twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނުބައި އާދަތަކުން ދުރުހެލިވުމަށް ރަމަޟާންމަހުގެ ބޭނުން ހިފަމާތޯ

ހ.މ
Mar 15, 2023

"ނަފުސު ހޭލައްވާލާ ދޭށޭ އަންނަނީ ރަމަޟާން ކަރީމް، ޣަފުލަތާ ވަކިކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް". - އާދަމް ނަޞީރު އިބްރާހީމް –

ރަމަޟާން މަހަކީ ތިމާއަށް، ތިމާގެ ނަފުސް ކޮންޓްރޯލް ކުރެވޭކަން އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ މައްސަރެކެވެ. އާންމުކޮށް ޒަރޫރީގޮތުން އިންސާނުންނަށް އެންމެ ބޭނުންވާ ކަންކަން ކަމުގައިވާ، ކެއުމާއި ބުއިމުން މަޙުރޫމުވެގެން ރޯދައަށް ހުރެވޭކަމީ، އެކަމަށް ޔަޤީންކަންދޭ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުފުމާއި، ކޮފީތަކުން ދުވާލުގެ ވަގުތު ތަކުގައި ދުރުހެލިވެގެން ހުރެވޭ ކަމީ، ދެވިހިފާފައިވާ ނުބައި އާދަތަކުން ނަފުސު އިސްލާޙު ކުރެވޭނެކަން ސާބިތުކޮށްދެއެވެ.

ބޭނުންވަނީ އެކަމަށް އެދި ހެޔޮ ނިޔަތުގައި މަސައްކަތް ފެށުމެވެ. އެގޮތުގެ މަތީގައި ރަމަޟާން މަސް ހޭދަކޮށް، ބާކީ އޮތް ދުވަސްތަކުގައިވެސް އެގޮތުގައި ހުރުމަށް ގަދައަޅައި މަސައްކަތް ކުރުމުވެ.

އެހެންކަމުން ގަދަ ކީރިތި ވަންތަ މާތް ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތުން އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް ދާދި ކުޑަތަންވެފައިވާ މިއަހަރުގެ ރަމަޟާން މަހުގައި، ޅެންވެރިޔާ ބުނާ ފަދައިން، ތިބާގެ ނަފުސު އިސްލާޙުކޮށް ނުބައި ކަންތައްތަކާއި ދުރުހެލިވުމަށް މި ފުޞަތުގެ ބޭނުން ހިފުމަށް ތައްޔާރުވަމާތޯއެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

اَلْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ اتَّبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ الأَمَانِي ” (رواه أحمد والترمذي)

މާނައީ: "ބުއްދިވެރިއަކީ ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށް ފަހު އަންނަން އޮތް ދުވަހަށް (އާޚިރަތް ދުވަހަށް) ޓަކައި ހެޔޮ ޢަމަލު ކުރާ މީހާއެވެ. އަދި ނުކުޅެދުންތެރި އަކީ ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ހިތް އެދޭހާ ގޮތަކަށް ދޫކޮށްލައިގެން ހުރެ، ﷲ ގެ ޙަޟްރަތުން އުއްމީދުތައް ކުރާ މީހާއެވެ."

ވުމާއެކު، ރަމަޟާން މަހުގައި ލިބޭ 30 ދުވަހުގައި ޢަޒުމަކަށް ހަދަންވީ ހެޔޮ ރަނގަޅު އަމަލުތަކުގައި ތިމާގެ ނަފުސު ރަނގަޅު ގޮތުގައި ހާނުވައިލާ އެކަންތައްތައް ކުރުމުގައި ނަފުސް އާދަކޮށްލުމަށެވެ. ރަމަޟާން މަހުގެ ވަގުތުތައް އަޅުކަމާއި ހެޔޮ އަމަލުތައް ކުރުމުގައި ވީހާވެސް ގިނައިން ހޭދަކުރެވޭނެ ގޮތަކަށް ތަރުތީބު ކޮށްލާށެވެ. ކޮންމެ ދުވަހަކުވެސް، އެ އުސޫލުގެ ތެރެއިން ކުރިޔަށް ދިޔުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ނަފުސުގެ ކޮންޓްރޯލް ހޯދައި ހެޔޮގޮތުގައި ދެމެހެއްޓުމަށް ހިތްވަރު ކުރާށެވެ!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355