އެސްޓީއޯއިން ކުޅުދުއްފުށީގައި ގާއިމުކުރަން ނިންމި ފުށް ފެކްޓްރީ، އަދި ހަނޑޫ ގުދަނުގެ އަމަލީ މަސައްކަތް ލަސްވަނީ ރައީސް އޮފީހުން ވަކި ގޮތެއް ނުނިމިގެންކަމަށް އެނގިފައިވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
އެސްޓީއޯއިން ކުޅުދުއްފުށީގައި ފުށާއި ހަނޑުލުގެ ފެކްޓްރީ އަޅަން ނިންމާ އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. އެތަނަށް ބޭނުންވާ ބިންވެސް ހަމަ އެއަހަރު ސިޓީ ކައުންސިލުން ހަމަޖެއްސި އެވެ. އަދި ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ހަމަ އެއަހަރު ކުރާނެކަންވެސް ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އިއުލާނުކުރެއްވި އެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެކަމުގެ އަމަލީ މަސައްކަތް ނުފެށި އޮތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
އެހެންވުމުގެ އެ މަސައްކަތް ނުފެށި ލަސްވާ ސަބަބު ހޯދާލުމަށް އެސްޓީއޯގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ވިދާޅުވީ، އެކަމާ ގުޅޭ ކޮމެންޓެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
އެ ފެކްޓްރީގެ މަސައްކަތް ލަސްވާ ސަބަބު އެނގިލައްވާތޯ ކޭއޯއިން ސުވާލުކުރުމުން މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ، އެސްޓީއޯ އިން އޮތީ މަސައްކަތް ފެށުމަށް ތައްޔާރަށްކަމަށް އެސްޓީއޯގެ ފަރާތުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކޮށްފައިވާއިރު، ޑިޒައިން ވޯކްސްވެސް ވަނީ ނިންމިފަ އެވެ. މިމަސައްކަތް ނުފެށި ލަސްވަަނީ ރައީސް އޮފީހުން ލޮކޭޝަން އާއި ގުޅޭގޮތުން އަލުން ގޮތެއް ނިންމަށް ބޭނުންވެ، އެކަމަށް ގޮތެއް ނުނިމި ވާތީކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު އިތުރަށް ވިދާޅުވީ މި ފެކްޓަރީގެ މަސައްކަތަކީ ކުރިން ސަރުކާރުގެ ހުރިހާ ލެވެލްއަކުން ގޮތްނިމި، ރަސްމީކޮށް އިއުލާންކުރެވި، އެ ޕްރޮޖެކްޓަށް އެތަކެއް އަމަލީ މަސައްކަތްތަކެއް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ލޮކޭޝަން ކަނޑައެޅިފައިވަނީ ދިވެހި ރައްޔިތުންގެ ކުންފުނި އެސްޓީއޯއަށްވެސް އަދި ދިވެހި ގައުމަށްވެސް އެންމެ ފައިދާވާނެ ގޮތް ބެލިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް ވީހާވެސް އަވަކަށް ނިންމާ ދެއްވުމަށް ރައީސް އޮފީހުގައި އެދިފައިވާނޭކަމަށް ޔާސިރު ވިދާޅުވި އެވެ.
އެންމެފަހުން އޮތް ރައްޔިތުންގެ އާންމު ބައްދަލުވުމެއްގައިވެސް އެކަމާ ގުޅިގެން ވިޔަފާރިވެރިޔަކު ވަނީ މޭޔަރާއި ސުވާލުކޮށްފަ އެވެ. އެ ވިޔަފާރިވެރިޔާ ބުނެފައިވަނީ ސަރުކާރު ކުންފުނި އެސްޓީއޯއިން ކުޅުދުއްފުށީގައި އަޅަން ނިންމި ފުށް ފެކްޓްރީއާއި ހަނޑޫ ގުދަން އެހެން ރަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުންކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފަ އެވެ.