ހދ ނައިވާދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން މި ރަމަޟާން މަސް އިހްޔާކުރުމުގެ ގޮތުން އެ ރަށުގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގުރާމުތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފަހަރުގެ ޕްރޮގުރާމްގެ ފުރަތަމަ ދަރުސް ދީފައިވަނީ މިދިޔަ ހުކުރުދުވަހު އަޞުރު ނަމާދަށްފަހު މަސްޖިދުލް އައްވާބީންގަ ކަމަށާއި ދެ ވަނަ ދަރުސް ދީފައިވަނީ އެދުވަހުގެ ރޭގަނޑު ބަނދަރު ސަރަހައްދުގައި ކަމަށެވެ.
އަލީ ރަޝީދު ވިދާޅުވީ ރޭގަނޑުގެ އެހާ ލަސް ގަޑިއެއް ނަމަވެސް ވަރަށް ގިނަ ރައްޔިތުން މި ދަރުސް ގައި ބައިވެރިވެފައިވާކަމަށާއި ދަރުސްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް ހާއްސަ ހަދިޔާއެއް ހަވާލުކުރެވިފައިވާ ކަމަށެވެ. މި ޕްރޮގުރާމްގައި ދީނީ ދަރުސް ދެއްވާފައިވަނީ އައްޝައިހް މުހައްމަދު ޝާހިދެވެ.
އިއްޔެ އޮތް ދަރުސްގެ މައުލޫއަކީ ރޯދައިގެ މާތްކަން ކަމަށާއި އަދި ރޭގެ މައުލޫއަކީ އެއްބައިވަންތަ ކަމެވެ. މީގެ އިތުރުން ޒުވާނުންގެ ހިތުގައި ދީނީ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ކޮފީ ވިތް ޝެއިހް ޕްރޮގުރާމެއްވެސް ކުރިއަށްގެންދިޔަ ކަމަށެވެ.
ކައުންސިލް ރައީސް ވިދާޅުވީ މި ރަމަޟާން މަހު އަދި ކުރިއަށްވެސް އިހްޔާ ޕްރޮގުރާމްތައް ރޭވިފައިވާކަމަށާއި އެގޮތުން އަންނަ ހަފްތާވެސް އަދި ރަމަޟާން މަހުގެ ފަހު ހަފްތާގެ ދުވަހެއްގައިވެސް ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވާނެ ކަމަށެވެ.
އަލީ ރަޝީދު ވަނީ މިޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ޒުވާނުންނަށާއި އިތުރު ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ އެވެ.