twitterviber whatsapp telegramfacebookyoutube instagram
21st November 2024

ބަޔޮމެޑިކަލް އިންޖިނިއަރ ހާޝިމް: ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ ނަމޫނާ ޒުވާނެއް

މިނިސްޓްރީގައި ހުރެގެން ވެސް އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ހާޝިމްކޮށްފައިވޭ. އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

ހ.މ
Apr 1, 2023

އިންޖިނިއަރިންގ ދާއިރާއަކީ، އެހެން ދާއިރާތަކެކޭ އެއްފަދައިން ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއް ނަމަވެސް އިންޖިނިއަރިންގ ޑިސިޕްލިންތަކުގެ ތެރެއިން، ބަޔޮމެޑިކަލް އިންޖިނިއަރިންގ ދާއިރާގައި ރާއްޖޭގެ އިންސާނީ ވަސީލަތް ނިސްބަތުން ވަރަށް މަދެވެ. އެއީ ސިއްހީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވާންފެށީ ވަރަށް ފަހުންކަމުގައި ވުމެވެ. ދާއިރާއާ ގުޅޭ މައުލޫމާތު ލިބިފައިވާ މިންވަރު މަދުވުމެވެ. މުހިންމުކަން އެނގިފައިވާ މިންވަރު މަދުވުމެވެ. އަދި އެ ދާއިރާއިން ލިބެން ހުރި ފުރުސަތުތަކާއި އާމްދަނީގެ މައުލޫމާތު ނޭނގުން ވެސް މެވެ.

ތައުލީމާ ހޭލުންތެރިކަމުގައި ކުރިއަރާފައިވާ މިޒަމާނުގައި ބަޔޮމެޑިކަލް އިންޖިނިއަރިންގ ދާއިރާގައި ރާއްޖޭގެ ހާލަތު މިހައި ދަށްކޮށް އޮތްއިރު ވެސް، ކުޅުދުއްފުށީ / ކެވެލި ހާޝިމް އަބޫބަކުރު މިދާއިރާއަށް ޝައުގުވެރިކަން އުފެދި ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، ރާއްޖޭގެ މަދު ބަޔޮމެޑިކަލް އިންޖިނިއަރުން ތެރޭގައި ހިމެނިގެންދިޔަ ދިޔުމަކީ، ކުޅުދުއްފުއްޓަށް ލިބިގެންދިޔަ ޝަރަފެކެވެ. ގައުމަށް ލިބުނު ބޮޑު ހެވެކެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން ސާނަވީ ތައިލީމު ހާސިލުކުރުމަށް ފަހު މަތީ ސާނަވީ ތައުލީމު ހާސިލުކުރުމަށް މާލެ ބަދަލުވެ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން(ސީ.އެޗް.އެސް.އީ)ގައި އޭލެވެލްއަށް ކިޔަވަން އުޅެމުން ބަޔޮމެޑިކަލް ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ހާޝިމް އަބޫބަކުރު، ބަޔޮމެޑިކަލް އިންޖިނިއަރިންގއިން ޑިގްރީ ހާސިލްކޮށް މުޅި ކޯހުން އެއްވަނަ ހޯދައި ދަސްވެނިވެފައިވަނީ 2016 ވަނަ އަހަރުގައެވެ. މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2018 ވަނަ އަހަރު ވަނީ ދިވެހި ސަރުކާރުން ހާޝިމްއަށް ދެއްވާފައެވެ.

