ބިރުވެރި ހޮހޮޅައާއެކު ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު ފެށިއްޖެ އެވެ. އަފީފުއްދީން ސްކޫލުގައި މިއަދު ހަވީރު މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ބާޒާރު ހުޅުވައިދެއްވީ މޭޔަރު މުހައްމަދު އާތިފެވެ.
މި ރަސްމިއްޔާތުގައި މޭޔަރު އާތިފް ވަނީ ސްކޫލުތައް ކުރިއެރުވުމުގައި ބެލެނިވެރިންނާއި ޕީޓީއޭތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.
"ވިޔަފާރިވެރިންގެ އެއްބާރުލުން މިފަދަ ހަރަކާތްތަކަށް ދިނުމަކީ ވަރަށް މުހިންމުކަމެއް. ސީއެސްއާރުގެ ގޮތުގައި އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ވިޔަފާރިއަށްވެސް ފަހި ފުރުސަތެއް ލިބޭނެ ފަދަ އިންތިޒާމެއް މިއޮތީ ސްކޫލުން ވިޔަފާރިވެރިންނަށް ތަނަވަސްކޮށްދީފަ." މޭޔަރު ވިދާޅުވި އެވެ.
އެހެންވުމުން މި ފުރުސަތުގައި އެންމެ އެދެވޭ ބޭނުން ވިޔަފާރިތަކުން ހިފައި، ކުރިއަށް އޮތްތަނުގައި ގިނަ ވިޔަފާރިތަކެއް މިފަދަ ބާޒާރުތަކުގައި ބައިވެރިވާނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ބާޒާރުތައް ބާއްވާއިރު ދަރިވަރުންގެ އުފެއްދުންތަކާއި ކުޅުދުއްފުއްޓަށް ހާއްސަ އުފެއްދުންތައް ފެންނާނެ ސްޓޯލެއް ހިމަނާލުމަށް މޭޔަރު ހިޔާލު ދެއްވި އެވެ.
އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކުރާ މި ރޯދަ ބާޒާރުގައި ބިރުވެރި ހޮހޮޅައެއްވެސް ވަނީ ހިމަނާލާފަ އެވެ. އެގޮތުން މި ބިރުވެރި ހޮހޮޅައަށް ވަދެވޭނީ 25 ރުފިޔާ އަށެވެ. ހުކުރުދުވަހު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށް 20 ރުފިޔާއަށް ބިރުވެރި ހޮހޮޅަށް ވަނުމުގެ ފުރުސަތު އޮންނާނެ އެވެ.
- ބުރާސްފަތި ދުވަސް [ 16:30 - 18:00 | 20:30 - 22:30 ]
- ހުކުރު ދުވަސް [ 14:00 - 18:00 ] | 20:30 - 22:30 ]
- ހޮނިހިރު ދުވަސް [ 08:00 - 12:00 | 13:00 - 18:00 | 20:30 - 22:30 ]
ކޮންމެ އަހަރަކުވެސް ރޯދަ އާއި ދިމާކޮށް ކުރިއަށްގެންދާ މިބާޒާރުގައި މިއަހަރުވެސް ގިނަ އަދަދެއްގެ ސާމާނު ލިބެން އެބަހުއްޓެވެ. ވިޔަފާރިތަކުން ބުނީ، މިއަހަރުވެސް ބާޒާރުގައި ހެޔޮއަގުގައި ގިނަ އަދަދެއްގެ މުދާ ލިބެން ހުންނާނެ ކަމަށެވެ. މިއަހަރުވެސް މި ބާޒާރު ކުރިއަށްދާނީ އަފީފުއްދީން ސްކޫލުގަ އެވެ.