އެކަލޭގެފާނަކީ އަބޫ މުހައްމަދު ޢަޠާއު ބިން ޔަސާރު އަލްމަދަނީ އަލްހިލާލީއެވެ. އެކަލޭގެފާނަކީ ކީރިތި މާތް ނަބިއްޔާގެ އަނބިކަނބަލުން މުއުމިނުތަކުންގެ މައިކަނބަލުން ކަމަށްވާ މައިމޫނާ ރަޟިޔަﷲ ޢަންހާ މިނިވަންކުރައްވާފައިވާ އަޅެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 19 ވަނަ އަހަރު ހިސާބުގައެވެ. އެކަލޭގެފާނަކީ ބޮޑެތި ތާބިއީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ވަރަށް ގިނަ ޞަޙާބީންގެ އަރިހުން ވަރަށް ގިނަ ޙަދީސް ރިވާކުރެއްވި މާތް ޒުހުދުވެރި ބޭކަލެކެވެ.
ޢަޠާއު އަދި ސުލައިމާން ބިން ޔަސާރު ޙައްޖަށް ދިޔުމަށްޓަކައި މަދީނާއިން ނިކުމެވަޑައިގަތެވެ. އެބޭކަލުންނާއި އެކީގައި އެހެންބޭކަލުންވެސް ބައިވެރިވަޑައިގަތެވެ. އަބްވާއާ އަރާހަމަވުމުން އެބޭކަލުން އެރަށުގައި މަންޒިލް ކުރައްވައިފިއެވެ. ސުލައިމާނާއި އަދި އެބޭފުޅާގެ އަރިސްބޭކަލުން ބޭނުމަކު އެބޭކަލުން މަންޒިލް ކުރިތަނުން ދުރަށް ހިނގައްޖެއެވެ. ދެން ޢަޠާއު ރަޙިމަހު ﷲ ނަމާދުކުރައްވަން ވެގެން ހުންނެވީއެވެ.
އެހެން ހުންނަވަނިކޮށް ރަށްފުށު ހިސާބުގެ ރީތި އަންހެނަކު އެތަނަށް ވަދެއްޖެއެވެ. އެއަންހެނާ ވަތްކަން އެނގިގެން ބޭނުމަކު އައިމީހެއްހެން ހީވެގެން ޢަޠާއު ނަމާދު ކުރުކޮށްލައްވައި ސަލާމް ދެއްވައިފައި އަންހެނާއަށް ދެންނެވިއެވެ. ކަނބުލޭގެ ބޭނުންވާ ކަމެއް އޮތީ ހެއްޔެވެ؟
އަންހެނާ ބުންޏެވެ. އާނއެކެވެ. އެކަލޭގެފާނު ދެންނެވިއެވެ. އެބޭނުމަކީ ކޮބައި ހެއްޔެވެ؟ އަންހެނާ ބުންޏެވެ. ކަލޭގެފާނު ތެދުވެ ވަޑައިގެން އަހަރެންގެ ގާތަށް އަންނާށެވެ. ފަހެ އަހަރެން ވަނީ މިކަމަށް އެދިގެންނެވެ. އަހަރެންގެ ފިރިޔަކު ނުވެއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އަހަރެންނާއި ގާތްނުވާށެވެ. ކަލޭގެ ނަފުސާއި އަހަރެންގެ ނަފުސު އަލިފާނުގައި އަންދާނުލާށެވެ. އަދި އެކަލޭގެފާނު އިސްއުފުލާ ބަލާލިއެވެ. އެއަންހެނާ ދުރަށްދާން ނޫޅެ އެކަލޭގެފާނު އެކަނބުލޭގެ މަޅީގައި ޖެއްސުމަށްޓަކައި އެކަނބުލޭގެ ބޭނުންވާ ކަންތަކަށް ރުހިގެން ހުއްޓެވެ.
ދެން އަޠާއު ރަޙިމަހު ﷲ ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އަދި ބުންޏެވެ. ކަނބުލޭގެއަށްވާ ހަލާކުހުއްޓެވެ. އަހަރެންނާ ދުރަށްދާށެވެ. އަހަރެންނާއި ދުރަށްދާށެވެ. އަދި އެކަލޭގެފާނުގެ ކީރިތި ކުރެއްވުން ގަދަވާން ފަށައިފިއެވެ. އަންހެން ކަނބުލޭގެއަށް މިމަންޒަރު ފެނުމުން އޭނާއަށްވެސް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވެން ފަށައިފިއެވެ.
ސުލައިމާން ބިން ޔަސާރު އެކަލޭގެފާނު ކުރައްވަން ދިޔަ ކަންތައް ނިމިވަޑައިގެން އެތަނަށް އެނބުރި ވަޑައިގަންނެވި އިރުވެސް އެކަލޭގެފާނު ކީރިތި ކުރައްވަނީއެވެ. އަދި އަންހެނާވެސް ރޮނީއެވެ. ދެން ސުލައިމާނުވެސް ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެދެމީހުން ރޮނީ ކޮންކަމެއްގެ މައްޗަށްކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވާމެއެވެ. އަދި ދަތުރު އައި މީހުންގެ ތެރެއިން، އެތަނަށް އަންނަ މީހެއްވިއްޔާ އެބޭކަލުން ކީރިތިކުރައްވާތީ އެބައިމީހުންވެސް އެތަނުގައި އިށީނދެ ކީރިތިކުރައްވަމުން ދިޔައެވެ. އެބޭކަލުން ކީރިތިކުރައްވާލެއް ގަދަކަމުން އެއްބޭކަލަކުވެސް ސުވާލެއް ނުކުރެއެވެ.
