twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީގައި ވާދޫއާއި ކުޑަހުވަދޫ އަދި ގަމާއި އިނގުރައިދޫގެ ކުރިމަތިލުމެއް

މުޙައްމަދު އަހުމަދު
Mar 14, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ގދ. ވާދޫން ދ. ކުޑަހުވަދޫއާ އަދި ރ. އިނގުރައިދޫން ލ. ގަމާ ދެކޮޅަށް ނުކުންނާނެ އެވެ.

ފުރަތަމަ ސެމީގައި މިރޭ ބައްދަލުކުރާނީ ރ. އިނގުރައިދޫއާއި ލ. ގަމެވެ. އިނގުރައިދޫ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި އަބްދުﷲ ޝާފިއު (ޝާއްޕެ)އާއި ޔާމިން މުހައްމަދު (ޔާންޓެ) މެން ކަހަލަ ކުޅުންތެރިން ހިމެނުނު ވަރުގަދަ ނައިވާދޫގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ގަމުން ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމުކަމަށްވާ ތ. ތިމަރަފުށި ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ތިން ފަހަރުގެ ޗެމްޕިއަނުން ބަލިކުރި ނަމަވެސް މިރޭގެ ސެމީ ފައިނަލުގެ މެޗު ގަމަށް ވަކި ފަސޭހައެއް ނުވާނެ އެވެ.

ވަރުގަދަ މެޗަކަށް މިރޭގެ މެޗު ވެގެންދާނެ ކަމަށް ބެލެވޭއިރު ގަމު ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާލާއިރު އަހްމަދު ހަލީމް (އައްމަޑޭ) އަދި އަލީ ޝާމިސް (ތޮއްޕޭ) އަދި ހުސެއިން ޝަރީފް (އޮންލީ) އަކީ ވެސް ވަރުގަދަ ކުޅުންތެރިންތަކެކެވެ. އަދި އަބްދުﷲ ޖުނައިދު (ޖެންނޭ)، ހުސެއިން ނާޝިދު (ނާއްޓޯ) ކަހަލަ މޮޅެތި ކުޅުންތެރިންނާއެކު މިރޭގެ މެޗު އިތުރަށް ފޯރިގަދަ ވެގެންދާނެ އެވެ.

އިނގުރައިދޫއަށް ބަލާލާއިރު އަލީ ހާފިޒް (ހާއްޕެ)އާއި އަހްމަދު އައިހަމް (އައިހު) އާއި މަމްދޫހު އަދި ކީޕަރު އިހްސާން ކަހަލަ ކުޅުންތެރިން ހިމެނެ އެވެ. ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އަލީ ހާފިޒް (ހާއްޕެ)އަށް މިރޭގެ މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ކަން ޔަގީނެވެ. ގަމުގެ ކެޕްޓަން އޮންލީއާއި އިނގުރައިދޫގެ ކެޕްޓަން ހާއްޕެގެ ފަރާތުން މިރޭ ދެޓީމުން ވެސް މޮޅު ކުޅުމަކަށް އުއްމީދުކުރާނެ އެވެ.

ދެވަނަ ސެމީގައި ގދ. ވާދޫން ނުކުންނާނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. ވާދޫން ސެމީއަށް ދަތުރުކުރީ މީގެކުރިން މިމުބާރާތުގެ ތަށި ހިއްލާލާފައިވާ ތަޖުރިބާ ބޮޑެތި ކުޅުންތެރިން ހިމެނޭ މާފަންނު ބަލިކޮށެވެ. 4 - 1 ން މާފަންނު ބަލިކުރި މިމެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ވަނީ ހެޓްރިކް ހަދާފަ އެވެ. އަނެއް ލަނޑު ޖަހައިދިނީ އިބްރާހިމް ޝައުފް މުހައްމަދެވެ. އިޔާދު ވަނީ ދެވަނަ ބުރުގައި އދ. މާމިގިލި ކޮޅަށް ވެސް ހެޓްރިކް ހަދާފަ އެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު ޒައިދާންއާއެކު އަޔާޒް އަހްމަދު (އަޔާ)އާއި މުސައްނިފު މުހައްމަދާއި ޝައުފް އަދި އިޔާދުއާއި ނައްޓު ކަހަލަ މޮޅު ކުޅުންތެރިންނާއެކު ވާދޫން އަންނަނީ މިފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް އިޔާދުގެ ކުޅުން ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ މިހާތަނަށް ގދ އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ދެވަނަ ބުރުގައި އަދި ކުއާޓާގައި ހެޓްރިކް ވެސް ހަދާފަ އެވެ.

ދ. ކުޑަހުވަދޫން ސެމީއަށް ދަތުރުކުރީ ކުއާޓާގައި ކުޅިވަރުގެ މޮޅު ރަށެއް ކަމަށްވާ ބ. އޭދަފުށީގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މުބާރާތުގެ ފެށުން މާއެނބޫދޫ އަތުން ބަލިވެ ދަށްކޮށް ދިޔަ ނަމަވެސް ކުޑަހުވަދޫން މިވަނީ ކުޅުން ރަނގަޅުކޮށް މުބާރާތުގެ ގަދަ 4 ކުން ޖާގަ ހޯދާފަ އެވެ.

ކުޑަހުވަދޫން ޓީމު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޖުމައިލް ޖަމީލްއާއި އިރުސާމް އާދަމް ނަސީރު، އިރުފާން އާދަމް ނަސީރު އަދި އަޔާޒް މުހައްމަދު ފަދަ މޮޅެތި ކުޅުންތެރިން ހިމެނެ އެވެ. އެހެންކަމުން މިމެޗު ވެސް ވަރަށް ފޯރިގަދަވެގެންދާނެ ކަމަށް ބެލެވޭއިރު މިފަހަރުގެ ތަށި ވެސް ހިއްލާލަނީ މުޅިން އާ ޓީމެކެވެ.

މިފަހަރުގެ ގަދަ 4 ގައި ހިމެނޭ ޓީމުތަކަށް މިހާތަނަށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ. މިމުބާރާތުގެ ތަށި މިހާތަނަށް ހިއްލާލާފައިވަނީ ތިމަރަފުއްޓާއި ހެންވޭރާއި މާފަންނުން އަދި ބ. ހިތާދޫ އިންނެވެ. ތިމަރަފުށިން ވަނީ 3 ފަހަރު މިމުބާރާތް ކާމިޔާބުކޮށް މުބާރާތް މިލްކު ކުރި ޓީމުގެ ލަގަބު ވެސް ހޯދާފަ އެވެ. އެހެންކަމުން މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހިއްލާލާނީ މުޅިން އާ ޓީމެކެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ގްރައުންޑްގައި މިރޭ ކުޅޭ ސެމީގައި އިނގުރައިދޫއާ ގަން ބައްދަލުކުރާ މެޗު ފެށޭނީ 8.15 ގަ އެވެ. އަދި ވާދޫއާއި ކުޑަހުވަދޫ ބައްދަލުކުރާ މެޗު ފެށޭނީ 10.15 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355