ޝަޢުބާން މަސް ދެބައިވެ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުވުމުގެ ވަގުތުމިވަނީ ދާދި ގާތްވެފައެވެ. ރަމަޟާން މަހަކީ، މުސްލިމުންގެ 4 ވަނަ ރުކުން ކަމުގައިވާ ރޯދަ ފަރުޟު ކުރެވިގެންވާ މައްސަރެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 381 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ؛
﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ."
ބަރަކާތާއި ރަޙުމަތާއި ފުއްސެވުމުން ފުރި އުތުރިފައިވާ މި މައްސަރާއި ބައްދަލުވުމުގެ ކުރިން އެމަހުގެ ދުވަސްތަކާއި ވަގުތުތައް އެންމެ ފައިދާހުރި ގޮތުގައި ހޭދަކުރެވޭނީ ކިހިނެއްތޯ ބަލައި ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، މިފަދަ މާތް މައްސަރެއް ތިބާގެ ހަޔާތާއި އަލުން ބައްދަލު ނުވެދާނެ ކަމަށްޓަކައެވެ. އަދި އެދުވަސްތަކުގެ ހެޔޮ ރަޙުމަތާއި ބަރަކާތުން މަޙުރޫމުވެގެން ނުދިޔުމަށްޓަކައެވެ.
މިލިޔުމުގައި ހިމަނާލާފައިވާނީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.
ކޮންމެ އަހަރެއް ފެށޭއިރުވެސް އަޅުގަނޑުމެން ވަރަށް ގިނަ ކަންކަން ކުރުމަށް ވިސްނަމެވެ. އެއަހަރަކަށް ބޮޑެތި އުންމީދުތަކެއް ކުރެވެއެވެ. ނަމަވެސް، ގިނަ ކަންކަންދަނީ ހާސިލްނުވެއެވެ. އޭގެ އެންމެ ބޮޑު މައްސަލައަކީ، އެކަންކަން ކުރިޔަށް ގެންދިޔުމަށް ޕްލޭނެއް ހަދައި ކަންތައްތައް ރާވާލެވިފައި ނެތުމެވެ. އެހެންކަމުން، ރަމަޟާން މަހުގެ ދުވަސްތައް ކާމިޔާބު ކުރުމަށްޓަކައި، އެމަހުގައި ތިމާގެ ކަންތައްތައް ކުރިޔަށް ރާވައި ޕްލޭނެއްގެ ދަށުން ގެންދިޔުމަކީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަމެކެވެ.
ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި ކީރިތީ ޤުރުއާން ކިޔެވުމާއި ހެޔޮ އަމަލުތަކުގައި މަދުވެގެން ހާސިލްކުރާނެ ޓާގެޓް ކަނޑައެޅިދާނެއެވެ. އަދި މުޅި މައްސަރުން ތިމާ ހާސިލްކުރަން ބޭނުންވާ ކަންކަން ކަނޑައެޅިދާނެއެވެ. އޭރުން ރަމަޟާން މަސް ފެށުމުން، ކޮންމެ ދުވަހެއްގައި ތިމާގެ އަމަލުތައް މަދުވެގެން ބަހައްޓަންވީ ގޮތް އެނގި އެކަންކަން ކުރަން ލުއިފަސޭހަ ވެގެންދާނެއެވެ. އަދި ކޮންމެ ދުވަހަކަށް ކަނޑައެޅި ޓާގެޓް ހާސިލްވެ މުޅި މަހަށް ކަނޑައެޅި ޖުމުލަ ޓާގެޓް ހާސިލުވުމަށް އެހީތެރިވާނެއެވެ.
