އެންމެ މާތް މަތިވެރި މައްސަރުގެ ފަހު ފަނަރައަށް މިވަނީ އަޅައިފައެވެ. ވިސްނަންވީ ފާއިތުވި ދުވަސްތަކަށްވުރެ ބޮޑަށް މިދުވަސްތަކުގައި ރަޙުމަތާ ދަރުމަޔަށް އެދި އަޅުކަމުގައި ހީވާގިވެ މަސްއޫލުވުމަށެވެ. ކާމިޔާބާއި ފަލާޙް ލިބޭނީ އޭރުންނެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ ދަރުސްތަކުގައިވެސް އެކަލޭގެފާނު ރަމަޟާން މަހުގެ ފަހު ދިހައަށް ދިއުމުން، އަޅުކަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، އެކަންކަމުގައި ގިނަ ވަގުތުތައް ހޭދަކުރައްވާކަމަށް ވެއެވެ. ވީމާ، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓޭތޯ މަސައްކަތް ކުރުން ވަރަށް މުހިންމެވެ.
މިމަހުގައި އަޅުގަނޑުމެންނަށް ނިޢުމަތްތައް ތަނަވަސްވެފައިވެއެވެ. އަދި ކުރެވިފައިވާ ފާފަތަކުން އަރައިގަނެ، އެ ހުރިހާ ފާފަތަކުން ފުއްސެވުމުގެ މަގު ތަނަވަސްވެފައިވެސް ވެއެވެ. މިގޮތުން ތިރީގައި ބަޔާންކުރެވިފައި އެވަނީ، ރަމަޟާން މަހުގައި ތިމާގެ ހުރިހާ ފާފަތައް ފުއްސެވޭނޭ ކަމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ 3 ޢަމަލެކެވެ.
1- ރޯދަމަހު ރޯދަހިފުން
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.
"ރަމަޟާން މަހު އީމާންކަމާއެކު، ސަވާބަށް އުންމީދުކޮށްގެން ރޯދަ ހިފައިފި މީހާ، އެ މީހާގެ އިސްވެދިޔަ ފާފައެއް ފުއްސެވޭ ހުއްޓެވެ." (ބުޚާރީ)
2- ރޭއަޅުކަން ކުރުން
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.
"ރަމަޟާންމަހު އީމާންކަމާއެކު ސަވާބަށް އުންމީދުކޮށްގެން ރޭއަޅުކަން ކޮށްފި މީހާ، އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ" (ބުޚާރީ، މުސްލިމް)
3- ލައިލަތުލް ޤަދުރި ވިލޭރޭ އިޙްޔާކޮށް އަޅުކަންކުރުން
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.
"ލައިލަތުލް ޤަދުރި ވިލޭރޭ އީމާންކަމާއެކު، އަދި ސަވާބަށް އުންމީދުކޮށްގެން ހުރެ ރޭ އަޅުކަން ކޮށްފިނަމަ، އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ. (ބުޚާރީ، މުސްލިމް)