twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފަހު ދިހައެއް: ސަވާބާއި ދަރުމަޔަށް އެންމެ ދަހިވެތިވާންވީ ވަގުތު

ހ.މ
Apr 11, 2023

ފަހު ދިހައެއް - ސަވާބާއި ދަރުމަޔަށް އެންމެ ދަހިވެތިވާންވީ ވަގުތު

ބަރަކާތްތެރި ރަމަޟާން މަސް ދެބައިވެ އެމަހުގެ ފަހު 10 ދުވަސްތައް މިވަނީ އަޅުގަނޑުމެންނާ ކުރިމަތިލާފައެވެ. މިއީ އެދުވަސްތަކެއްގައި މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުކަމާ ހެޔޮ ޢަމަލުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ދުވަސްވަރެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ހަދީސްފުޅެއްގައި ވެއެވެ.

((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَجْتَهِدُ فِى الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِى غَيْرِهِ. )) رواه مسلم

މާނައީ: ” ރަސޫލުﷲ صلى الله عليه و سلم ފަހު ދިހައިގެ ރޭތަކުގައި އަޅުކަމުގައި އެހެން ދުވަސްވަރުގައި މަސައްކަތް ނުކުރައްވާހާ ބުރަކޮށް މަސައްކަތް ކުރައްވައެވެ.“

ކީރިތި ރަސޫލާގެ މިސުންނަތުން އެނގިގެންދަނީ އެދުވަސްތަކުގެ މާތްކަމާއި، އެދުސްތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. އެހެން ހުރިހާ ކަމެއް ދޫކުރައްވާ އެދުވަސްތަކުގައި އަޅުކަމުގައި މަސްއޫލުވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނަށްފަހު އުންމަތުގެ ޞަލަފުއް ޞާލިޙުންގެ ފަރާތުންވެސް ރޯދަމަހުގެ ފަހު ދިހައެއް އައުމުން ޢަމަލުކޮށްފައިވަނީ މިގޮތަށެވެ. ވުމާއެކު، އަޅުގަނޑުމެންނާ ކުރިމަތިލާފައިވާ ފަހު ދިހައިގެ މިމަތިވެރި ދުވަސްތަކުގެ މަތިވެރި ނިޢުމަތްތައް ހޯދުމަށް ގަދައަޅައި މަސައްކަތްތައް ކުރުން ވަރަށް މުހިންމެވެ.

ޞަދަޤާތް ކުރުމާއި، ފަރުޟު ނަމާދުތައް ޤާއިމުކުރުމާއި ސުންނަތް ނަމާދުތަކަށްވެސް ފަރުވާތެރިވާންވީއެވެ. ކީރިތި ޤުރުއާން ގިނަގިނައިން ކިޔަވައި ދަސްކުރަންވީއެވެ. ރޭއަޅުކަމާއި އިޢުތިކާފަށް އިނުމަކީވެސް ސަވާބާއި ދަރުމަ ގިނަގުނަ ޢަމަލުތަކެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރުން މޮޅު އިތުރުވެގެންވާ ދުޢާތަށްވެސް ހޯދައި ދުޢާ ކުރުމަކީވެސް، ތިމާގެ ހެޔޮ ކަމުގެ ޢަމަލުތައް އިތުރު ކުރުމަށް އެޅޭ ފިޔަވަޅެކެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ހަދީސްފުޅެއްގައި ވެއެވެ.

((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) رواه مسلم

މާނައީ: “ރަމަޟާންމަހުގެ ރޭއަޅުކަން ކުރުމުން ލިބޭ ސަވާބަށް އީމާންވެ، އަދި އެކަމަށް އެދޭހާލު ރަމަޟާންމަހުގެ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ.”

ރަމަޟާންމަހުގެ ކުރީބައި އެންމެ އެދެވޭ ގޮތެއްގައި ހޭދަނުކުރެވުނު މީހާއަށްވެސް މި ފުރުސަތުގެ ބޭނުން ހިފައި ތިމާގެ ހެޔޮކަމުގެ ފަތް ބަރުކޮށްލުމަށް ލިބޭ މިއީ ފަހު ފުރުޞަތެވެ. ވުމާއެކު، މި ފުރުޞަތު ނަގާނުލައި ވީހާވެސް ގިނަ ހެޔޮ ޢަމަލު ކުރުމަށް ނަސޭޙަތްތެރިވަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355