"މިދާއިރާއަކީ، އޮންނަ ދާއިރާއެއް ކަމެއް ވެސް ނޭނގެ އޯލެވެލްގައި ކިޔެވި ދުވަސްވަރު ވެސް. މިދާއިރާގެ އިންޖިނިއަރެއް ވެސް ނުދެކެން ކުރިޔަކުން. ކުޑައިރުއްސުރެ ވާން ބޭނުންވީ ޓީޗަރަކަށް. ހިޔާލު އޮތީވެސް ތައުލީމީ ދާއިރާގެ މަސައްކަތްތަކެކޭ ކުރިޔަށް ގެންދާނީ. އެހެން ނަމަވެސް، ގްރޭޑް 11 އަދި 12 ގައި ކިޔެވިއިރު، ބަޔޮލޮޖީގަ ސްޓެމްސެލްސް ތެރަޕީ އަދި ސްޓެމްސެލްސް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ސީދާ މޮޑިޔުލެއްގެ ގޮތުގައި ކިޔެވިން. އެ ހިސާބުން ފެށިގެން ބަޔޮމެޑިކަލް ޓެކްނޮލޮޖީ އަދި ސައިންސް ދާއިރާއަށް ޝަޢުގުވެރިކަން އުފެދިގެން ދިޔައީ. އެގޮތުން ބަޔޮމެޑިކަލް އިންޖިނިއަރިންގ ދާއިރާއިން ކުރިޔަށް ދިޔުމަށް ވިސްނީ." ބަޔޮމެޑިކަލް ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން އައިގޮތް ހާޝިމް ކިޔައިދިނެވެ.

ސަރުކާރުން ލިބުނު ސްކޮލަޝިޕެއްގައި ބަޔޮމެޑިކަލް އިންޖިނިއަރިންގ އިން އިންޑިއާގެ އަންނާ ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށްފަހު ހާޝިމް އެންމެ ފުރަތަމަ މަސައްކަތް ކުރަމުން އައީ މިނިސްޓްރީ އޮފް ހެލްތުގައެވެ. ހާޝިމްއާއެކު އިތުރު އެހެން ދިވެއްސަކު ވެސް ކިޔަވައިގެން އައުމުން، ހެލްތު މިނިސްޓްރީގެ އިސްވެރިން ތިއްބެވީ ވަރަށް ބޮޑު އުންމީދުތަކެއްގައެވެ. ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނޭކަމުގެ ބޮޑެތި އުންމީދުތަކެއް ކޮށްގެންނެވެ.

އޭރު ރާއްޖޭގެ ރަށްރަށުގެ ހުރިހާ ސިއްޙީ މަރުކަޒުތަކާ، އަތޮޅު ހޮސްޕިޓަލްތަކާއި އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ މެޑިކަލް މެޝިނަރީތަކަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މިނިސްޓްރީގައި މަސައްކަތްކުރަމުން އައީ އެންމެ 2 އިންޖިނިއަރުންނެވެ. މަސައްކަތްކުރުމަށް ލިބިފައިވަނީ މަދު ވަސީލަތްތަކެކެވެ. ސެންޓްރަލްކޮށް މާލޭގައި ތިބެގެން މި މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއެކު، އޭރު ހެލްތު މިނިސްޓްރީގެ ބަޔޮމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމަންޓް އޮތް ހާލަތު އޮތީ ވަރަށްވެސް ދެރަ ނިކަމެތި ހާލަތެއްގައެވެ.

"ފްރެޝް ގުރެޖުއޭޓުންގެ ގޮތުގައި އަޅުގަނޑާއި އެހެން ކުއްޖެއް އައީ. އައިގޮތަށް އެއްވެސް ތަޖުރިބާއެއްނެތި ސީދާ މަސައްކަތުގެ އެންމެ ފުނަށް ދާންޖެހުނީ. އިކްއިޕްމަންޓްތައް ބޭނުންވާ ސަރަހައްދުތަކާއި، އެންމެ ފެންވަރު ރަނގަޅު އަދި ހޮސްޕިޓަލްތަކުގެ ގެ ދަރަޖައަށް ރިޢާޔަތްކޮށް އެންމެ އެކަށޭނަ ތަކެތި ހޯދުމުގެ ރިސާޗް ކުރަންޖެހުނު. އެތަކެއްޗަށް އެންމެ އެކަށޭނެގޮތަށް ހޮސްޕިޓަލް އިމާރާތްތަކުގެ ފަރުމާ ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހުނު. އެފަދަ އިކުއިޕްމަންޓްތަކުގެ މެނުފެކްޗަރަރ ސަރޓިފައިޑް ޓްރެއިނިންގތައް ނެތި އިންސްޓޯލް ކުރުމުގައި އާއި މެއިންޓެނެންސް ކުރުމުގައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހުނު." މިދާއިރާއިން އެންމެ ފުރަތަމަ ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރައްވަމުން ހާޝިމް ކިޔައިދިނެވެ.

