އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި މި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ފުވައްމުލަކު ސިޓީ އާއި އައްޑޫގައި ހަތަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަނީ ޏ އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ސައިބާ ސެކިއުރިޓީ، ސްކޭމްއަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިން ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ހަމަ އެއާއެކު، ބީއެމްއެލް ޓީމުގައި ހިމެނޭ ޑޭޓާ އިންޖިނިއާސް، ސޮފްޓްވެއާ ޑިވެލޮޕާސް، ޔޫއައި/ޔޫއެކްސް ޑިޒައިނާޒް އަދި ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓުން ވަނީ ސްކޫލް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އަދި މެންޓަޝިޕް ސެޝަންތަކެއް ވެސް ކުރިޔަށްގެންގޮސްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މީގެ އިތުރުން ބީއެމްއެލްގެ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗު، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރަށް ޒިޔާރަތްކޮށް މި ބްރާންޗް ތަކުގައާއި ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށް ވެސް ހަމަޖެފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.