މި ހަފްތާ ބަންދުގައި ބާއްވާ ދެ ބޮޑު ބާޒާރާއެކު ކުޅުދުއްފުއްޓަށް ވިޔަފާރީގެ އީދެއް އަތުވެއްޖެ އެވެ. ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު ބުރާސްފަތިދުވަހު ހަވީރު ފެށުނުއިރު ހަމަ އެ ދުވަހުގެ ރޭގަނޑު އެސްޓީއޯގެ "ބޮޑު ތިލަދުންމަތި ބޮޑު ބާޒާރު" ވެސް ކުޅުދުއްފުށީގައި ވަނީ ފެށިގެންގޮސްފަ އެވެ.
ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުން ބައިވެރިވެ ބާއްވާ ބާޒާރު އަފީފުއްދީން ސްކޫލުގައި ކުރިއަށްދާއިރު ރޯދަމަހާ ގުޅޭ ތަފާތު އެކި ބާވަތްތަކުގެ މުދާ އެތަނުގައި އެބަހުއްޓެވެ. އަދި ބިރުވެރި ހޮހޮޅަ ތަޖުރިބާކޮށްލުމުގެ ފުރުސަތު އެތަނުގައި ކުރިއަށްދާއިރު ތަފާތު ބާވަތްތަކުގެ ކާބޯތަކެތިވެސް ވިއްކަން އެބަހުއްޓެވެ.
މި ބާޒާރު ހުކުރުދުވަހުގެ މެންދުރުފަހުން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ހޮނިހިރުދުވަހުގެ ހެނދުނު 8:30 ފެށިގެން ރޭގަނޑު 10:30 އާހަމައަށް ކުރިއަށްދާނެ އެވެ.
ބޮޑެތި ޑިސްކައުންޓްތަކާއެކު އެސްޓީއޯ އިން "ބޮޑު ތިލަދުންމަތި ބޮޑު ބާޒާރު" ގެ ނަމުގައި ކުރިއަށްގެންދާ ވެއަރ ހައުސް ސޭލް ކުރިއަށްދަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ވިއްކާ ހޯމް އެޕްލަޔަންސަސް އާއި ގޭގައި ހިފައި ގެންގުޅޭ ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތައް މި ސޭލް ލިބެން ހުންނާނެ ކަމަށެވެ. ސޭލުން ލިބެން ހުރި ބުރޭންޑްތަކުގެ ތެރޭގައި ރަސަލް ހޮބްސް، ރެމިންގްޓަން، ހިޓާޗީ އާއި ފިލިޕްސް ބްރޭންޑްގެ ސާމާނު ހިމެނެ އެވެ.
އަދި މި ސޭލް ކުރިއަށްގެންދާއިރު އެތަނުން ކުރާ 500 ރުފިޔާ މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ 5 މީހަކަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށެވެ. އަދި މީގެ ތެރެއިން ނަސީބުވެރި އެއް ފަރާތްތަކަށް ފިލިޕްސް ބްރޭންޑްގެ 65 އިންޗީގެ ޓީވީއެއް ލިބޭނެ ކަމަށެވެ.
އެސްޓީއޯގެ ބާޒާރު މިއަދު ހަވީރުން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް ކުރިއަށްދާއިރު ހޮނިހިރުދުވަހު ހެނދުނު 8:30 - 13:00 އަށް، އަދި ރޭގަނޑު 20:30 - 22:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.
ބުރާސްފަތިދުވަހު ފެށުނު މި ދެ ބާޒާރަށް ރޭގަ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރާތްކޮށް ވިޔަފާރިކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.