twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް، ހއ އަތޮޅުގެ ތަށި އުތީމަށް

މުޙައްމަދު އަހުމަދު
Feb 20, 2023

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހދ އަތޮޅުގެ ތަށި ނޭކުރަންދޫ ބަލިކޮށް ނައިވާދޫއިން ހިއްލާލިއިރު ހއ އަތޮޅުގެ ޗެމްޕިއަންކަން ފިއްލަދޫގެ މައްޗަށް ކުރިހޯދާ އުތީމުން ކާމިޔާބުކޮށްފި އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ގްރައުންޑްގައި މިރޭ ކުޅެވުނު ފައިނަލު މެޗުގައި ހދ އަތޮޅުގެ ފައިނަލުގައި ހދ. ނައިވާދޫ އަދި ހދ. ނޭކުރަންދޫ ބައްދަލުކުރި މެޗު 1 - 0 ގެ ހަނި ތަފާތަކުން ނައިވާދޫއިން ކާމިޔާބުކޮށްފި އެވެ. ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.

ފައިނަލު މެޗުގައި ނައިވާދޫއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދީފައިވަނީ މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ފުޓްސަލް ތަރި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިލަނޑަކީ ނޭކުރަންދޫގެ ކުޅުންތެރިޔަކު އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގާ ނައިވާދޫގެ ޔާމިން (ޔާންޓެ) ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހުސްކޮށް އޮތް ޝާއްޕެއަށް ޖައްސާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ޝާއްޕެ ވަނީ ފަސޭހަކަމާއެކު ހުސް ގޯލަށް ބޯޅަ ވައްދާލާފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނައިވާދޫގެ ޖޯޒީ ނަމްބަރު 97 އަބްދުﷲ ޝާފިއު އެވެ. ޝާއްޕެއަށް ހދ އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމު ވެސް ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ޖުމްލަ 7 ލަނޑު ކާމިޔާބުކޮށްފަ އެވެ. ހދ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ޝާއްޕެ އެވެ.

މިރޭގެ އަނެއް ފައިނަލުގައި ހއ. އުތީމުން ވަނީ ފަހަތުން އަރާ ހއ. ފިއްލަދޫ ބަލިކޮށް އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. 2 - 1 ން އުތީމުން މިމެޗު ކާމިޔާބުކުރިއިރު މިއީ އެޓީމު ގޯލްޑަން ފުޓްސަލް މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

އަދި ފުރަތަމަ މުބާރާތުގައި އުތީމުން މިވަނީ ފައިނަލަށް ދަތުރުކޮށް އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފިއްލަދޫއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ހާފުގައި އަބްދުﷲ އިހްވާން އެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އުތީމުން ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީސް ނަތީޖާ ހަމަހަމަކުރި އެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަމްބަރު 10 އަހްމަދު އައިހަމް އެވެ. މެޗުން އުތީމު މޮޅުކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ ރިޝްވާން އިބްރާހިމް ރަޝީދެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުތީމުގެ ޒުވާން ކުޅުންތެރިޔާ އަހްމަދު އައިހަމް އެވެ. އޭނާ އަންނަނީ މިފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ހއ އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ހއ. ވަށަފަރުގެ ސާޖިދު ރަޝީދެވެ. އޭނާ ވަނީ މުބާރާތުގައި 6 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މިމުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފިއްލަދޫގެ ހުނަރުވެރި ކުޅުންތެރިޔާ ހުޝާމް (ހުއްޓެ) އެވެ.

އަތޮޅު ބުރުތަކުގެ ފައިނަލު މެޗުތައް ނިމުމުން މުބާރާތުގެ ޒޯން ބުރު ފެށޭނެ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މިމުބާރާތަކީ ސޮނީ ސްޕޯޓްސްގެ މެއިން ސްޕޮންސާގެ ދަށުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތް ކުރިއަށްދަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ގްރަންޑްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355