އަރަބި ބަހުގައި ދައްޖާލުގެ މާނައަކީ، އޮޅުވާލުމެވެ. ދައްޖާލަށް އެނަމުން ނަންދެވިފައިވާ ސަބަބެއް ކަމުގައިވަނީ އޭނާގެ ކިބައިގައި ދޮގުހެދުމާއި އޮޅުވާލުންތައް ގިނަކަމުންނެވެ. ދައްޖާލު ފާޅުވުން ހިމެނިގެންވަނީ ދުނިޔެ ޤިޔާމަތްވުމުގެ ބޮޑެތި އަލާމާތް ތަކުގެ ތެރޭގައެވެ.
ދައްޖާލުގެ ފިތުނަ އެންމެ ބޮޑުވާނީ އެދުވަސްކޮޅު އީމާންވެގެން ތިބޭ މުސްލިމުންގެ މައްޗަށް ކަމުގައިވެއެވެ. އެ މުސްލިމުންގެ މައްޗަށް އެ ދުވަސްކޮޅު މުސީބާތްތަކާއި އާފާތްތައް ބޮޑުވެ އޭގެން އެއް ދުވަސް އެބައިމީހުންނަށް އެއް އަހަރު ކަމުގައި ހީވާނެކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ. ހުރިހާ ކަމަކަށް ކުޅަދުންވަންތަ އަރަހުށި މާތް ﷲ އޭނާއަށް ދެއްވާފައިވާ ބާރުތަކުން އިންސާނުންގެ ގިނަ ބަޔަކު އޭނާގެ ފިތުނާގައި ޖައްސާނެއެވެ.
ދައްޖާލުގެ ފިތުނައާމެދު އިންޒާރު ނުދެއްވާ އެއްވެސް ނަބިއްޔެއް ނުވެއެވެ. ހުރިހާ ނަބީބޭކަލުންވެސް އެބޭކަލުން ފޮނުއްވި އުންމަތަށް ދައްޖާލާމެދު އިންޒާރު ދެއްވާފައިވެއެވެ. އެހެންކަމުން، ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި އެންމެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް ދައްޖާލާމެދު ސަމާލުވެ ރައްކާތެރިވުމަށް ވަރަށް ބޮޑަށް އިރުޝާދު ދެއްވާފައިވެއެވެ. މީގެ ކުރިން އެހެން އެއްވެސް ނަބިއްޔެއް އެނަބިއްޔެއްގެ އުންމަތަށް އިންޒާރު ނުދެއްވާ ވަރަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މިއުންމަތަށް ދައްޖާލުގެ ފިތުނައާމެދު އިންޒާރު ކުރައްވާފައިވެއެވެ.
ތިރީގައި އެވަނީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދައްޖާލުގެ ފިތުނައިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމެވެ.
1 - ދައްޖާލުގެ ފިތުނައިން ރައްކާތެރި ކޮށްދެއްވުން އެދި އަރަހުށި މާތް ﷲ ގެ ހަޟްރަތުގައި ދެންނެވުން.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަނބި ކަނބަލުން ޢާއިޝާގެފާނުގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
ހަމަކަށަވަރުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް "ނަމާދުގައި (އައްތަހިޔާތުގައި ސަލާމް ދިނުމުގެ ކުރިން) ދުޢާ ކުރައްވަ އެވެ. ދައްޖާލުގެ ފިތުނައިން މި އަޅާ ރައްކާތެރި ކޮށްދެއްވުން އެދި އިބަ އިލާހުގެ ހަޟުރަތުގައި ދަންނަވަމެވެ". (ބުޚާރީ)
2 - ދައްޖާލާ ބައްދަލުވެއްޖެ މީހާ، އޭނާގެ ކިބައިން ރައްކާތެރިވުމަށް ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތް ކިޔުން
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާއާ ބައްދަލުވެއްޖެ ހިނދު ސޫރަތުލް-ކަހްފުގެ 10 އާޔަތް ކިޔުން ހުއްޓެވެ" (މުސްލިމް)
3 - ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުދަސްކުރުން
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.
"ކަފްހު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްވެފައިވާ މީހާ، ދައްޖާލުގެ ފިތުނައިން ރައްކާތެރި (ހިމާޔަތް) ކުރެވިގެންވާނެ އެވެ" (މުސްލިމް)
ކަހްފު ސޫރަތް ގިނަގިނައިން ކިޔުމަށް އެތަކެއް ހަދީސެއްގައި ވާރިދުވެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަށް ބާރު އަޅުއްވާފައިވެއެވެ. ދުޢާއަކީ އަޅަމެން އެންމެންނަކީ މިބޮޑު ފިތުނައިން ސަލާމަތްވެ، އަރަހުށި މާތް ﷲ ގެ ފުރިހަމަ ހިމާޔަތާ ރައްކާތެރި ކަމުގައިވާ ބައެއް ކަމުގައި ލެއްވެވުމެވެ.