twitterviber whatsapp telegramfacebookyoutube instagram
28th March 2024

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީގައި ކުޑަހުވަދޫއާއި އިނގުރައިދޫ ބަލިކޮށް ވާދޫއާއި ގަން ފައިނަލަށް

މުޙައްމަދު އަހުމަދު
Mar 15, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ރޭ ސެމީގައި ރ. އިނގުރައިދޫއާއި ދ. ކުޑަހުވަދޫ ބަލިކޮށް ގދ. ވާދޫއާއި ލ. ގަން ދަތުރުކޮށްފި އެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވާދަކުރާ ޓީމުތައް ކަނޑައެޅިފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަހަރަކީ މިމުބާރާތުގައި މުޅިން އާ ޗެމްޕިއަނެއް ކަނޑައެޅިގެންދާނެ ފަހަރެއް ކަމެވެ. ވާދޫއިން އަލަށް ފައިނަލަށް ދަތުރުކުރިއިރު އެޓީމުން މިމުބާރާތުގެ ސެމީގައި ކުޅުނު ވެސް މިއީ ފުރަތަމަ ފަހަރެވެ. ގަމުން މީގެ ކުރިން ވަނީ މިމުބާރާތުގައި ފައިނަލުގައި ކުޅެފަ އެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ފައިނަލުގައި މާފަންނު އަތުން ބަލިވީ އެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ލ. ގަމުން ވަނީ ރ. އިނގުރައިދޫ ކަޓުވާލާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ. ސަޕޯޓަރުންގެ ފޯރިއާއެކު ރޭ ކުޅެވުނު ފޯރިގަދަ މެޗު ގަމުން ކާމިޔާބުކުރީ 4 - 1 ންނެވެ. ރޭގެ މެޗުގައި ގަމުން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ހުސެއިން ނާޝިދު (ނާއްޓޯ)އާއި އަހްމަދު ހަލީމް (އައްމަޑޭ)ގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އަދި ވަކިން ހާއްސަކޮށް އިނގުރައިދޫގެ ކީޕަރު އިހްސާންގެ ފަރާތުން ވެސް ރަނގަޅު ގިނަ ސޭވްތަކެއް ރޭގެ މެޗުގައި ފެނިގެންގޮސްފައިވެ އެވެ.

ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ދައްކަމުން ދަނިކޮށް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ގަމުން ލީޑު ނެގި އެވެ. އަބްދުﷲ ޖުނައިދު (ޖެންނޭ)ގެ ލަނޑުން ލީޑު ނަގާ ގަމުން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލު ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި އިނގުރައިދޫން ކުޅުން ރަނގަޅުކުރިއިރު އަލީ ހާފިޒް (ހާއްޕެ)އާއި އަހްމަދު އައިހަމް (އައިހު) އަދި މަމްދޫހުގެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައިވެ އެވެ.

އެހެންނަމަވެސް ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ވަނީ މޮޅު ކުޅުމެއް ދައްކާ އިނގުރައިދޫގެ ހަމަލާތަކަށް ހުރަސް އަޅާފަ އެވެ. ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ)ގެ ލަނޑާއެކު ދެވަނަ ހާފުގައި ގަމުން ލީޑު ފުޅާކުރި ނަމަވެސް އޭގެ ދެތިން މިނެޓުފަހުން އޮންލީ އަތުން ބައިކޮޅަށް ވަން ގޯލާއެކު އިނގުރައިދޫއަށް މެޗުގައި އުއްމީދެއް ލިބުނެވެ.

އިނގުރައިދޫގެ ލަނޑާއެކު ގަމުގެ ޓީމު ފެނިގެންދިޔައި ކުރިއަށް ވުރެވެސް ވަރުގަދަކޮށްގެންނެވެ. ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއިރު ނަތީޖާއަކަށްވީ ގަމުން 3 ވަނަ ލަނޑު ޖަހާ 2 ލަނޑުގެ ލީޑެއް ނެގުމެވެ. ގަމުގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން ޖެންނޭ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަލީ ޝާމިސް (ތޮއްޕޭ) ވަނީ ގަމުގެ 4 ވަނަ ލަނޑު ޖަހާ އެޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން އެވެ.

ރޭގެ ދެވަނަ ސެމީގައި ފެނިގެންދިޔައީ ވަރަށް ފޯރިގަދަ ކުޅުމެކެވެ. އެޓޭކިންއަށް ނުކުމެ ލަނޑު ޖަހަން ވާދޫއާއި ކުޑަހުވަދޫން ހިފާލިއިރު ހައި އިންޓެންސިޓީގައި ކުޅެވުނު މިމެޗު ނިމުނީ 4 - 4 ން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ވާދޫއިން ވަނީ 9 - 8 ން ކުޑަހުވަދޫގެ މައްޗަށް ކުރިހޯދާފަ އެވެ.

ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގެ ތެރޭގައި ކުޑަހުވަދޫން ވަނީ ލީޑު ނަގާފަ އެވެ. އިރުފާން އާދަމް ނަސީރުގެ ލަނޑުން ކުޑަހުވަދޫން ލީޑު ނެގިނަމަވެސް މާގިނައިރުތަކެއް ނުވެ ވާދޫގެ އަހްމަދު ނަޝާހް (ނައްޓު) ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ނަޝާހްގެ ލަނޑަށްފަހު ވާދޫއިން އިތުރަށް ކުޅުން ރަނގަޅުކުރިއިރު ވާދޫގެ އިޔާދުގެ ދެ ލަނޑާއެކު އެޓީމުން ފުރަތަމަ ހާފު ނިންމާލީ 3 - 1 ން ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް އިޔާދުގެ ހެޓްރިކް ފުރިހަމަ ކުރި ލަނޑާއެކު ވާދޫން އަނެއްކާވެސް ދެލަނޑުގެ ލީޑެއް ނެގި އެވެ. އިޔާދުގެ ލަނޑަށްފަހު ކުޅެން ފެށިގޮތަށް ކުޑަހުވަދޫގެ މާޔިޒް ވަހީދުގެ ގޯލުން އަނެއްކާވެސް ކުޑަހުވަދޫން ފަރަގު އެއް ގޯލަށް ކުޑަކުރި އެވެ.

ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލްގެ ނުރައްކާ ދެވަނަ ހާފުގައި ވަރަށް ބޮޑަށް ފެނިގެންދިޔައިރު ކުޑަހުވަދޫއަށް މެޗު އެއްވަރުކޮށްދިން ލަނޑުވެސް ޖަހައިދިނީ ޖުމައިލް އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ރޭ ދެޓީމުގެ ފުރަތަމަ 4 ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު ކުޑަހުވަދޫގެ އަޔާޒް މުހައްމަދު ފޮނުވާލި 5 ވަނަ ޕެނަލްޓީ ވާދޫގެ ކީޕަރު ޒައިދާން އަހްމަދު (އަސޫ) މަތަކުރިއިރު ވާދޫގެ ފަހު ޕެނަލްޓީ ވައްދާލާ ނައްޓު ވަނީ ވާދޫ ފައިނަލަށް ގެންގޮސްދީފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވާދޫގެ އަރަމުން އަންނަ ތަރި އިޔާދު އެވެ. ރޭގެ ހެޓްރިކާއެކު އިޔާދު މިވަނީ ނޮކްއައުޓް ހުރިހާ މެޗެއްގައި ހެޓްރިކް ހަދާފަ އެވެ. ފައިނަލުގައި ލ. ގަމާއި ގދ. ވާދޫ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ރެހެންދި ފުޓްސަލް ގްރައުންޑްގައި މިމަހުގެ 19 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355