ހުރިހާ ބޭކަލުންވަދެ އެބޭކަލުން ކީރިތިކުރައްވަން ފެއްޓެވުމުން އަންހެން މީހާއަށް މިމަންޒަރު ފެނުމުން އޭނާ ނުކުމެގެން ހިނގައްޖެއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އެއްރެޔަކު މިދެބޭކަލުން ނިދަން ތިއްބާ ޢަޠާއު ރަޙިމަހު ﷲ ހޭފުޅު ލައްވައި މާހަރު އަޑުފުޅަކުން އެބަކީރިތި ކުރައްވައެވެ. ދެން ސުލައިމާން ސުވާލުކުރެއްވިއެވެ. ބޭބޭފުޅު ކީރިތިކުރައްވަނީ އަނެއްކާ ކޮންކަމަކާ ތޯއެވެ؟ ޢަޠާއު ދެންނެވިއެވެ. މިރޭ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ސުލައިމާން ދެންނެވިއެވެ. އަނެއްކާ އެއީ ކޮންހުވަފެނެއްތޯއެވެ؟
ޢަޠާއު ރަޙިމަހުﷲ ދެންނެވިއެވެ. ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެއްވެސް މީހަކަށް މިވާހަކަ ނުކިޔައިދޭން އެއްބަސްވާނަމަ މެނުވީ ކިޔައިނުދޭނަމެވެ. ސުލައިމާން ދެންނެވިއެވެ. ކަލޭގެފާނުގެ ޝަރުތާއި ރުހިއްޖައީމެވެ. ޢަޠާއު ދެންނެވިއެވެ. ހުވަފެނުގައި ތިމަންކަލޭގެފާނަށް ޔޫސުފު ޢަލައިހިއްސަލާމް ފެނިވަޑައިގަތީއެވެ. އަދި މީސްތަކުން އެކަލޭގެފާނަށް ބަލާ ފަދައިން ތިމަންކަލޭގެފާނުވެސް އެކަލޭގެފާނަށް ބެލުމަށް ދިޔައީމެވެ. އެކަލޭގެފާނުގެ ރީތިކަން ފެނިފައި އެވަގުތު ތިމަންކަލޭގެފާނަށް ރޮވިއްޖެއެވެ. ދެން ޔޫސުފު ޢަލައިއްސަލާމް މީސްތަކުންނަށް ނަޒަރު ހިންގަވާލައްވާފައި ތިމަންނާއަށް ވިދާޅުވެއްޖެއެވެ. އޭ މީހާއެވެ. ތިޔަ ރޮނީ ފަހެ ކޮންކަމަކާ ހެއްޔެވެ؟
ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ނަބިއްޔާއެވެ. ތިމަންކަލޭގެފާނުގެ މައިކަނބަލުންނާއި ބަފައިކަލުން ކަލޭގެފާނަށް (ފިދާ)އެވެ. ފަހެ ތިމަންނާ ކަލޭގެފާނުގެ މައްޗަށް ޢަޒީޒުގެ އަންހެނުންނާއި އަދި އެކަމަނާގެ އެއަމަލުގެ ސަބަބުން ކަލޭގެފާނަށް ޖެހުނު މުސީބާތްތަކާއި އަދި ޔަޢުޤޫބު ޢަލައިހިއްސަލާމާއި ކަލޭގެފާނު ވަކިވާން ޖެހުނުކަމާއި މިހުރިހާ ކަމެއް ހަނދާންވުމުން އެކަމަށްޓަކައި ރޮވުނީއެވެ. އަދި މިކަންކަން ތިމަންނާ ޢަޖައިބު ކުރުވައިފިއެވެ.
ދެން ޔޫސުފު ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ފަހެ ކަލޭގެފާނަށް އަބުވާއިން ދިމާވި ރަށްފުށު އަންހެން ކަނބުލޭގެ ކަންތަކާއި މެދުގައި އަޖާއިބު ނުވޭތޯއެވެ؟ (އެބަހީ ކަލޭގެފާނަށްވެސް ތިމަންކަލޭގެފާނަށް ދިމާވި ކަހަލަ ކަމެއް ދިމާވުމުން އެކަމާ އަޖައިބު ނުވޭހެއްޔެވެ؟) ދެން ތިމަންނާއަށް އެކަލޭގެފާނުގެ ޤަޞްދަކީ ކޮބައިކަން އެނގިއްޖެއެވެ. އަދި އެކަމާއި ކީރިތިކުރައްވަން ފެށީމެވެ. އަދި ހޭލެވުނުއިރުގައި ރޮވެމުންދިޔައެވެ.
ދެން ސުލައިމާން ދެންނެވިއެވެ. އޭ ބޭބޭއެވެ. އެއަންހެނާ އެރޭ ކުރީ ފަހެ ކޮންކަމެއްހެއްޔެވެ؟ ދެން ޢަޠާއު އެވާހަކަ ސުލައިމާނަށް ބަޔާންކޮށްދެއްވިއެވެ. މިވާހަކަ ސުލައިމާން އެއްވެސް ބޭކަލަކަށް ޢަޠާއު ރަހިމަހުﷲ އަވަހާރަވުމުން މެނުވީ ކިޔައިނުދެއްވައެވެ. އެވާހަކަ އެކަލޭގެފާނު ކިޔައިދެއްވީ އެކަލޭގެފާނުގެ ތިމާގެ ބޭކަނބަލުންނަށެވެ.