twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޝައިޠާނާގެ 2 ދީނާރަށް ހެއްލުނު މީހާ

ހ.މ
Apr 24, 2023

އެއްދުވަސް ވަރެއްގައި ވަރަށް ރަނގަޅު މީހަކު އުޅުނެވެ. ރޭގަނޑާއި ދުވާލުގެ ވަގުތު ތަކުގައިވެސް އޭނާއަކީ މާތް ﷲ އަށް ނަމާދު ކުރާ ހެޔޮ މީހެކެވެ.

އެއް ދުވަހަކު، ބަގީޗާއެއްގެ ތެރޭގައި ހުރި ގަހަކަށް ބަޔަކު މީހުން އަޅުކަން ކުރާ ޚަބަރު، މި ހެޔޮލަފާ ރަނގަޅު މީހާއަށް ލިބުނެވެ. އެއާއެކު، އޭނާގެ ފުރޯ ހިފައިގެން އެ ގަސް ކަނޑާލުމަށް ހިތުއަޅައިގެން ދާން ނުކުތެވެ. ވަކި ހިސާބަކުން، ޝައިޠާނާ އޭނާގެ ކައިރިޔަށް، ދުވަސްވީ މީހެއްގެ ސިފައިގައި އައެވެ. އަދި ފުރޯ ހިފައިގެންދަނީ ކޮންތަނަކަށް، ކޮންބޭނުމަކުތޯ ސުވާލު ކުރިއެވެ.

އެމީހާ ކިޔައިދިނެވެ. މާތް ﷲ ފިޔަވައި ގަހަކަށް އަޅުކަން ކުރާ ބަޔަކުގެ ވާހަކަ އަޑުއިވުމުން، އެ ގަސް ކަނޑާލުމަށް ޤަސްދުކޮށްގެން ކަމުގައި ބުންޏެވެ. ޝައިޠާނާ އެމީހާއަށް ވަސްވާސް ދޭން ފެއްޓިއެވެ. އެ ހެޔޮ ރަނގަޅު މީހާ ނިޔަތްގަނެ ޤަސްދުކޮށްގެން ނުކުތް ރަނގަޅު ގޮތް ދޫކޮށްލާތޯ އެކިއެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށިއެވެ.

އެގޮތުން، މާތް ﷲ އެ ގަސް ކަނޑާލަން ބޭނުންނަމަ، އެކަލާނގެ ރަސޫލެއް ފޮނުއްވައި އެގަސް ކަނޑުއްވާނެ ނޫންތޯއޭ ބުންޏެވެ. ނަމަވެސް އެމީހާ އެވާހަކަތަކެއް އަޑެއް ނާހައި ކުރިޔަށް ދިޔައެވެ. ޝައިޠާނާވެސް ހުއްޓުމެއްނެތި އެމީހާއަށް ވަސްވާސް ދިނުމުގައި ކުރިޔަށް ދިޔައެވެ.

ވަކި ހިސާބަކުން ޝައިޠާނާއާ އެމީހާ ދެބަސްވުން އުފެދި އެކަކު އަނެކަކު ގަދަހަދާން ފެށުނެވެ. ހެޔޮ ރަނގަޅު މީހާ ޝައިޠާނާ ބިންމައްޗަށް ވައްޓާލައި އޭނާގެ ގައިގެ މަތީގައި އިށީނެވެ. އަދި ފުރޯއިން ޝައިޠާނާގެ ކަރު ބުރިކޮށްލަން އުޅުނެވެ. އެހެން ހެދުމުން ޝައިޠާނާ އެމީހާގެ ކައިރީގައި އާދޭސްކޮށްފައި ބުންޏެވެ. ދުނިޔެއާ އާޚިރަތުގައިވެސް ފައިދާ ލިބޭނޭ ކަމެއް ކޮށްދޭނަމެވެ. އަހުރެން ކަލޭއަށް ކޮންމެ ދުވަހަކު 2 ދީނާރު ދޭނަމެވެ.

އެތަނުން އެއް ދީނާރު ނިކަމެއްޗަކަށް ޞަދަޤާތް ކުރާށެވެ. އަނެއް ދީނާރު ކަލޭގެ ބޭނުންކުރާށެވެ. އަދި މާތް ﷲ އަންގަވަންދެން ގަސް ނުކަނޑައި ބަހައްޓާށެވެ.

ޝައިޠާނާގެ މި ވަސްވާހުގައި އެމީހާ ޖެހުނެވެ. ކުރަން ޤަސްދުކޮށްގެން ދިޔަ ހެޔޮ ކަންތައް ދޫކޮށް އަނބުރާ ގެއަށް ދިޔައެވެ.

އަނެއް ދުވަހު އެމީހާ ނިދާ ހޭލިއިރު، ބާލީސް ދަށުން 2 ދީނާރު އެމީހާއަށް ލިބުނެވެ. ޝައިޠާނާ ބުނިގޮތަށް އެމީހާ ނިކަމެއްޗަކަށް އެއް ދީނާރު ޞަދަޤާތް ކުރިއެވެ. އަދި އަނެއް ދީނާރު އަމިއްލަ ބޭނުމަށް ބޭނުންކުރިއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ނިދާގެން ހޭލިއިރު ދީނާރެއް ނުލިބެއެވެ. އެހެންކަމުން އެމީހާގެ ފުރޯ ހިފައިގެން އަނެއްކާވެސް އެއްކަލަ ގަސް ކަނޑާލުމަށް ނުކުތެވެ.

މިފަހަރު ޝައިޠާނާ އެމީހާގެ ގާތަށް މުސްކުޅިއެއްގެ ސިފައިގައި އައެވެ. އަދި އެމީހާ ކުރަންދާ ކަންތައް އޮޅުން ފިލުވިއެވެ. ކުރިޔެކޭވެސް އެއްފަދައިން އެމީހާދަނީ ބަޔަކު މީހުން އަޅުކަން ކުރުމަށް ބޭނުންކުރާ ގަހެއް ކަނޑާލުމަށް ކަމުގައި ބުންޏެވެ. ޝައިޠާނާ އެމީހާއަށް އެގަސް ކަނޑާލުމުގެ ބާރެއް ނެތްކަމުގައި ބުނަމުން ދިޔައެވެ. ދެމީހުން ދެބަސްވުން އުފެދުނެވެ. ނަމަވެސް، ޝައިޠާނާ މިފަހަރު އެމީހާގެ މައްޗަށް ގަދަވެ ގަތެވެ. އެމީހާ ވައްޓާލައި ގައިމައްޗަށް އެރިއެވެ.

މިކަމާ ހައިރާންވެ އެމީހާ ޝައިޠާނާ ކުރެން އޭނާއަށްވުރެ ބާރު ގަދަވީ ކީއްވެތޯ ސުވާލުކުރިއެވެ. ޝައިޠާނާ ބުންޏެވެ. މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ކަމެއް ކުރާ މީހަކާ ކުރިމަތިލާ ގަދަވެގަނެވޭނެ އެއްވެސް މީހަކު ނުވެއެވެ. ނަމަވެސް، ދުނިޔޭގެ އެދުމަށް ކުރާ ކަންކަމަކީ އޭގައި އެއްވެސް އާރެއް ބާރެއް ނެތް ކަމަކަށްވުމާއެކު، އެކަމުގައި އެމީހަކަށް އެއްވެސް އާރެއް ބާރެއް ނުވާނެއެވެ. އެފަދަ މީހަކާ ކުރިމަތިލައި ކުރި ހޯދަން ފަސޭހަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355