ފުނަރަ ޕްރޮގްރާމްގެ ދަށުން ހިންގި ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯސް ކާމިޔާބުކަމާއެކު މެޕްސް ކޮލެޖުން ނިންމާލައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން އާއްމު ފަރާތްތަކަށް ހުޅުވާލި މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ކާމިޔާބުކަމާއެކު ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ބުދަ ދުވަހުގެ ރޭ މެޕްސް ކޮލެޖުގައި އެވެ.
ޖުމްލަ 14 ދަރިވަރުންނާއެކު ހިންގި މިޕްރޮގްރާމްގެ ދަށުން މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3އިން އައިޓީ ކޯހުގައި ކިޔަވައިދިނުމުގެ އިތުރުން، އިޖުތިމާއީ އަދި އިގްތިސޯދީގޮތުން ބާރުވެރިކުރުވުމަށް ޒުވާނުންނަށް ބޭނުންތެރިވާނޭ ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދެވުނެވެ. މީގެއިތުރުން ވަޒީފާގެ މާހައުލުގައި އެދަރިވަރުންނަށް ބޭނުންވާ ހުނަރުތައް މިކޯހުގެތެރެއިން ދަރިވަރުންނަށް ވަނީ އުނގަންނައިދެވިފައެވެ.
އެގޮތުން ދަރިވަރުން ވަނީ ފުނަރަ ޕްރޮގްރާމްގެ ދަށުން ފަލިމް ގްރޫޕްގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން 1 މަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ.
ރޭގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އައިޝަތު ރިލްވީނާގެ ވާހަކަފުޅުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެއް މަގަސަދަކީ ގައުމުގެ މުސްތަގުބަލް ބިނާ ކުރުމަށް ޒުވާނުން ބާރުވެރިކުރުވުން ކަމުގައި އެވެ.. އެގޮތުން މި މަގުސަދު ހާސިލުކުރުމުގައި ބެލެނިވެރިން އަދާ ކުރަމުންދާ އިސް ރޯލްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ފުނަރަ ޕްރޮގްރާމް ގެ ދަށުން މެޕްސް ކޮލެޖުން ކުރިއަށް ގެންގޮސްފައިވާ ސެޓްފިކެޓް 3އިން އައިޓީ ކޯހުގެ އިތުރަށް، އިޖުތިމާއީ އަދި އިގުތިސޯދީގޮތުން ބާރުވެރިކުރުވުމަށް ބޭނުންތެރި ހުނަރުތައް އުނގަންނައިދިނުމުގެ މަސައްކަތް އަދި މަސައްކަތުގެ ތަޖުރިބާ އުނގަންނައިދިނުމުގެގޮތުން ދަރިވަރުންނަށް ފޯރުކޮށްދެވިފައިވާ ފުރުސަތު ފާހަގަކޮށް، އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހަމައެހެންމެ ފުނަރަ ޕްރޮގްރާމް ނިންމި ދަރިވަރުންނާއި މުހާތަބުކޮށް، މިއީ އެދަރިވަރުންގެ މުސްތަގުބަލް ބިނާ ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަމާއި ކުރިމަގުގައި އެދަރިވަރުން ހާސިލުކުރާނެ ކާމިޔާބީތައް ދެކެން ބޭނުންވާކަމަށް ރިލްވީނާ ވިދާޅުވި އެވެ.
"ފުނަރަ ޕްރޮގްރާމް"އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ "ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.