twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފެންލިލީ ގަސްތަކުން މިފެންގަނޑަށް ފުރިހަމަކަން

އަބްދުލް ވާހިދު ޙަސަން
Apr 6, 2023

މިއީ އަފީފުއްދީން ސްކޫލު ފަހަތުގައި އޮންނަ ހިތްގައިމު ރީތި ފެންގަނޑެވެ. ފަހަކަށް އައިސް މިތަން އާންމުންނަށް މަގުބޫލުވީ މިތަނުގައި ހެދިފައި ހުރި ރީތި ފެންލިލީގަސްތަކުންނެވެ. މިތަނުގެ ރީތިކަމަށް ގެނުވި އިތުރު ފުރިހަމަކަމަކަށް މި ގަސްތައްވި އެވެ. މަޑު ވައިލެޓްކުލައިގެ މާކޯޅިއެއް އަންނަ މިގަހުގެ މަންޒަރާއެކު މިތަން ގިނަ ބަޔަކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ.

މިތަނަށް ހާއްސަވާ ވަކި ނަމެއް ނޯވެ އެވެ. އެކަމަކު ބައެއް މީހުން މިތަނަށް މާފަލު ފެންގަނޑުނަމުންވެސް ކިޔަ އެވެ. އެކަމަކު މާފަލު ފެންގަނޑަކީ މިހާރުގެ ކުނިކޮށި އޮތް ސަރަހައްދުގައި ކުރިން އޮތް ހިތްގައިމު ފެންގަނޑެކެވެ. އެނަން ދިރުވުމުގެ ގޮތުން މާފަލު ފެންގަނޑުގެ ނަމުން މިތަނަށް ނަން ދެވިދާނެ އެވެ.

މިތަނުގެ ވަށައިގެން ކުއްޅަވަކާއި މިދިލިގަސް އަދި އެކި ބާވަތްތަކުގެ ގަސް ހެދިފައިހުރެ އެވެ. މި ކުއްޅަވަށް ގަސްތަކުގައި އަޅާ ކުއްޅަވަށް ހޮވުމާއި އުފުރުމަށް ގިނަ ބަޔަކު މިތަނަށް ވަދެ ހަދަ އެވެ. މިތަނުން ފެންނަ އެންމެ ހިތްގައިމު އެއްކަމަކީ ތަފާތު ވައްތަރުގެ ދޫނިތަކެވެ. އިރުވާ ހޫދާއި ކޯރުކުކުޅު، ކަނބިލިވެސް މިތަނުގައި ގިނަ އަދަދަކަށް އުޅެ އެވެ. އަދި ހިޖުރަކުރާ ދޫނިވެސް މިތަނަށް ގިނަ އަދަދަކަށް ޒިޔާރާތްކުރެ އެވެ.

ކުޅިތަކާއި ފެންގަނޑުތަކަކީ އެރަށެއްގެ ގުދުރަތީ ނިޒާމަށް މުހިއްމު ދައުރެއް އަދާކުރާ ތަންތަނެވެ. އެގޮތުން ފެންބޮޑުވުމާއި ވައި ސާފުކޮށް ދިނުމުގެ އިތުރުން މިފަދަ ތަންތަނަކީ ނަފްސާނީ މައްސަލަތަކަށްވެސް ލުއިކަން ގެނެސްދޭ ތަންތަނެވެ. ފަހަކަށް އައިސް ގިނަ ރަށްރަށުގައި މިފަދަ ތަންތަން ޒުވާނުން ތަރައްގީކޮށް ލޯކަލް ޓޫރިޒަމަށް ވިއްކާ މަންފާ ހޯދަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355