެލުން ބުނީ މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށެވެ.

މީގެ އިތުރަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނައި ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމަށާއ، އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 ޕަސަންޓާ ހަމައަށް ފައިނޭންސް ލިބޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355