އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަސޭހަކަމާއެކު ޗެލްސީގެ މައްޗަށް ކުރިހޯދާ އާސެނަލުން އަލުން ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
އެއްވަނައިގައި އާސެނަލް އޮތީ ސިޓީއަށްވުރެ އިތުރަށް ދެމެޗު ކުޅެގެން 34 މެޗުން 78 ޕޮއިންޓާއެކު އެވެ. ސިޓީ ދެވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓާއެކު އެވެ.
ސިޓީން މިރޭ ކުޅޭ މެޗުން މޮޅުވެގެން އަލުން ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރީ 3 - 1 ންނެވެ.
އާސެނަލުން ރޭ 34 މިނެޓުތެރޭ ތިން ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ފުރަތަމަ ދެގޯލު ޖެހީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އާސެނަލުގެ ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ގެބްރިއެލް ޖީސޫސް އެވެ.
ޗެލްސީއަށް ފުރަތަމަ ހާފުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ނުކުރެވުނެވެ. ހާއްސަކޮށް ބެން ޗިލްވެލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ޗެލްސީން އެޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ޖަހައިދިނީ މިއަހަރު ޖެނުއަރީ މަހު އެޓީމާ ގުޅުނު ނޯނީ މަޑުއޭކޭ އެވެ.
ޗެލްސީން ރޭގެ ބައްޔާއެކު ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން ކުޅުނު 6 މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެޓީމުން 33 މެޗުން 39 ޕޮއިންޓާއެކު ލީގުގެ ބާރަވަނައިގައި އޮތްއިރު އެޓީމަށް އެންމެފަހުން ހަމެޗުން ލީގުގައި މޮޅެއް ނުލިބި ދިޔައީ 1993 ވަނަ އަހަރު އެވެ.