twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސް

އަބްދުލް ވާހިދު ޙަސަން
Mar 15, 2023
3

ކުޅުދުއްފުށީގައި މިއަދު ތިން ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ މީހާއަށް ސީރިއަސް ޒަހަމުތަކެއް ލިބިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މިއަދު މެންދުރު 11 ޖަހާއެހާރު ބަންޑާރަމަގުގެ ސަތޭކަ ފިހާރު ކުރިމަތިން ހިނގި މި އެކްސިޑެންޓްގައި ހިނގަން މެދުވެރި ސަބަބު ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މަފިރިޔަކުވެސް ހިމެނެ އެވެ. އެއީ 66 އަހަރުގެ ދެ މީހުންނެވެ. އަނެއް ދެ ސައިކަލުގައި ތިބީ 19 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.

ކޭއާރުއެޗުގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ، އެކްސިޑެންޓްވެގެން އަނިޔާވި ހަތަރު މީހުންވެސް 11:15 ގައި އެ ހޮސްޕިޓަލަށް ގެނެވި ފަރުވާދެމުންދާ ކަމަށެވެ.

އެތަނުން 19 އަހަރު މީހާއަށް ސީރިއަސް ޒަހަމުތަކެއް ލިބިފައިވާއިރު އަނެއް ތިން މީހުންގެ ހާލު ސްޓޭބަލްކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު ވިދާޅުވީ 19 އަހަރުގެ މީހާގެ ބޮލަށް ގެއްލުންވެފައިވާއިރު ލޯ މަތިން މޫނުގެ ކަށިގަނޑުގެ ފްރެކްޗަރ ވެފައިވާ ކަމަށެވެ.

"ބޮލުގެ އިންޓާނަލް އިންޖަރީއެއް ސީޓީން ދައްކާ. ފަރުވާދެމުންދަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ވާހަކަދައްކައިގެން." ޑޮކްޓަރުންނާ ހަވާލާދީ މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސީރިއަސް އަނިޔާވި މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ މަޝްވަރާކުރެވިގެން ކަމަށާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް އަދި ނުނިންމާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355