އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި މަސްރޭހުގެ ގިނަ ކާމިޔާބީތައް ޝަރަފު ޓީމު ހޯދައިފި އެވެ.
ޝަރަފް އާއިލާއިން ނެރުނު ޝަރަފް ޓީމުގައި ހިމެނެނީ އެއް އާއިލާއެއްގެ މެމްބަރުންނެވެ. މަންމަ، ފާތުމަތު އިސްމާއިލާއި އޭނާގެ ދަރިންނެވެ. އުފަން ދަރިންނާއި ދަރިއެއްގެ އަންބަކާއި ބައެއް ދަރިންގެ ފިރިންނެވެ.
މި ޓީމުން 86.7 ކިލޯގެ މަސްބޭނި އެވެ. 60.85 ކިލޯގެ މަސް ބާނައިގެންދެވަނަ ޓީމެއްގެ ގޮތުގައި ހޮވުނީ ރެހެންދި ޓީމެވެ. އަދި ތިންވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ ޓީމު ދަމާނަގާ އެވެ. ދަމާނަގާ ޓީމުން ބޭނީ 32.45 ކިލޯގެ މަހެވެ.
މި މަސްރޭހުގައި އެންމެ ގިނަ މަސްބޭނި ފަރާތްތަކަށް ހޮވުނީވެސް ޓީމު ޝަރަފުގެ ފާތުމަތު އިސްމާއީލެވެ. އޭނާ ވަނީ 72 މަސްބާނާފަ އެވެ. މީގެ އިތުރުން އަންހެން ކެޔޮޅުގެ މަގާމުވެސް ހޯދީ ފާތުމަތު އިސްމާއީލެވެ.
މި ރޭހުގައި އެންމެ ބަރުމަސް ބޭނީ، ޓީމު ނަމާނަގާގެ، ހަދީޖާ މޫސާ އެވެ. އެމަހުގެ ބަރުމިނުގައި 5.80 ކިލޯ ހުއްޓެވެ.
ދިހަ ޓީމު ބައިވެރިކޮށްގެން ކުރިއަށްދިޔަ މިރޭހުގައި ހާއްސަ މަގާމުތަކަށްދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އާޓްސް އަދި ކަލްޗާ މިނިސްޓަރު ޔުމުނާ މައުމޫނެވެ.
މި މަސްރޭހަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި މުބާރާތެކެވެ. ފައިސާގެ އިނާމު ހުށަހެޅިގެން ބޭއްވި މި މަސްރޭސް އަންނަ އަހަރުވެސް މިއަށްވުރެ ފޯރިގަދަކޮށް ކުރިއަށްގެންދާނެކަމަށް އެ ކޮމެޓީން މައުލޫމާތުދެ އެވެ.
މަސްރޭސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާގެ އިތުރުން އަންހެން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ އާއި އެ ކޮމެޓީގެ މެމްބަރުން އަދި މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މަސްރޭސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާގެ އިތުރުން އަންހެން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ އާއި އެ ކޮމެޓީގެ މެމްބަރުން އަދި މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.