ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެން މެންބަރުން ހިމެނިގެންދާނެ ގޮތާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު އުފެދޭ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގައި ހިމެނޭ އަންހެން ބޭފުޅުންގެ އަދަދު އިތުރުކުރުމަށް ގަނޫނުއަސާސީ އިސްލާހުކުރުމުގައި ސިޔަސީ ޕާޓީތަކުގެ ޒިންމާ ބޮޑު ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.
"މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ. މިމަޖިލީހުގައި މެންބަރުން ތަމްސީލްވާއިރު އަންހެނުންނަށް ހާއްސަ ފަހި ކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު އަޅުގަނޑުމެން އެންމެންވެސް އަނެއްކާވެސް ނިޔަތްގަނެ އަޒުމު ކަނޑައަޅަންވީ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ހިމެނޭއިރު އަންހެން ތިއްބެވީ ހަތަރު މެންބަރުންނެވެ. އަންހެން ހުރިހާ މެންބަރުންވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ.
އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
ނިމިގެން ދިޔަ ދައުރުގައި ޕީޕީއެމް، އެމްޑީޕީ އަދި އަދާލަތު ޕާޓީން އަންހެން މެމްބަރުން މަޖިލިސް ތަމްސީލު ކުރެއްވިއެވެ.
މީގެ ކުރިންވެސް ވަނީ އަންހެން މެެމްބަރުން އިތުރުކުރަން ކޯޓާ ހަމަޖައްސަން ގޮވާލާފައިވެއެވެ. އެކަމަކު، މަޖިލިހުން އެކަން ފާސްވެފައެއް ނުވެއެވެ.