އިޚްލާޞް ޤުރްއާން ކުލާހުގެ ފަރާތުން އިންތިޒާމުކޮށްގެން މިއަހަރު މެއިމަހުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައިވާ މަދަޙަ ސަނާއާއި ދުޢާ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީ އެންމެހާ މުއައްސަސާތަކަށް ހުޅުވާލައިފި އެވެ.
މި މުބާރާތް މުއައްސަސާތަކަށް ހުޅުވާލާފައިވަނީ، ވަކިވަކި ފަރުދުންގެ ކެޓެގަރީގައާއި، ގުރޫޕު މަދަޙަ ހުށަހެޅުމުގެ ކެޓެގަރީގައި ވެސް ވާދަކުރެވޭ ގޮތަށެވެ.
މީގެ ކުރިން ވެސް އިޚްލާޞް ޤުރްއާން ކުލާހުން އިންތިޒާމުކޮށްގެން މަދަޙަ ސަނާއާއި ދުޢާ ކިޔުމުގެ ދެ މުބާރާތެއް ބާއްވާފައިވާއިރު، އެ ދެ މުބާރާތް ކުރިއަށް ގެންދިޔައީ ހަމައެކަނި އިޚްލާޞް ޤުރްއާން ކުލާހުގެ ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައެވެ.
މިގޮތުން، މިއަހަރު ބާއްވަން ހަމަޖައްސާފައިވާ މުބާރާތުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އިޚްލާޞް ޤުރްއާން ކުލާހުގެ މަރުހަލާ ކުލާސްތަކުގެ ދަރިވަރުންނަށާއި، އިޚްލާޞް ޤުރްއާން ކުލާހާ އެފިލިއޭޓްކޮށް މަތީ ތައުލީމަށް ކިޔަވައިދޭ އައުޓްރީޗް ސެންޓަރެއް ކަމުގައިވާ އީފިއެސް ކޮލިޖިއޭޓްގެ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށް ކަމަށް އިޚްލާޞް ޤުރްއާން ކުލާހުގެ ހެޑްމާސްޓަރ މޫސާ މާހިރު ވިދާޅުވި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން މޫސާ މާހިރު އިތުރަށް ވިދާޅުވިގޮތުގައި، މި މުބާރާތް ފުޅާކޮށް މި ހުޅުވައިލީ، މުއައްސަސާތަކުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށާއި، އިސްލާމީ ފިކުރުތައް އާލާކޮށް، ކީރިތި މާތް ނަބިއްޔާގެ މައްޗަށް، އިޚްލާޞް ޤުރްއާން ކުލާހުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ކުޅުދުއްފުށިގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ލޯބި އުފެއްދުމަށާއި، ދީނީ ދަރުސްތަކާއި އިބްރަތްތެރި ހާދިސާތަކާއި [އިލާޙީ އިޝްޤީ] ޅެންތަކާއި މަދަޙަ، ސަނާ އަދި ދުޢާ ކިޔުމުގެ ހުނަރު އާލާކޮށް، އެކަމުގެ ޝައުޤު އަށަގެންނެވުމަށާއި، ކުޅުދުއްފުށިގައި މަދަޙަ ސަނާއާއި ދުޢާ ކިޔުމުގެ ފަންނުވެރީން އުފެއްދުމުގެ މަގުސަދުގައެވެ.
2014 ވަނަ އަހަރު އިޚްލާޞް ޤުރްއާން ކުލާސް ވުޖޫދުވީއްސުރެ ފާއިތުވި ކޮންމެ އަހަރަކު ވެސް، އެ ކުލާހުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ވާދަކުރެވޭ ގޮތަށް ޤުރްއާން މުބާރާތެއް ވެސް އަންނަނީ ބާއްވަމުންނެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި އިޚްލާޞް ޤުރްއާން މުބާރާތް ބާއްވަން ތާވަލު ކުރެވިފައިވާކަމަށް އެ ކުލާހުން މައުލޫމާތު ދެއްވައެވެ.