twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދަމާފައި ގެންގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.

Feb 18, 2023

ކަނޑައެޅި ބަޔާންވެގެންވާ ދުވަސް އޮތީ ދާދި ގާތުގައެވެ. އަރަހުށި މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގުމެއްނުވާ ޤިޔާމަތް ދުވަހެވެ. އެދުވަސް އައުމުގެ ކުރިން އެދުވަހަށް ތައްޔާރުވެ ތިމާގެ އަމަލުތައް ރަނގަޅުކޮށް އިސްލާޙުވުމަށް ނަސޭހަތްތެރިވަމެވެ. ހެޔޮ އަމަލުތައް ގިނަކޮށް، އެ އަމަލުތައް ކުރުމުގައި އިޚްލާސްތެރިވުމަށް ނަސޭހަތްތެރި ވަމެވެ. އެހެނީ، ތިމާ ކުރާ އެއްވެސް ހެޔޮކަމެއް އެއީ ކިތަންމެ ބޮޑު އަމަލެއް ކަމުގައިވިޔަސް، އިޚްލާސްތެރިކަން ނެތްނަމަ އެކަމަކުން ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ.

މީސްތަކުންގެ ކުރިމަތީ ތިމާގެ އަބުރާ އިއްޒަތް މަތިވެރި ކުރުމުގެ ނިޔަތުގައި ކުރެވޭ އެއްވެސް އަމަލަކުން ތިމާއަށް އާޚިރުގައި ލިބެން އޮތީ ވޭންދެނިވި އަޒާބެވެ. މިފަދަ މީހުންގެ ވާހަކަ ބަޔާންކުރައްވާ އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.

"ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ މީހުންގެ ތެރޭގައި ޝަހީދަކު ވެއެވެ. އޭނާ މާތް ﷲ ގެ ހަޟްރަތަށް ގެނެވި، އޭނާއަށް ދެވުނު ނިޢުމަތްތައް ދައްކަވާނެތެވެ. ވަޙީކުރައްވާނެތެވެ. މި ނިޢުމަތްތަކުގެ ބޭނުން ތިބާ ކުރީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. "އިބަ ރަސްކަލާގެ މަގުގައި ޝަހީދު ވެއްޖައުމަށް ދާންދެން މިއަޅާ ހަނގުރާ ކުރީމުއެވެ." ވަޙީ ކުރައްވާނެތެވެ.

"ތިބާ ތިޔަހެދީ ދޮގެކެވެ. އެހެނަސް ތިބާ ހަނގުރާމަ ކުރީ، ތިބާއަކީ ހިތްވަރުގަދަ މީހެކޭ މީސްތަކުން ލައްވައި ބުނުވުމަށްޓަކައެވެ. ހަމަކަށަވަރުން އެފަދައިން ބުނެވުނެވެ. އެއަށްފަހު އެކަލާނގެ އަމުރުކުރައްވައި، އޭނާ މޫނުވަތަށް ވައްޓައިލެވި، ދަމާފައި ގެންގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.

ހަމަ އެފަދައިން އޭގެ ތެރޭގައި އިލްމު އުނގެނި، އުނގަންނައިދިން މީހަކު ވެއެވެ. އޭނާ މާތް ﷲ ގެ ހަޟްރަތަށް ގެނެވި، އޭނާއަށް ދެއްވި ނިޢުމަތްތައް ދައްކަވާނެތެވެ. ވަޙީ ކުރައްވާނެތެވެ. "މި ނިޢުމަތްތަކުގެ ބޭނުން ތިބާ ކުރީ ކިހިނަކުން ހެއްޔެވެ؟" އޭނާ ދަންނަވާނެތެވެ. "މި އަޅާ ޢިލްމު އުނގެނި، މީސްތަކުންނަށް އެ ޢިލްމު އުނގަންނައި ދިނީމެވެ. އަދި އިބަރަސްކަލާނގެ ވަޖުހުފުޅަށްޓަކައި ޤުރުއާން ކިޔެވީމެވެ." އެކަލާނގެ ވަޙީ ކުރައްވާނެތެވެ.

"ތިބާ ތިޔަހެދީ ދޮގެކެވެ. ތިބާ އުނގެނުނީ ތިބާއަކީ ޢާލިމެކޭ މީހުން މީސްތަކުން ލައްވައި ބުނުވުމަށްޓަކައެވެ. ތިބާއާ ދިމާއަށް އެފަދައިން ބުނެވުނެވެ. އެއަށްފަހު އެކަލާނގެ އަމުރުކުރައްވައި، އޭނާ މޫނުވަތަށް ވައްޓައިލެވި، ދަމާފައި ގެންގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.

ހަމަ އެފަދައިން އެމީހުންގެ ތެރޭގައި، މާތް ﷲ އެމީހަކަށް ތަނަވަސްކަން ދެއްވައި، ހުރިހާ ބާވަތެއްގެ މުދާވެރިކަން ދެއްވި މީހަކު ވެއެވެ. އޭނާ މާތް ﷲ ގެ ހަޟްރަތަށް ގެނެވި، އޭނާއަށް ދެއްވި ނިޢުމަތްތައް ދައްކަވާނެތެވެ. ވަޙީ ކުރައްވާނެތެވެ. "މި ނިޢުމަތްތަކުގެ ބޭނުން ތިބާ ކުރީ ކިހިނަކުން ހެއްޔެވެ؟" އޭނާ ދަންނަވާނެތެވެ. "އިބަ ރަސްކަލާނގެ ހޭދަކުރުމަށް ލޯބި ކުރެއްވި ހުރިހާ މަގެއްގައި، މި އަޅާ އެމުދާ ހޭދަކުރެއްވީމެވެ." އެކަލާނގެ ވަޙީކުރައްވާނެތެވެ. "ތިބާ ދޮގު ހަދައިފީމުއެވެ. އެހެނަސް ތިބާ އެކަންކުރީ، ތިބާއަކީ ދީލަތި މީސްތަކުން ލައްވައި ބުނުވުމަށްޓަކައެވެ. ތިބާއާ ދިމާއަށް އެފަދައިން ބުނެވުނެވެ. އެއަށްފަހު އެކަލާނގެ އަމުރުކުރައްވައި، އޭނާ މޫނުވަތަށް ވައްޓައިލެވި، ދަމާފައި ގެންގޮސް، ނަރަކައަށް އެއްލައިލެވޭނެއެވެ.

ކަން ދެއްކުމަކީ އެހާވެސް ނުރައްކާތެރިކަން ބޮޑު އަމަލެކެވެ. ނިކަން ވިސްނަވާށެވެ. މިއަދު ވަގުތުތައް ހޭދަކުރަމުންމިދާ ދުނިޔެއަކީ ދާއިމީ މަންޒިލަށް ވާސިލްވުމަށް އަމަލުކުރުމަށް އޮތް ތަނެވެ. ވީމާ، އަރަހުށި މާތް ﷲ އާއި އެކަލާނގެ ފޮނުއްވި މިއުންމަތުގެ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތުގައި ހިފައި އަޅުކަމުގައި އިޚްލާސްތެރިވުމަށް މަސައްކަތް ކުރަމާތޯއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355