twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދަރިން ތަރުބިއްޔަތު ކުރުމުގައި ދުޢާ ކުރުމުގެ މުހިންމުކަން

ހ.މ
Feb 26, 2023

ކޮންމެ މަންމައަކާ ބައްޕައެއްގެ އެންމެ ބޮޑު އެއް އެދުމަކީ، އެމީހެއްގެ ދަރިންނަކީ ހެޔޮލަފާ ރަނގަޅު ދަރީންތަކެއް ކަމުގައި ވުމެވެ. ދީނުގެ އަޅުކަންތައްތައް އަދާކުރާ ރިވެތި އަޚުލާގެއް ލިބިފައިވާ ދަރިންކަމުގައި ވުމެވެ. ތިމާ ފަޚުރުވެރިވާ އެ ދަރިޔަކަށް ބަލައިލުމުން ހިތަށް އުފާވެރިކަން ގެނެސްދޭ ދަރިންތަކެއް ކަމުގައި ވުމެވެ.

ވިސްނާލަންވީ މިފަދަ ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރާ އެކައްޗަކީ އެކުދިންނަށްޓަކައި ކުރެވޭ ހެޔޮ ދުޢާ ކަމުގައިވާ ކަމެވެ. އެހެނީ މުއުމިނުންގެ ހަތިޔާރަކީ ދުޢާ އެވެ. ކޮންމެ ކަމެއްވެސް އަރަހުށި މާތް ﷲ ގެ ރަޙުމަތާ މަދަދާ އެކުގައި ނޫނީ ހާސިލެއް ނުވާނެއެވެ. ވުމާއެކު، ތިމާގެ ދަރީންނަކީ ހެޔޮ ރަނގަޅު ދަރިންތަކެއް ކަމުގައިވުމަށް އެންމެ ފުރަތަމަވެސް މާތް ﷲ ގެ ހަޟްރަތުން ތިމާ އެކަމަށް އެދި ހެޔޮ ދުޢާ ކުރާށެވެ. ތަކުރާރުކޮށް ކުރާށެވެ. މައިންބަފައިން ދަރީންނަށްޓަކައި ކުރެވޭ ދުޢާއަކީ އިޖާބަކުރަނިވި ދުޢާ އެއްކަމުގައި ވެއެވެ.

މިއުންމަތަށް މާތް ﷲ ބާވާލެއްވި އިލާހީ ޤާނޫނު، ކީރިތި ޤުރުއާނުގައިވެސް އެކަލާނގެ، މިކަމުގެ މުހިންމުކަން ހާމަކޮށްދެއްވާފައިވެއެވެ. މާތް ނަބީބޭކަލުން އެބޭކަލުންގެ ދަރިންނަކީ ހެޔޮލަފާ ރަނގަޅު ދަރިންތަކެއް ކަމުގައި ލެއްވުމަށް އެދި މާތް ﷲ ހަޟްރަތަށް ދުޢާ ކުރައްވާފައިވާކަމާ، އަދި އެފަދަ ދުޢާތައް އެކަލާނގެ އިޖާބަކޮށް ދެއްވާފައިވާކަންވެސް ބަޔާންކުރައްވާފައިވެއެވެ.

މިގޮތުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރީން ބުދަށް އަޅުކަން ކުރުމުން ސަލާމަތް ކޮށްދިނުމަށާ އަދި ނަމާދު ޤާއިމްކުރާ ދަރިންތަކެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކޮށްފައިވެއެވެ.

"އަޅުގެ ވެރިރަސްކަލާކޮ! އަޅާއާއި އަޅުގެ ދަރީންނަކީ، ނަމާދު ޤާއިމުކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ" (އިބްރާހީމް ސޫރަތުގެ 40) އަދި "އިބްރާހީމްގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! (އިބްރާހީމް ސޫރަތުގެ 35)

ދަންނާށެވެ. މައިންބަފައިން ދަރިންނަށްޓަކައި ކުރެވޭ ދުޢާ އިޖާބަކުރެއްވޭ ކަމުގައިވާއިރު، އެދަރީންނަށްޓަކައި ހެޔޮ ރަނގަޅު ދުޢާއެއް ނޫނީ ނުކުރުމަށް ސަމާލުވާންޖެހެއެވެ. އެހެނީ، މައިންބަފައިން ދަރީންނާމެދު ނުރުހޭ ވަގުތު ތަކުގައި ދަރިންނަށް ބަދު ދުޢާ ކުރެވޭ ފަހަރުއާދެއެވެ. އަދި މިފަދަ ދުޢާ އިޖާބަވެފައިވާ ކަމުގައިވެސް ވެއެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.

"ތިން ދުޢާއެއް އިޖާބަ ކުރެއްވޭނޭ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ؛ އަނިޔާ ލިބިފައިވާ މީހާ ކުރާ ދުޢާ އާއި، ދަތުރުވެރިޔާގެ ދުޢާ އާއި، ބައްޕަ އޭނާގެ ދަރިޔަކަށް ކުރާދުޢާ އެވެ."

ވުމާއެކު، އަޅުގަނޑުމެންނަށް ފެންނަން މިހުރި ކީރިތި ޤުރުއާނާ މާތް ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅުތަކުން އަންގަވާފައިވާ ގޮތުގެމަތިން ދަރިން ތަރުބިއްޔަތު ކުރުމަށް ނަސޭހަތްތެރިވަމެވެ. ދަރިންނަށްޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރުމުގައި ދެމިހުރުމަށް ނަސޭހަތްތެރި ވަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355