ދުވަސްތަކާއި ވަގުތުތައް އެންމެ ބޭނުންތެރި ގޮތުގައި ހޭދަކުރުމަށްޓަކައި، މިއީ ވަރަށް މުހިންމު ކަމެކެވެ. ތިމާއަށް އެކަމަކުން ފައިދާއެއް ނެތް ދުނިޔެވީ ކަންތައްތަކުން އެކަހެރިވެ ދުރުހެލިވާށެވެ. ކޮފީ މޭޒުގައާއި ކުޅިވަރުގައި ހޭދަކުރާ ވަގުތުތައް ވީހާވެސް މަދުކޮށްލާށެވެ. އަދި އެ ވަގުތުތައް ހެޔޮ އަމަލެއް ކުރުމުގައި ހޭދަކުރާށެވެ. އެގޮތަށް ތިމާގެ ވަގުތުތައް ޝެޑިއުލްކޮށްގެން މިހާރުވެސް ކުރިޔަށްދާށެވެ. އޭރުން ރަމަޟާން މަހުގައިވެސް ބޭކާރު ކަންކަމުން ތިމާގެ ވަގުތުތައް ދުރުހެލި ކުރުމަށް ފަސޭހަވެގެންދާނެ އެވެ.
ރަމަޟާން މަހުގެ ރޯދައާއި ގުޅޭގޮތުން ތިމާއަށް އެނގިފައިވާ މައުލޫމާތުތައް މުޠާލިއާކޮށްލާށެވެ. އަދިވެސް އިތުރު މައުލޫމާތު ހޯދާށެވެ. ދުޢާތަކާއި ޒިކުރުތައް ދަސްކޮށް ފަރިތަކޮށްލާށެވެ. ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގައި ލެއްވިގެންވާ ފައިދާއާ ބަރަކާތްތަކުގެ މައުލޫމާތު ލިބޭ ލިޔުންތަކާއި ފޮތްތައް ގިނަގިނައިން ކިޔަވާށެވެ. އަދި ރަމަޟާން މަހުގެ މުހިންމުކަން ހިތުން ދެނެގެންނާށެވެ. އޭރުން ރަމަޟާން މަހަށް ތިމާގެ ހިތް ތައްޔާރުވުމަށް މަގުފަހިވެ ރަމަޟާން މަސް އީމާންކަމުގެ ޖޯޝާއެކީ ފެށުމަށް މަގުފަހިވާނެއެވެ.
ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ހޭދަކުރުމަށް ތިމާ އަމިއްލައަށް ވިސްނާފައިވާ ކަންކަމާއި، ހާސިލްކުރަން ބޭނުންވެފައިވާ ކަންކަން، އާއިލާގެ މެމްބަރުންނާ ހިއްސާކުރުމަކީ، އެމީހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމެކެވެ. އެހެނީ، އާއިލާގެ ކޮންމެ މީހަކަށްވެސް، ތިމާގެ ވަގުތުތައް ހުރިގޮތް ސާފުވެފައިވުމުން، ކޮންމެ ކަމެއްވެސް ވަގުތުގައި، ދަތިކަމެއްނެތި ކުރިޔަށް ގެންދިއުމަށް ތިމާއަށް ފަސޭހަވާނެ އެވެ. އަދި އާއިލާއަށާއި ތިމާގެ ކަންކަމަށްވެސް ވަގުތު ލިބިގެންދާނެއެވެ.
އުންމީދަކީ މިލިޔުމުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ތިޔަ ކިޔުންތެރިންނަށް ކުރެވިދާނެ ފައިދާހުރި މައުލޫމާތެއް ލިބިގެން ދިޔުމެވެ. ދުޢާއަކީ، ދާދި ގާތުގައިމިވާ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުވުމުގެ ހެޔޮ ތަޢުފީގު މާތް ﷲ އަޅަމެންނަށް މިންވަރު ކުރައްވައި، އެމަހުގެ ދުވަސްތައް ކާމިޔާބު ދުވަސްތަކެއްގެ ގޮތުގައި ހޭދަކުރުމުގެ ފުރުޞަތު ތިބާއަށާއި އަޅުގަނޑަށްވެސް މިންވަރު ކުރެއްވުމެވެ. އާމީން.