ނަމަވެސް، ހެލްތު މިނިސްޓްރީގައި އެވަގުތު މަސައްކަތް ކުރައްވަމުން ގެންދިޔަ 2 އިންޖިނިއަރުންނާއި މިނިސްޓްރީގެ ކަމާބެހޭ ފަންނީ ބޭފުޅުންނާއި އަދި އައިޖީއެމްއެޗުގެ ބަޔޮމެޑިކަލް ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ހާޝިމުމެންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއައެވެ.

މިނިސްޓްރީގައި ކުރިޔަށް ގެންދިޔަ މައިގަނޑު މަސައްކަތްތައް؛

ހާޝިމްގެ ޓީމުން އެންމެ ފުރަތަމަ ކަމަކަށް ވެސް މަސައްކަތް ކުރީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ހެލްތު މިނިސްޓްރީގެ ބަޔޮމެޑިކަލް ޑިޕާޓްމަންޓާ އޮންނަޖެހޭ ގުޅުން ރަނގަޅު ކުރުމަށެވެ. އެއީ އެގުޅުން ހީނަރުވެފައި އޮތުމުގެ ސަބަބުން، އެތައް ޒަމާނެއް ވަންދެން ރަށްރަށުން އިކްއިޕްމަންޓްތަކާއި ގުޅިގެން އަންނަ ރިކުއެސްޓްތައް ލަސްވެ، ވާނުވާއެއްގެ ތެރޭގައި ތިބިތިބުން ނިމުމަކަށް ގެނެސްގެން ނޫނީ އިކުއިޕްމަންޓްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެކަން ފާހަގަވުމުންނެވެ.

އެގޮތުން، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ވަކިވަކިން ވާހަކަ ދައްކައި، އެ ހޮސްޕިޓަލުގައި މެޝިނަރީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މެކޭނިކުންނާއި އިލެކްޓްރީޝަނުންގެ ތެރެއިން މުވައްޒަފުން ބަޔޯމެޑިކަލް ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަމަޖައްސައިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ފެށުމުން، އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކާއި ހެލްތު މިނިސްޓްރީއާ ދެމެދު އިތުބާރު ގާއިމުވެގެންދިޔަ ކަމުގައި ހާޝިމް ފާހަގަކުރިއެވެ.

ދެވަނަ ކަމަކަށް ހާޝިމްގެ ޓީމުން ކުރިޔަށް ގެންދިޔައީ، މެޑިކަލް އިކްއިޕްމަންޓްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތައް އަދާހަމަކުރުމުގެ މަސައްކަތްތަކެވެ. ގިނަދުވަސްވެ އައުޓްޑޭޓެޑް ވެފައިހުރި އިކްއިޕްމަންޓްތަކާ ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަންތައް އަދާހަމަ ކުރުމެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ، ޒަމާނާއެކު ސިއްހީ ދާއިރާގައި ބަދަލުވަމުން އަންނަ ފަހުގެ ޓެކްނޮލޮޖީގެ ފެންވަރު ރަނގަޅު ވަސީލަތްތައް ހޯދުމަށް މަގުފަހިކުރުން ކަމުގައި ހާޝިމް މައުލޫމާތު ދިނެވެ.

މީގެ އިތުރުން ހޮސްޕިޓަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ގުޅޭ ރިކުއަރމަންޓްތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓްތައް ޓެންޑަރކުރުމާ ހިސާބުންފެށިގެން އިންސްޓޯލްކޮށް ކޮމިޝަންކުރުމާ ހަމައަށް އެކަން ވިލަރެސްކޮށް ބެލެހެއްޓުމުގެ އިތުރުން، މިނިސްޓްރީގެ އެކިއެކި ޑިވިޜަން އަދި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނެއެވެ.

