twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Oct 22, 2024

ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ކުޅުދުއްފުށީގައި ބާއްވާ މި ބޮޑު ބާޒާރު މިއަހަރު އޮންނާނީ އަންނަ ޑިސެމްބަރުމަހުގެ 05-07 އަށެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އާއި ވިޔަފާރިވެރިން ގުޅިގެން ބާއްވާ މި 'ޓްރޭޑް ފެއާ'ގައި ބައިވެރިވުމަށް ވިޔަފާރިތަކަށް ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ އެންމެފަހު ތާރީހަކީ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހެވެ.

މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކުން 9939405 ނަމްބަރާ ގުޅައި ނަންނޯޓްކުރެވޭނެ އެވެ.

ވިޔަފާރި ގޮޅިތައް ނުވަތަ ކުލާސް ރޫމްތައް ދޫކުރަން ހަމަޖެހިފައިވަނީ މަތީ ބައިން 2500 ރުފިޔާއަށެވެ. އަދި ތިރީ ބައިން ރޫމެއް ކުއްޔަށް ދެނީ 3000 ރުފިޔާއަށެވެ. މި ރޫމްތައް ދޫކުރަމުންގެންދާނީ ނަންނޯޓްކުރާ ތަރުތީބުންނެވެ.

ހޯލު ކުއްޔަށް ދޫކުރަން ހަމަޖެހިވަނީ 12000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ކެންޓީނުގެ ބިޑް ފެށެނީ 5000 ރުފިޔާއަށްވުރެ މަތިން ނެވެ. ކެންޓީންވެސް ދޫކުރަން ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.

އެއްތަނަކުން ގިނަ އަދަދެއްގެ ތަކެތި އަގުހެޔޮކަމާއެކު ލިބެން ހުންނަ މި ބާޒާރުގައި މިއަހަރުވެސް ގިނަ އަދި ތަފާތު ތަކެތި އަގުހެޔޮކޮށް ލިބެން ހުންނާނެ އެވެ. 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ކުޅުދުއްފުށީގައި ބާއްވާ ވިޔަފާރިވެރިންގެ މި ބާޒާރަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ބާޒާރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355