ތުރުކީއަށް މީގެ ދެހަފްތާ ކުރިން އައި ބާރުގަދަ ބިންހެލުމުގައި ގޭގެ ދަށުގައި ތާށިވެ މަރުވެފައި އޮއްވާ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ ފެނިއްޖެ އެވެ.
ބީބީސީން ރިޕޯޓް ކުރިގޮތުގައި ގާނާގެ ފުޓްބޯޅަ ކުޅުންތެރިޔާ އަޓްސޫ މަރުވެފައިވާކަން އޭނާގެ އޭޖެންޓް ވަނީ ޔަގީންކޮށްދީފަ އެވެ. އުމުރުން 31 އަހަރުގެ އަޓްސޫ ވަނީ ޕްރިމިއާ ލީގުގެ 3 ކުލަބް ކަމަށްވާ ޗެލްސީއާއި އެވަޓަން އަދި ނިއުކާސަލްއަށް ކުޅެފަ އެވެ.
6 ފެބްރުއަރީން ފެށިގެން އަޓްސޫ ގެއްލިފައިވާއިރު ބިންހެލުމުގައި އަންޓަކްޔާ، ހެޓޭގައި ހުންނަ އޭނާގެ އެޕާޓްމެންޓް ވަނީ ބިމާ ހަމަވެފަ އެވެ. މިކަމާ ގުޅިގެން އޭނާ މިހާރު ކުޅެމުން އަންނަ ތުރުކީގެ މަތީ ފަންތީގެ ފުޓްބޯޅަ ކުލަބް ހަޓަސްޕޯއިން ކުރި ޓްވީޓްގައި ބުނީ އެމީހުންނަށް ކުރިމަތިވެފައިވާ ހިތްދަތިކަން ބަޔާން ވެސް ނުކުރެވޭނެ ކަމަށެވެ.
އަދި ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށެވެ. އޭނާގެ އޭޖެންޓް ނަނާ ސެޗޭ ވަނީ މިހަބަރު ޔަގީންކޮށްދެމުން މިއަދު ޓްވީޓެއް ކޮށްފަ އެވެ. އޭނާ ބުނީ ހިތާމައައާއެކު ބުނަން ޖެހެނީ މިއަދު ހެނދުނު މަރުވެފައިވާ އޮއްވާ އަޓްސޫގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އަޓްސޫ ހަޓަސްޕޯއާ ގުޅުނީ ސައުދީގެ އަލްރައިދުގައި ސީޒަނެއް ހޭދަކުރުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ގާނާގެ ގައުމީ ޓީމަށް 65 މެޗު ކުޅެދީފައިވާ އަޓްސޫ ވަނީ 2015 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ގާނާ ގެންގޮސްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އެފަހަރު ޕެނަލްޓީ ޖަހައިގެން ގާނާ ވަނީ އައިވަރީ ކޯސްޓް އަތުން ބަލިވެފަ އެވެ.
އަޓްސޫ ޗެލްސީއާ ގުޅުނީ ޕޯޓޯ ދޫކޮށް 2013 ވަނަ އަހަރު އެވެ. އަދި މީގެ އިތުރުން އެވަޓަންއާއި ބޯންމައުތް ކަހަލަ ކުލަބްތަކަށް ލޯނުގެ ދަށުން އޭނާ ކުޅެފައިވެ އެވެ. އަދި 2016 ވަނަ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ނިއުކާސަލްއަށް ކުޅެ ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އެކުލަބް ޕްރޮމޯޓްވުމުގައި ވެސް އޭނާ ބޮޑު ރޯލެއް އަދާކުރި އެވެ.
ނިއުކާސަލްއާ އެވަޓަނުން ވަނީ އެޓީމުތަކަށް އަޓްސޫގެ މަރާ ގުޅިގެން ކުރިމަތިވެފައިވާ ހިތްދަތިކަން ބަޔާންކޮށް ޓްވީޓް ކޮށްފަ އެވެ.