ދާއިރާގެ ފާހަގަކޮށްލެވޭ އިތުރު މަސައްކަތްތައް

ހާޝިމްގެ ޓީމުގެ މަސައްކަތުން ހެލްތު މިނިސްޓްރީގައި ސަރވިސް ވޯކްޝޮޕެއް ހިމެނޭގޮތަށް ބަޔޮމެޑިކަލް އިންޖިނިއަރިންގ ޑިޕާޓްމަންޓެއް އުފެއްދުމާއި ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުގައި ކަމާގުޅޭ ބޭފުޅުން ތަމްރީންކުރުމުގެ މަސައްކަތްތަކެއްވެސް ކުރިޔަށް ގެންދިޔައެވެ. އަދި މެޝިނަރީތައް މާލެގެނެސްގެން މަރާމާތުކުރުމުގެ އިތުރުން ރަށްރަށަށް ދަތުރުކޮށްގެން ވެސް ބޮޑެތި މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވިއެވެ. މީގެ ތެރޭގައި، އަތޮޅު ހޮސްޕިޓަލްތަކުގައި ޑެންޑަލް ޑިޕާޓްމަންޓްތައް ގާއިމުކުރުމުގެ ޕްރޮޖެކްޓް، އަތޮޅު ހޮސްޕިޓަލްތަކުގައި އެކްސްރޭ ހިދުމަތް ޑިޖިޓަލައިޒްކުރުމުގެ ޕްރޮޖެކްޓް، ހެލްތުކެއަރ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ އިތުރުން 5 ރީޖަނަލް ހޮސްޕިޓަލް އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓްގައި މުއިއްމު މަސައްކަތްތަކެއް ހާޝިމް އަދާކުރިއެވެ. އަދި މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިދުމަތްދެމުންގެންދާ ކާޑިއެކް، ޑެންޓަލް، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ތަރައްގީކުރުމަށް 2018 ވަނަ އަހަރު ހިންގުނު ޕްރޮޖެކްޓުގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ނިންމާލެވިފައިވާކަން އޭނާ އުފަލާއެކު ފާހަގަކުރީ އެއީ ސީދާ އުފަން ރަށަށާއި ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތެއްގެ ގޮތުގައި ދެކެމުންނެވެ.

"2018 ވަނަ އަހަރުގެ މެދަކާ ހިސާބުން އެ ޕްރޮޖެކްޓް އައީ، ދެތިން މަސް ތެރޭ ނިންމަން. ޑިޕާޓްމަންޓްތައް ގާއިމުކުރުމަށް ބޭނުންވާ ފްލޯ ޕްލޭންތައް ޑެޑްލައިންއަށް ނިންމަން އައިޖީއެމްއެޗްގެ ސިވިލް އިންޖިނިއަރިން ޓީމާއެކު ވަރަށް ގިނަ ރޭރޭ ނުނިދާ ހުރެގެން ވެސް ހުންނާނެ މަސައްކަތްކޮށްފައި. ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބެން އޮތް ކުޑަ ޖާގައަށް ބަލާއިރު ކުރެވުނު މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ. މިނިސްޓްރީގައި ހުރެގެން ވެސް އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާތީ ވަރަށް ހިތްހަމަޖެހޭ."

އަދި މީގެ އިތުރުން، 2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދިވެހި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރި ކޮވިޑު ފެސިލިޓީސްތައް ގާއިމުކުރުމުގައި އާއި، އެ ފެސެލިޓީތަކަށް ބޭނުންވާ މެޑިކަލް ސާމާނުގެ ރިކުއަރމަންޓްތައް ތައްޔާރުކޮށް އިކުއިޕްމަންޓްތައް ސަޕްލައިކޮށް އިންސްޓޯލްކުރުމުގައި އަމަލީގޮތުން އެތަންތަނުގައި މަސައްކަތްކުރުމުގެ އިތުރުން ފަންނީ ލަފަޔާ އިރުޝާދު ދިނުމުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ވެސް ހާޝިމް ހަރަކާތްތެރިވިއެވެ.

ދާއިރާއާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި ވޯކަރސް ޔޫނިއަން މަސައްކަތްތައް

ހާޝިމް ފާހަގަކުރެވެނީ ހަމައެކަނި، ބަޔޮމެޑިކަލް އިންޖިނިއަރެއްގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެކަންޏެއް ނޫނެވެ. މިހާރު ރާއްޖޭގެ އެންމެ ދުވަސްވީ އެއް މެޑިކަލް ސަޕްލަޔަރ ކަމުގައިވާ މެޑިކުއިޕް މޯލްޑިވްސްގައި ހާޝިމް ވަޒީފާ އަދާކުރަމުންދާއިރު، އިންޖިނިއަރިންގ ދާއިރާއާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 'ކެރިއަރ ގައިޑެންސް އޮން އިންޖިނއަރިންގ ފީލްޑްސް' ގެނަމުގައި ސާނަވީ އަދި މަތީސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން 2021 ވަނަ އަހަރުން ފެށިގެން ހާޝިމް ގެންދަނީ ސެމިނަރތަކެއް ނަގައިދެމުންނެވެ. މި ސެމިނަރތަކުގައި ރާއްޖޭގެ ކިޔަވާކުދިން އިންޖިނިއަރިންގ ދާއިރާއަށް ލޯހުޅުވައިދީ، އެދާއިރާގެ މުހިންމު ކަމާއި، ބޭނުންތެރި ކަމާއި، ދިވެހިރާއްޖޭގައި އެދާއިރާތަކުން ލިބެންހުރި ފުރުސަތުތަކާއި ލިބޭ އާމްދަނީ އާއި ގުޅޭ މައުލޫމާތުތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިހާތަނަށް ކުޅުދުއްފުށީ ޖަލާލުއްދީން އަދި އަފީފުއްދީން ސްކޫލާއި މާލޭގެ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އިތުރުން ގދ ތިނަދޫ ހައި ސްކޫލުގެ ދަރިވަރުންނަށްވެސް އިންޖިނިއަރިންގ ދާއިރާގެ މައުލޫމާތު ސެޝަންތައް ނަގައިދީފައިވެއެވެ. އަދި މިނޫނަސް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަކިވަކިން މިދާއިރާއާ ގުޅޭގޮތުން އަންނަ ސުވާލުތަކާއި ގުޅިގެން މައުލޫމާތު ސާފުކޮށްދީ އޮޅުންފިލުވައިދީ ހަދައެވެ.

މީގެ އިތުރުން ހާޝިމްއަކީ ރާއްޖޭގެ ސިއްހީދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތްކުރާ 'މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމް.އެޗް.ޕީ.ޔޫ) ގެ ހިންގާ ކޮމިޓީގެ މެންބަރެއް ވެސް މެއެވެ. މި ޔޫނިއަން އިން 2019 ވަނަ އަހަރުން ފެށިގެން އެންމެ އިސްކަމެއްދީގެން ސިއްހީ މަސައްކަތްތެރީންނަށް ވަޒީފާގެ ކުރިއެރުންލިބިދެވޭ ފަންނީ އަދި މުސާރަ އޮނިގަނޑުތައް ހޯދައިދިނުމަށް ކުރަމުންގެންދާ ކެންޕޭންގެ ކާމިޔާބީ ހާޝިމް ފާހަގަކުރީ ހުރިހާ ސިއްހީ މަސައްކަތްތެރީންނަށް ލިބޭ މޮޅެއްގެ ގޮތުގައެވެ. އަދި އެ ޔޫނިއަންއިން މިހާރު ފަށާފައިވާ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ގުޅޭ ކެންޕޭނާއި އަދި ވެސް ސިއްހީ މަސައްކަތްތެރީންނާ ގުޅުންހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އެކުގައި މަސައްކަތްކުރުމަށްޓަކައި، ހުރިހާ ސިއްހީ މަސައްކަތްތެރީން ވެސް އެމް.އެޗް.ޕީ.ޔޫ. ގެ މެންބަރުންނަށް ވުމަށް ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ހުރިހާ މަސައްކަތްތެރީންގެ ކިބައިން ހާޝިމް އެދެއެވެ.

ހާޝިމްގެ އުންމީދަކީ ބަޔޯމެޑިކަލް އިންޖިނޭރިންގ ދާއިރާ ރާއްޖޭގައި މިއަށްވުރެ ފުޅާވެ ތަރައްގީވެގެންދިއުމެވެ. އަދި މިދާއިރާއަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދި ގިނަ ކުދިންތަކެއް މިދާއިރާއަށް ވަނުމެވެ. އެކަމުގައި ހާޝިމަށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދިނުމަށް އޭނާ ހުރީ ތައްޔާރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355